އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓާއެކު މި އަހަރުގެ ބަޖެޓް ފޫބައްދަން 5.8 ބިލިއަން ރުފިޔާ އިތުރު ކުރަން ޖެހިވަޑައިގަންނަވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިއްޔެ މަޖިލީހުގައި ވިދާޅުވީ ލަފާކުރާ މިންވަރަށް ކަމަށާއި، މަޖިލީހުން ފާސްކުރި ބަޖެޓަށް ވުރެ އިތުރަށް ހަރަދު އަދި ނުކުރާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން މިހެން ބުނީ، ގާނޫނު އަސާސީއާއި ހިލާފަށް ސަރުކާރުން މިއަހަރު ސަޕްލިމެންޓަރީ ބަޖެޓެއް ފާސްކުރަން އުޅޭތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވާފައި ވަނިކޮށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ މިއަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 36 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށާއި އަންނަ އަހަރަށް ލަފާކުރާ ބަޖެޓު އިއްޔެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއިރު މިއަހަރުގެ ނިޔަލަށް ދައުލަތުގެ ހަރަދު ހުންނާނެ ކަމަށް އަންދާޒާކޮށްފައިވަނީ 42.8 ބިލިއަން ރުފިޔާގައި ކަމަށެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 96 ވަނަ މާއްދާގެ ނ. ގައި ވަރަށް ސާފުކޮށް ބަޔާންކުރަނީ ރައްޔިތުންގެ މަޖިލީހުން ހުއްދަ ލިބިގެން މެނުވީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ މިންވަރަށްވުރެ ހަރަދު އިތުރުކޮށްގެން ނުވާނެ ކަމަށް،
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަައްމަދު ނަޝީދު

އެކަމާ ގުޅިގެން މިނިސްޓްރީން ބުނީ، ބަޖެޓު ބަޔާން ހުށަހަޅުއްވަމުން އަމީރު ވިދާޅުވީ ލަފާކޮށްފައިވާ ހިސާބުތަކެއް ކަމަށާއި މި އަހަރަށް މަޖިލީހުން ފާސްކުރި ބަޖެޓަށް ވުރެ އިތުރަށް ސަރުކާރުން އަދި ހަރަދުކޮށްފައިނުވާ ކަމަށެވެ.

މީގެ އިތުރުން ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ބަޖެޓަށް އިތުރުކުރަންޖެހޭ ބައި މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން 42.68 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފިއެވެ. މިއީ 8.46 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ. ފިނޭންސް މިނިސްޓްރީން ބުނީ، އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި ކޮވިޑުގެ ބަލިމަޑުކަމާއި ރަޝިއާ-ޔޫކްރައިން ހަނގުރާމައިގެ ސަބަބުން އިތުރުވެގެން ދިޔަ ހިރާސްތައް ކުޑަކޮށް، ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް އިސްކަންދީފައި ވާނެ ކަމަށެވެ.

މީގެ އިތުރުން އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 32.1 ބިލިއަން ރުފިޔާއެވެ. އެގޮތުން އާމްދަނީގެ ގޮތުގައި 29.62 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، ހިލޭ އެހީ އާއި އެހެނިހެން ގޮތްގޮތުން 2.48 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.