ކެންޔާގައި އިންޑިއާގެ 2 ފިރިހެނުންނާއި އެމީހުން ދަތުރުކުރި ޓެކްސީގެ ޑްރައިވަރަށް ވީނުވީއެއް ނޭނގި ގެއްލުނުތާ 3 މަސް ވެފައި ވާއިރު، މައްސަލައިގެ ތުހުމަތުގައި މި އޮކްޓޫބަރު މަހު ވަނީ ކެންޔާގެ 9 ފުލުހަކު ހައްޔަރު ކޮށްފައެވެ. އަދި އިންޑިއާއިން މި މައްސަލަ ގާތުން ބަލަމުންދާ ކަމަށް ވެސް ވަނީ ބުނެފައެވެ.

ގެއްލުނު އެކަކު ކަމުގައިވާ ޒުލްފިގާރް އަހްމަދު ހާން އެންމެ ފަހުން ސޯޝާލް މީޑިއާގައި ކުރި ޕޯސްޓަކީ އޭނާ ޗުއްޓީ ހޭދަކުރަމުން ދިޔަ ކެންޔާގެ މާސައިމާރާގެ ހިސާބެއްގައި ސިންގާއެއް ގޮވާ އަޑު އިވޭ ވީޑިއޯއެކެވެ. 48 އަހަރުގެ މީޑިއާ މާކެޓިން ޕްރޮފެޝަނަލް އެއް ކަމުގައިވާ ހާން އެންމެ ފަހުން އަދާކުރީ މުމްބާއީގެ ޓީވީ ކުންފުންޏެއް ކަމުގައިވާ ބާލާޖީ ފިލްމްސްގެ ސީއީއޯގެ މަގާމެވެ.

ހާންގެ ރަހުމަތްތެރިން އޭނާ ސިފަކުރަނީ ކުޅިވަރަށާއި، ކެއުމަށް އަދި ދަތުރުކޮށް ކަންކަން ބަލައި ހޯދުމަށް ލޯބިކުރާ މީހެއްގެ ގޮތުގައެވެ.

ޖޫން މަހު ވަޒީފާ ދޫކޮށްލުމަށް ފަހު ހާން ކެންޔާގެ ނައިރޯބީގައި އެއް މަސް ދުވަސް ވާންދެން ޗުއްޓީ ހޭދަކުރިއެވެ. އޭނާގެ ފޭސްބުކް އަދި އިންސްޓަގްރާމްގައި ދަތުރުގެ އެތަކެއް ފޮޓޯތަކާއި ވީޑިއޯތައް ޕޯސްޓުކޮށްފައި އެބަހުއްޓެވެ. އަދި އޭނާ ގެއްލުމުގެ 4 ވަރަކަށް ދުވަސް ކުރިން އިންޑިއާގައި ތިބި ރަހުމަތްތެރިންނަށް ގުޅާފައި ކެންޔާ އެއްކޮށް ބެލުމަށް ވަރަށް ފޯރީގައި ހުރިކަމަށް ބުނިކަމަށް ވެއެވެ. މީގެ އިތުރުން ޖުލައި 24 ގައި އިންޑިއާއަށް އެބުރި ދާނެ ކަމުގައިވެސް ބުނެފައި ވެއެވެ.

ހާން ގެއްލިފައި ވަނީ ޖުލައި 22 ވަނަ ދުވަހުގެ ރޭ އޭނާގެ ރަހުމަތްތެރި އިތުރު އިންޑިއާ ފިރިހެނަކާއި އެމީހުންގެ ކެންޔާ ޑްރައިވަރާ އެކީ ބާ އަކުން ނިކުތް ފަހުންނެވެ.

ހާދިސާގައި ގެއްލުނު ދެވަނަ އިންޑިއާ މީހަކީ ޓޫރިސްޓު ވިސާގައި ނައިރޯބީގައި ޗުއްޓީ ހޭދަކުރަމުން ދިޔަ 36 އަހަރުގެ މުހައްމަދު ޒައިދު ސާމީ ކިދްވައި ކިޔާ މީހެކެވެ. އިންޑިއާގެ ލަކްނޯ އަށް އުފަން އެކަމަކު ދުބާއީގައި ދިރިއުޅެމުން ދިޔަ މުހައްމަދު ޒައިދާ ބެހޭ އެހާ ގިނަ މައުލޫމާތެއް ލިބިފައެއް ނެތެވެ. ނަމަވެސް އޭނާ އަކީވެސް އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ މާހިރެއް ކަމަށް ކެންޔާގެ މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

ނައިރޯބީގައި ހުންނަ އިންޑިއާގެ އެމްބަސީއަށް ޖުލައި މަހު ފޮނުވި ސިޓީއެއްގައި މުހައްމަދު ޒައިދުގެ އަންހެނުން އަމްބްރީން ކިދްވައި ބުނެފައިވާ ގޮތުގައި އޭނާގެ ފިރިމީހާ މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އެކި ފަހަރު މަތިން ކެންޔާއަށް ގޮސްފައި ވެއެވެ. އަމްބްރީން ބުނެފައިވާ ގޮތުގައި ގެއްލުނު ހާން އާއި އޭނާގެ ފިރިމީހާ މުހައްމަދު ޒައިދުއަކީ ދެ ރަހުމަތްތެރިންނެވެ.

ދެމީހުން ޖުލައި 22 ވަނަ ދުވަހުގެ ރޭ އެމީހުން ތިބި ނައިރޯބީގެ ހޮޓަލުން ނިކުތީ އެރޭގެ 22:45 ހާއިރު ބާ އަކަށް ދިޔުމަށެވެ. އަދި އެނބުރި ނައިސް ލަސްވުމުން އެރޭ 1 ހާއިރު ކޮބައިތޯ ބަލަން ގުޅިކަމަށާއި އަދި 15 މިނިޓު ތެރޭ ބާ އިން ނިކުންނާނޭ ކަމަށް ޒައިދު ބުނިކަމަށް ވެސް އޭނާގެ އަންހެނުން ބުނެފައި ވެއެވެ. އަދި އޭނާ އަށް ނިދިފައި 3 ޖެހި އިރު ހޭލެވުނު އިރު ފިރިމީހާ ނެތުމުން އަނެއްކާ ވެސް ފޯނަށް ގުޅިކަމަށް ބުންޏެވެ. ނަމަވެސް ފިރިމީހާ އާއި ޑްރައިވަރުގެ ފޯނުވެސް އޮތީ ނިއްވާލާފައި ކަމަށާއި އެހެންވެ އެވަގުތު ނައިރޯބީގައި ތިބި ދަންނަ އިތުރު މީހުންނަށް ގުޅައިގެން ވެސް ދިމާވިތޯ ބެލިކަމަށް ވެސް ބުންޏެވެ. ނަމަވެސް އެއްވެސް މީހަކަށް ޒައިދު ފެނިފައެއް ނުވެއެވެ.

އެހެންކަމުން ހެނދުނު ފުލުހަށް ގޮސް އަމްބްރީން ވަނީ އޭނާގެ ފިރިމީހާ އަދި ހާން ގެއްލުނު ކަމަށް ރިޕޯޓު ކޮށްފައެވެ. އަދި އެމީހުން އެރޭ ދިޔަކަމަށް ބުނި ބާ އަށް ގޮސް އެތަނުގެ ސީސީޓީވީ ފުޓޭޖު ބެލުމުން އެއިން ފެންނަ ގޮތުގައި ދެމީހުން ވަނީ އެރޭ ދަންވަރު 1 ޖަހަން އުޅެނިކޮށް އެތަނުން ނިކުމެގެން ގޮސް ޓޮޔޯޓާ ކާރަކަށް އަރާފައެވެ. އޭގެ ދުވަސް ތަކެއް ފަހުން މި ކާރު އެހެން ހިސާބަކަށް އެއްލާލައިފައި ވަނިކޮށް ފުލުހުން ވަނީ ހޯދާފައެވެ.

އިންޑިއާ ދެމީހުން ގެއްލުނު މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި ފުލުހުން./ ފޮޓޯ: ގެޓީ އިމޭޖަސް

މުމްބާއީގައި ތިބި ހާންގެ ރަހުމަތްތެރިން ބުނެފައިވާ ގޮތުގައި ޖުލައި 21 ވަނަ ދުވަހުން ފެށިގެން އޭނާގެ އެއްވެސް ހަބަރެއް ނުވެއެވެ. އެގޮތުން ސޯޝަލްމީޑިއާގައި އެއްވެސް އެއްޗެއް އަޕްޑޭޓްވެސް ކޮށްފައި ނުވާ ކަމަށާއި އެއްވެސް ވަރަކަށް ފޯނުން ވެސް ނުގުޅޭ ކަމަށް ބުނެފައި ވެއެވެ. އަދި އެމީހުން އެންމެ ކަންބޮޑުވީ ހާން އަށް ފޮނުވާ ވަޓްސްއެޕް މެސެޖުތައް ޑެލިވާ ނުވާ ކަމަށް މެސެޖު ލިބޭތީ ކަމަށް ވެސް ބުނެފައި ވެއެވެ.

މި ހާދިސާގެ މާބޮޑު ކުރިއެރުމެއް ކެންޔާ ފުލުހުންނަށް ހޯދިފައި ނުވާ އިރު 70 ދުވަސް މަޑުކުރުމަށް ފަހު ހާންގެ ރަހުމަތްތެރިން ވަނީ މިކަމުގައި އެހީ އަކަށް އެދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަށް ޕެޓިޝަނެއް ވެސް ހުށައަޅާފައެވެ. އަދި މި ޕެޓިޝަނުގައި މިހާތަނަށް 10،000 މީހުން ސޮއިކޮށްފައި ވެއެވެ.

"ހާން އަކީ ހަމައެކަނި ތަނެއް ބަލާލުމަށް ގައުމަކަށް ޒިޔާރަތް ކުރާނެ މީހެއް ނޫން. އެތަނުގެ ތާރީހާއި ސަގާފަތް ދިރާސާކުރަން އެތައް ދުވަހެއް އެތަނެއްގައި ހޭދަކުރާނެ." ޕެޓިޝަންގައި ލިޔެފައިވެއެވެ.

އަދި ހާންގެ ކެންޔާ ދަތުރުގެ ބޭނުމަކީ އާ ގައުމެއް ބަލައި ދިރާސާކުރުން ކަމަށާއި، ނަމަވެސް އޭނާ ކުއްލިއަކަށް ވީނުވީއެއް ނޭނގި އާއިލާ އަދި ރަހުމަތްތެރިންނަށް ގެއްލުނީ ކަމަށް ލިޔެފައި ވެއެވެ.

އެމީހުންނަށް ވީ ކިހިނެއް؟

ކެންޔާގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކުރި ގޮތުގައި އިންޑިއާގެ އެ ދެމީހުން ކެންޔާއަށް ދިޔައީ މިދިޔަ ސެޕްޓެމްބަރު މަހު އެގައުމުގައި ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރި ވިލިއަމް ރޫޓޯގެ ރިޔާސީ ކެމްޕޭންގައި އެހީތެރި ވުމަށެވެ. އަދި އެމީހުން ގެއްލިފައި ވަނީ އެމީހުންގެ ޑްރައިވަރާ އެކު ނިކުތްތާ މާ ގިނަ އިރެއް ނުވަނީސް ކަމަށް ވެސް ރިޕޯޓު ކޮށްފައި ވެއެވެ.

ހާދިސާއަށް 3 މަސް ފަހުން ކެންޔާ ފުލުހުން ހާމަކޮށްފައި ވާ ގޮތުގައި އިންޑިއާގެ 2 މީހުންނާއި ކެންޔާގެ ޑްރައިވަރު ރަހީނުކޮށް މަރާލި ކަމުގެ ހާދިސާގެ ތުހުމަތުގައި 21 އޮކްޓޫބަރުގައި ވަނީ 9 ފުލުހަކު ހައްޔަރު ކޮށްފައެވެ. އަދި މި ފުލުހުންނަކީ މިދިޔަ ހަފްތާގައި ކެންޔާގެ ރައީސް އުވާލައިފައިވާ ފުލުހުންގެ ޔުނިޓެއް ކަމުގައިވާ ސްޕެޝަލް ސާވިސް ޔުނިޓް ކިޔާ ސްކޮޑެއްގެ ބައެއް ކަމަށް ވަނީ ލަފާކުރެވިފައެވެ. މި މީހުންގެ މައްޗަށް މީހުން ވަގަށް ނަގާ ގެއްލުވާލުމުގެ ތުހުމަތު ތަކެއްވެސް ވަނީ ކުރެވިފައެވެ.

އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ޖަމާއަތްތަކުން ބުނާގޮތުގައި އެމީހުން ކުރި މިނިވަން ތަހުގީގުތަކުން ހާމަވެފައިވާ ގޮތުގައި ފާއިތުވި 4 ވަރަކަށް އަހަރުގެ ތެރޭގައި ގެއްލިފައި އަދި މަރުވެފައިވާ 600 ވަރަކަށް މީހުން ގެއްލުމާއި މި ފުލުހުންގެ ޔުނިޓުތަކާ ވަނީ ގުޅިފައެވެ. މަރާލި ބައެއް މީހުންގެ ހަށިތައް ވަނީ ކެންޔާގެ ހުޅަނގު އުތުރުގެ ކޯރުތަކުން ފެނިފައެވެ.

ދެމީހުން މަރާލުމަށްފަހު އެއްލާަލި ކަމަށް ފުލުހުން ބުނާ ސަރަހައްދު. / ފޮޓޯ: ގެޓީ އިމޭޖަސް

ގެއްލިފައިވާ އިންޑިއާގެ ދެމީހުންގެ މައްސަލައިގައި ހައްޔަރުކުރި ފުލުހުންގެ ތެރޭގައި ޗީފް އިންސްޕެކްޓަރަކާއި، ކޯޕްރަލުންނާއި ޑްރައިވަރުން ހިމެނެއެވެ. ނަމަވެސް އެމީހުންގެ މައްޗަށް އަދި ދައުވާކޮށްފައި ނުވާ ކަމަށާއި އެމީހުން ހައްޔަރު ކޮށްފައި ވަނީ ބަޔަކު ސިޔާސީ ބޭނުމެއްގައި ކަމަށް އެމީހުންގެ ވަކީލުން ވަނީ ބުނެފައެވެ.

މިދިޔަ ހޯމަ ދުވަހު ފުލުހުން ކޯޓަށް ހުށައެޅި ލިޔުންތަކުގައި ވާގޮތުން އިންޑިއާގެ ދެމީހުން ގޮވައިގެން ދިޔަ ޓެކްސީ ނައިރޯބީގެ މަގުމަތިން ގަދަކަމުން ހުއްޓުވާފައި ވަނީ އެހެން ކާރެއްގައި ދިޔަ ބައެކެވެ. އަދި އެ ދެމީހުންނާއި ޑްރައިވަރު ރަހީނުކޮށް އެހެން ވެހިކަލެއްގައި ނައިރޯބީއާއި ގާތްގަނޑަކަށް 150 މޭލު ދުރުގައިވާ ހިސާބަކަށް އެމީހުން ގެންގޮސް މަރާލުމަށް ފަހު ހަށިގަނޑުތައް އެއްލާލީ ކަމަށް ބެލެވޭ ކަމުގައެވެ.

މިކަންތަކުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ބެލެވޭ 4 މީހެއްގެ މައުލޫމާތު ފުލުހުން ހުށައެޅި އިރު އޭގެ ތެރޭގައި ކުރިންވެސް 3 މީހަކު ރަހީނުކޮށް މަރާލުމަށް ރޭވި މީހަކު ހިމެނެއެވެ.

މިދިޔަ ހަފްތާގައި ފުލުހުން ވަނީ ގެއްލުނު މީހުންގެ ތަކެތި ކަމަށް ބުނެ އަންނައުނު ތަކަކާއި އަދި އިތުރު ސާމާނުތަކެއް ޑީއެންއޭ ހެދުމަށް ކޯޓުގެ ހުއްދައަށް ހުށައަޅާފައެވެ. ކެންޔާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެތަކެތި ހޯދުނު ހިސާބުން ވަނީ ބެލްޓަކާއި އިންސާނުންގެ ކަށިތަކެއް ވެސް ފެނިފައެވެ.

މީގެ އިތުރުން ކެންޔާ ފުލުހުން ބުނެފައިވާ ގޮތުގައި އިންޑިއާ ދެމީހުން ކެންޔާއަށް ގޮސް އުޅުނީ "ވިޔަފާރީގެ ބޭނުމެއްގައެވެ".

ނަމަވެސް ހާންގެ އާއިލާ އަދި ރަހުމަތްތެރިން މިވާހަކަތައް ދޮގުކުރެއެވެ. މީގެ އިތުރުން ގެއްލުނު ޒައިދުގެ އަންހެނުން ފޮނުވި ސިޓީގައިވެސް ބުނެފައި ވަނީ އޭނާގެ ފިރިމީހާ ކެންޔާ އަށް ގޮސް އުޅުނީ ފަތުރުވެރިއެއް ގޮތުގައި ޗުއްޓީ ހޭދަކޮށްލުމަށެވެ.

ޙާންގެ ރަހުމަތްތެރިއެއް ކަމުގައިވާ ޑުބޭ ބުނެފައިވާ ގޮތުގައި ހާން އާއި އިތުރު ރަހުމަތްތެރިއެއް ކައިރީގައިވެސް ދުވަހަކުވެސް ކެންޔާގައި އެފަދަ ކަމެއް ކުރި ވާހަކައެއް ބުނެފައެއް ނުވެއެވެ. އަދި ކޮންމެ ކަމެއް ކުރުމުގެ ކުރިންވެސް އޭނާއާ ހިއްސާކުރާ ކަމަށް ވެސް ބުނެފައި ވެއެވެ.

ނަމަވެސް ކެންޔާގެ ރައީސް ރޫޓޯގެ ރިޔާސީ ކެމްޕޭނުގައި އިސްކޮށް އުޅުނު ޑެނިސް އިޓުމްބި ކިޔާ މީހަކު ބުނެފައި ވަނީ ރޫޓޯގެ ސޯޝަލް މީޑިއާ ކެމްޕޭނުގައި އިންޑިއާ ދެމީހުން އޭނާ އަށް އެހީތެރިވެދީފައިވާ ކަމުގައެވެ.

ކެންޔާގެ ރައީސް ރޫޓޯ./ ފޮޓޯ: އޭއެފްޕީ

"އަހަރެންނާއި އެދެމީހުން ވަރަށް ގިނަ ފަހަރަށް ނައިރޯބީން ބައްދަލުވި. އެމީހުން އުޅުނު ތަންވެސް އަހަރެންނަށް އިނގޭ. އެދެމީހުން އުޅޭ ޓެލެގްރާމް ގްރޫޕެއްގައި އަހަރެން ވެސް އިންނަން. އަދި ސީދާ ވަޒީފާއެއްގެ ގޮތުން ނޫނަސް އެދެމީހުން ވަނީ ކެމްޕެއިންގައި އަހަރުމެންނަށް އެހީތެރިވެދީފައި. އަދި އެކި ހިޔާލުވެސް ދިން. އަހަރުމެން އެހިޔާލުތައް ބަލައިވެސް ގަތިން" އިޓުމްބި ބުނެފައިވެއެވެ.

ހާން އަދި ޒައިދުގެ އާއިލީ ވަކީލު އަހުމަދު ނާސިރު އަބްދުﷲ ހާމަކުރި ގޮތުގައިވެސް ކެންޔާގެ ރިޔާސީ އިންތިހާބުގައި އެދެމީހުން ވަނީ ސޯޝަލްމީޑިއާ ކެމްޕެއިން ތަކުގައި ކޮންމެވެސް ވަރަކަށް އެހީވެދީފައެވެ. އަދި އެމީހުންނަކީ އެދާއިރާގެ ތަޖުރިބާކާރުން ކަމަށްވެސް ބުނެފައި ވެއެވެ.

ޖަވާބު ނުލިބޭ ގިނަ ސުވާލުތަކެއް؟

ކެންޔާ ފުލުހުން ބުނާގޮތުގައި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންނާ ދެކޮޅަށް އަދިވެސް އެކަށީގެންވާ ވަރަށް ހެކި ނުލިބެއެވެ. އަދިވެސް އިތުރު ހެކި ހޯދަން ޖެހެއެވެ.

މީގެ އިތުރުން އެތަކެއް ސުވާލުތަކެއް އުފެދެއެވެ.

ގެއްލުނު އިންޑިއާގެ ދެމީހުން ކުރިންވެސް އެކަކު އަނެކަކަށް ދަނޭތޯ އާއި އެމީހުން ކެންޔާގެ ރިޔާސީ އިންތިހާބުގައި ކެމްޕެއިން ކުރުމުގެ ތެރެއިން ސިޔާސީ ބައެއްގެ އަތްދަށު ވީތޯ އާއި ދެމީހުން ކިޑްނެޕް ކުރަން ޖެހުނު ސަބަބަކީ ކޮބައި ތޯ ވެސް ސުވާލު އުފެދެއެވެ. އަދި ފުލުހުން ހޯދާފައި ވަނީ ތިންމީހުންގެ ތެރެއިން ކާކުގެ ސާމާނެއްތޯވެސް ވަނީ ސުވާލު އުފެދިފައެވެ.

މި ސުވާލުތަކުގެ ޖަވާބު ހަމަ އެއްވެސް މީހަކަށް ނޭނގެއެވެ. ރަހުމަތްތެރިންނާއި އާއިލާ އިންތިޒާރު ކުރަމުން ދަނީ ހަގީގަތް ހާމަވާނޭ ދުވަހަކަށެވެ.