މާކެޓް ރޭޓަށްވުރެ އަގު ބޮޑުކޮށް މަސްވެރިންގެ އަތުން މަސްގަތުމުގެ ސަބަބުން މިފްކޯއަށް ލިބޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި ސަބްސިޑީ ދޭން އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހިމަނައިފިއެވެ.
އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅި 42.68 ބިލިއަން ރުފިޔާގެ ބަޖެޓުގައި ނަރުދަމާގެ ހިދުމަތާއި މަސްވެރިންނަށް ސަބްސިޑީ ދޭން ފަށަން ހިމަނާފައި ވަނީ އިޖުތިމާއީ ރައްކާތެރި ކަމަށް ކަނޑައެޅި 3.91 ބިލިއަން ރުފިޔާގެ ތެރޭގައެވެ.
މިއަދު މަޖިލީހުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިއްވެވި ބަޖެޓުގައި ވިދާޅުވީ ނަރުދަމާގެ ހިދުމަތުގެ ސަބްސިޑީ އަކީ ފެނަކަ ކޯޕަރޭޝަނުން ނަރުދަމާގެ ހިދުމަތްދޭ ރަށްރަށުގައި އެ ހިދުމަތަކީ މިހާރު އަގު ނުނެގޭ ހިދުމަތަކަށް ވުމުން އެ ހިދުމަތް ފޯރުކޮށް ދިނުމަށް ދެވޭ ސަބްސިޑީއެއް ކަމަށާއި މަސްވެރިކަަމަށް ދޭ ސަބްސިޑީ އަކީ މިފްކޯއަށް ދޭ ސަބްސިޑީ އަކަށް ވާއިރު މާކެޓް ރޭޓަށް ވުރެ އަގު ބޮޑުކޮށް މަސްވެރިންގެ އަތުން މަސް ގަތުމުގެ ސަބަބުން މިފްކޯއަށް ލިބޭ ގެއްލުމުގެ ބަދަލުގައި ދޭ ސަބްސިޑީއެއް ކަމަށެވެ.
އިންޑައިރެކްޓް ސަބްސިޑީގެ ގޮތުގައި ހަރަދުކުރެވޭ ގިނަ ސަބްސިޑީ ތަކަކީ ސަރުކާރުން ހިއްސާވާ ކުންފުނިތަކުން ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން މާކެޓް ރޭޓަށް ވުރެ އަގު ހެޔޮކޮށް ހިދުމަތްތަށް ދިނުމުން އެ ކުންފުނިތަކަށް ލިބޭ ގެއްލުމުގެ ބަދަލުގައި ދޭ ސަބްސިޑީ ތަކެކެވެ.
އިންޑައިރެކްޓް ސަބްސިޑީގެ ގޮތުގައި 2022 ވަނަ އަހަރުގެ ނިޔަލަށް ހަތް ބާވަތުގެ ސަބްސިޑީ އަކަށް ދައުލަތުން ހަރަދުކޮށްފައި ވާއިރު އޭގެ ތެރޭގައި ހިމެނެނީ ކާބޯތަކެއްޗާއި ތެލާއި ކަރަންޓުގެ އިތުރުން ޓްރާންސްޕޯޓެވެ.