އުފެއްދުންތެރި މުސްލިކަމަށްވާން ބޭނުންނަމަ އެންމެ ފުރަތަމަވެސް ފަތިސްނަމާދުން ދުވަސް ފެށުމަށް މުފްތީ މެންކް ވިދާޅުވެއްޖެއެވެ.

ރޭ އައްޑޫ ސިޓީގައި ބޭއްވި މުފްތީ މެންކްގެ ދީނީ ދަރުސް ކުރިއަށްގެންގޮސްފައި ވަނީ އުފެއްދުންތެރި މުސްލިކަމަށްވުމުގެ މައްޗަށެވެ.

މުފްތީ ވަނީ ކޮންމެ ކަމަކަށްވެސް ވަގުތުތަކެއް ކަނޑައަޅުއްވާފައިވާއިރު އެގޮތަށް ދިރިއުޅުމުގެ ހުރިހާ ކަމެއްވެސް ބައްޓަން ކުރަންޖެހޭ ކަމަށާއި އެގޮތުން އަޅުކަމާއި ދިރިއުޅުމުގެ އެހެނިހެން ކަންކަމަށް ވަގުތު ހުސްކުރުމުގައި ވިސްނުންތެރިކަމާއިއެކު މަސައްކަތްކުރުމަށާއި ތިމާއަކީ ނަމާދުކުރުމުގައި ކަންނެތް މީހެއްކަމުގައިވާނަމަ އެމީހަކު އަމިއްލަ ނަފްސަށް ހިތްވަރުދީގެން ފަތިސް ނަމާދުން ދުވަސް ފެށުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

ނަމާދަށް ފަރުވާކުޑަ ނުކުރުމަށް ނަސޭހަތްތެރިވަމުން މުފްތީ ވިދާޅުވީ އަބަދުވެސް ނަމާދުތައް އެ ނަމާދެއްގެ ވަގުތުގައި އަދާކުރުމަށް ހިތްވަރާއެކު މަސައްކަތްކުރަން ޖެހޭ ކަމަށާއި ނަމާދަކީ ދުނިޔެއާއި އާހިރަތަށްޓަކައި ކޮންމެ މުސްލިމަކުވެސް ކުރަން މާތްﷲ ކަނޑައަޅުއްވާފައިވާކަމެއް ކަމަށާއި އެކަމުން ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބިގެންދާ ކަމަށެވެ.

މުފްތީ ވިދާޅުވީ މުސްލިމަކު ކުރާ ކުޑަކުޑަ ހެޔޮ ކަމަކުންވެސް އެތައް ސަވާބަކާއި ދަރުމައެއް ލިބޭކަން ކަމަށާއި ދަރިން ހެޔޮގޮތުގައި ބަލައި ބޮޑުކުރުމާއި ފުރިހަމަ މުސްލިމެއްގެ ގޮތުގައި އެކުދިން ބޮޑުކުރުމަކީ މައިންބަފައިންގެ މައްޗަށް ވާޖިބުކަމަކަށްވާއިރު އެންމެ ފުރަތަމަކަމަށް ދަރިންނަށް ދީން އުނގަންނައި ދޭންޖެހޭ ކަމަށެވެ. އަދި ދަރިން ތަރުބިއްޔަތުކުރުމުގައި މިހާރު ޓެކްނޯލޮޖީއާއި ގާތް ޒަމާނެއްގައި ދަރިންނަށް ދޭންޖެހޭ ވަގުތު ދީ ދަރިންގެ ކަންކަމުގައި ވަގުތު ހޭދަކުރާއިރު ފޯނާއި އެފަދަ ޓެކްނޯލޮޖީއާއި ދުރުވުމަށް މުފްތީ ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

އިންސާނުންނަކީ ކުށްކުރެވޭ ބަޔަކަށްވާއިރު އެކެއްގެ ފުށުން ތިމާއަށް ދެރަގޮތެއް ދިމާވެ ތަކުލީފު އުފުލަންޖެހުނަސް އެކަންކަން ހިތުގައި ނުބާއްވާ މައާފުކޮށް އެކަމެއް ހަނދާން ނައްތާލުމަކީ އެންމެ ރަނގަޅުގޮތް ކަމަށާއި އިސްލާމްދީނުގައި މައާފަށް އެދުމާއި މައާފްކުރުން ލައްވާފައިވަނީ އެތައް ސަބަބެއް އޭގައި އެކުލެވޭތީކަން ކަމަށް މުފްތީ ވަނީ ވިދާޅުވެފައެވެ.

މިފަދައިން އަމަލުކޮށްފިނަމަ ވިސްނަންޖެހޭ ވިސްނުމާ ދުރުވާނެކަމަށާއި ދިރިއުޅުމުގެ އެހެނިހެން ކަންކަމާއިގެން އުފެއްދުންތެރިކަމާއިއެކު ކުރިއަށް ދެވޭނެ ކަމަށާއި އެންމެ ބާރުގަދަ މީހަކީ އެމީހާގެ ރުޅި ކޮންޓްރޯލްކުރާ މީހާއަށްވާއިރު މާފުކުރުމަކީވެސް ހަމަ މިފަދަ ކަމެއްކަމަށް މުފްތީ މެންކް ވިދާޅުވިއެވެ.