ޗާގޯސް މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގައި ރާއްޖެއިން ނަގާފައިވާ ސްޓޭންޑް ބަދަލުކުރުމާ ގުޅިގެން އިދިކޮޅުން މިރޭ ހަރަކާތެއް ކުރިއަށްގެންދަން ނިންމައިފިއެވެ.

އިދިކޮޅު ކޯލިޝަނުން ބުނީ "އައި ސްޓޭންޑް ވިތް މޯލްޑިވްސް"ގެ ނަމުގައި ފޯޅަވަހި ވިއްކާލުމާ ދެކޮޅަށް ބާއްވާ ހާއްސަ ހަރަކާތެއް މިރޭ 8:30 ގައި ޕީޕީއެމް އޮފީސް ކުރިމަތިން ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ފޯޅަވަހި މައްސަލާގައި ރާއްޖެއިން ނަގާފައިވާ ސްޓޭންޑް ބަދަލުކުރުމާ ގުޅިގެން އިދިކޮޅާއި އެމްޑީޕީގެ މެންބަރުންވެސް އަންނަނީ ފާޑުވިދާޅުވަމުންނެވެ. އެގޮތުން އެކަން އެގޮތަށް ކުރީ އިންޑިއާގެ ނުފޫޒު އޮވެގެން ކަމަށް އިދިކޮޅުން ތުހުމަތުކުރަމުންގެންދާއިރު ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ވެސް ވަނީ އިންޑިއާގެ ނުފޫޒު މިކަމުގައި އޮތް ކަމަށް ގަބޫލުކުރެވޭ ކަމަށް ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން ސަރުކާރުން ވަނީ އެއްވެސް ގައުމެއްގެ ނުފޫޒު އެކަމުގައި ނެތް ކަމަށްވެސްވިދާޅުވެފައެވެ.

މިކަމާ ގުޅިގެން މި މައްސަލާގައި ރާއްޖޭގެ ފަރާތުން މަސައްކަތްކުރައްވާ ގާނޫނީ ޓީމްގެ ވެރިޔާ ޕްރޮފެސަރު ޕަޔަމް އަހަވަން ވަނީ ޗާގޯސް މައްސަލައިގައި އިން ވަކިކުރާއިރު މޮރިޝަސްއަށް ވުރެ ރާއްޖެއަށް ލިބޭ ބައި ކުޑަވާނެ ކަމަށްވެސް ވިދާޅުވެފައެވެ.

ޕަޔަމް ވިދާޅުވީ ފުށުއަރާ ސަރަހައްދު އެއްކޮށް ރާއްޖެއަށް ލިބެންޖެހޭނެ ކަމަށް ބައެއް މީހުންނަށް ހީވާ ކަމަށާއި އެކަމަކު އެއީ ކަނޑުގެ ސަރަހައްދު ބެހުމުގައި އޮންނަ އުސޫލެއް ނޫން ކަމަށެވެ. އަދި ދެ ގައުމުގެ އިން ފުށުއަރާ 100،000 އަކަ ކިލޯމީޓަރުގެ ރާއްްޖެއަށް ލިބޭނީ 43،000 އަކަ ކިލޯ މީޓަރަށް ވުރެ ކުޑަކޮށް ނަމަވެސް މޮރިޝަސްއަށް އެއަށްވުރެ ބޮޑުކޮށް ލިބޭނެ ކަމަށާއި އެހެންނަމަވެސް ދެ ގައުމަށް ލިބޭ ބައި އަޅާ ކިޔާއިރު މާ ބޮޑު ފަރަގެއް ނޯންނާނެ ކަމަށްވެސް ޕްރޮފެސަރު ވިދާޅުވިއެވެ.