ކައިވެންޏަށް ފަހު ކޮންމެ ދެމަފިރިއަކު ވެސް ދެން ކުރާނެ އުންމީދަކަށް ވާނީ ދަރިއަކު ލިބުމުގެ ފޮނި އުންމީދެވެ. އެ ގޮތުން ނ. މަނަދޫ ފާތިމަތު ރިޝްފާ އާއި ސ. ފޭދޫ އަލީ ޖަވާދު ކައިވެނީގެ ގޮށުން ބަނދެވި ދިރިއުޅުން ކުރިއަށް ދިޔަ އިރު އެ ދެމަފިރިންނަށް ދަރިޔަކު ލިބެން އުޅޭ ކަމުގެ ހަބަރަކީ އެ އާއިލާއަށް އިންތިހާ އުފާވެރިކަން ގެނުވި ހަބަރެކެވެ. އެ ހަޔާތަށް އަނދިރިކަމެއް ގެނުވީ، މާބަނޑު ދުވަސްވަރު ބަނޑުގައި އޮތް ދަރިފުޅުގެ އެއްވެސް މައްސަލައެއް ހުރިކަން ފާހަގަ ކުރެވިފައި ނުވި ނަމަވެސް ކުއްޖާ އުފަން ވީ ފަހުން ސިއްހީ ގިނަ މައްސަލަތަކެއް ފެންނަން ފެށި ހިސާބުންނެވެ.

މޭ 10، 2020 ގައި ސްރީލަންކާއަށް އުފަންވި އެ ދެމަފިރިންގެ އަންހެން ދަރިފުޅު ތާރާ ބިންތު އަލީ ޖަވާދުގެ ސިއްހީ މައްސަލަަތަކެއް ފުރަތަމަ ފާހަގަވެގެން ދިޔައީ އެންމެ ތުއްތު އިރުއެވެ. އެގޮތުން އުފަންވީ އިރުވެސް ނާރުގެ މައްސަލަަތަކެއް ހުރި އިރު، އެ ކުއްޖާގެ ކަނާތް ފަރާތުގެ ތިން ނާރެއްގެ މައްސަލައެއް ފެނި އެ އާއިލާގެ ބޯމައްޗަށް ކަޅު ވިލާގަނޑެއް އައިސް ބަނަ ކޮށްލި ފަދަ އިހްސާސެއް ކުރުވިއެވެ. އެކަމަށް ފަރުވާ ހޯދައިގެން ތިއްބާ ދެން އަނެއްކާ ވެސް ތާރާ ތުއްތު އިރު ސިއްހީ އިތުރު މައްސަލަތައް ފެންނަން ފެށިއެވެ.

ނާރުގެ މައްސަލަތަކާ ގުޅޭ ގޮތުން ނައިންވެލްސް ކެއާ ހޮސްޕިޓަލުން ދީފައިވާ ލިޔުން

އޭރު އައިޖީއެމްއެޗުން ބެލި ޑޮކްޓަރުން ބުނީ އެ ކުއްޖާއަށް ޓީބީ ޖެހިފައިވާ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ނަމަވެސް ރާއްޖެއިން ބޭރަށް ގޮސް ޑޮކްޓަރަށް ދެއްކުމުން އެނގުނީ އެ ކުއްޖާ ތަހައްމަލު ކުރަމުންދާ ބައްޔަކީ ވާރުތަ ކުރާ ބައްޔެއް ކަމެވެ. އެއީ ވިއެޑްމޭން ސްޓެއިނާ ސިންޑްރޯމް ކިޔާ ބައްޔަކެވެ. މިއީ ވަރަށް މަދުން ނޫނީ ނުފެންނަ ޖެނެޓިކް ބައްޔެކެވެ. މި ބައްޔަކީ މޫނުގެ ތަފާތު ސިފަތަކަށް ބަދަލު އައިސް ހެދިބޮޑުވުމާއި ބުއްދީގެ ނުކުޅެދުންތެރިކަން ހުންނަ ބައްޔެކެވެ. މި ހާލަތު ދިމާވަނީ ކޭއެމްޓީ2އޭ ޖީން (އެމްއެލްއެލް ޖީންގެ ނަމުން ވެސް މަޝްހޫރު) ޖީންއަށް އަންނަ ބަދަލުތަކުގެ ސަބަބުންނެވެ.

މި ބަލީގެ ސަބަބުން ކުއްޖާ ހެދި ބޮޑުވުމުގައި މައްސަލަތަކެއް ހުންނާނެ ކަމަށް ޑޮކްޓަރުން ބުނެފައި ވާ ކަމަށް އާއިލާއިން ބުނެއެވެ. އަދި އެކަމުގެ ސަބަބުން ކުއްޖާގެ އެތެރެހަށީގެ ބައެއް ގުނަވަންތަކަށް މައްސަލަ ޖެހިދާނެ ކަމަށް ވެސް ޑޮކްޓަރުން ވަނީ ބުނެފައެވެ. އެ ގޮތުން މިއަދާ ހަމައަށް އައި އިރު ވެސް ކުއްޖާ އިސްކޮޅުން ދިގުވާން ޖެހޭ ވަރަށް ދިގު ނުވުމާއި ބަރުދަން ވެސް އިތުރު ނުވާ ކަން އާއިލާއިން ފާހަގަ ކުރެއެވެ. ނަމަވެސް އެކި ފަހަރު މަތިން ޑޮކްޓަރަށް ދައްކައިގެން ހެދި ޓެސްޓުތަކުން ވެސް ކުއްޖާގެ އެއްވެސް އެތެރެހަށީގެ ގުނަވަނަކުން އެއްވެސް މައްސަލައެއް މިއަދާ ހަމައަށް އައި އިރު ފާހަގަ ކުރެވިފައި ނުވާ ކަމަށް އާއިލާއިން ބުނެއެވެ.

ތާރާގެ ފައިގެ ބޭރުފުށުން ހަރުކޮށްފަިއވާ ސަޕޯޓްގެ އެހީގައި ތާރާ ކޮޅަށް ހުއްޓިލައިގެން ހުއްޓައި

މިހާރު ތާރާއަށް 2 އަަހަރާއި 5 މަސް ވެފައިވާ އިރު، އެ ތުއްތު ކުއްޖާއަށް އިތުރު ސިއްހީ މައްސަލައަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން ހެދި ބޮޑުވަމުން އައި އިރު މިއަދާ ހަމައަށް ވެސް ތާރާއަށް ހިނގުމުގައި ތަކުލީފްތަކެއް ތަހައްމަލު ކުރަން ވަނީ ޖެހިފައެވެ. އެހެން ކުދިންނެކޭ ވެސް އެއްގޮތަށް ހިނގާބިނގާވާން މަސައްކަތް ކުރާ އުމުރު ފުރާއަށް ތާރާ އެޅި ހިސާބުން ހިންގަން އެ ތިއްތު ކުއްޖާ ވަރަށް މަސައްކަތް ކުރެއެވެ. ނަމަވެސް ދެ ފައިގެ ކަކޫ މުޅިން ސީދާ ނުކުރެވޭތީ ފައިތިލައިގެ އިނގިލިތަކުގެ ކުރި ޖައްސައިގެން އެ ކުއްޖާ ހިނގަން މަސައްކަތް ކުރާ އިރު ކާމިޔާބު ނުވެ ވެއްޓެއެވެ. އެކަމާ އެ ކުއްޖާ ރުޅިގަދަވެ އުޅޭ ތަން ބަލާކަށް އެ ދެމަފިރިންގެ ހިތަކަށް ކުޅަދާނައެއް ނޫނެވެ. އެހެންކަމުން އެ ކަމަށް ހައްލެއް ހޯދުމަށް އިންޑިއާއަށް އެކި ފަހަރު މަތީ ބޭސްފަރުވާ އަށް ދަތުރުކޮށް އާސަންދައިގެ އެހީގެ ދަށުން ޑޮކްޓަރަށް ދައްކާފައި ވެއެވެ.

އެންމެ ފަހުން ތާރާ ރާއްޖެއިން ބޭރުން އެކަމަށް ފަރުވާ ހޯދުމަށް ޑޮކްޓަރަށް ދައްކަން ދަތުރު ކޮށްފައި ވަނީ މި އަހަރު މެދު ތެރޭގައި ކަމަށް ކުއްޖާގެ ބައްޕަ ޖަވާދު ބުނެއެވެ. އިންޑިއާގެ ބެންގަލޫރުގެ މަނިޕާލް ހޮސްޕިޓަލުން ތާޜާ ބެލި ޑޮކްޓަރުން ބުނެފައި ވަނީ، ތާރާއަށް ހިނގޭނެ ކަމަށާއި އެކަން ރަނގަޅު ކުރުމަށް ބޮޓޮކްސް އިންޖެކްޝަނެއް ޖަހައިގެން ކުރިއަށް ގެންދެވިދާނެ ކަމަށެވެ. އެގޮތުން ބޮޓޮކްސް ޖެހުމަށް ފަހު ގިނަ ދުވަސްތަކަކަށް ފިސިއޮތެރަޕީ ނަގައިގެން ފަރުވާ ހޯދުމަށް އެ ޑޮކްޓަރުން ލަފާ ދިނުމުން އެ ކަމުގައި ދެވަނަ ހިޔާލެއް ހޯދުމަށް އެ އާއިލާއިން ވަނީ އިތުރު ޑޮކްޓަރުންގެ ލަފާ ވެސް ހޯދާފައެވެ. އެ ޑޮކްޓަރު ބުނެފައި ވަނީ އެ އިންޖެކްޝަން ޖެހުމަކީ އެހާ ރަނގަޅު ކަމެއް ނޫން ކަމަށާއި އޭގެ ސައިޑް އިފެކްޓަކާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ. އެއީ އެ އިންޖެކްޝަން ޖަހައިފި ނަމަ ފައިގެ ކުޑަކަޅުވާ އާ ދިމާލުން ޕެރެލައިސް ވެދާނެތީއެވެ.

ބޮޓޮކްސް ޖަހަން ލަފާ ދީ ބެންގަލޫރުގައި ހުންނަ މަނިޕާލް ހޮސްޕިޓަލުން ދީފައިވާ ލިޔުން

އެހެންކަމުން އަނެއްކާ ވެސް އެ އާއިލާއަށް ތާރާއަށް ފަރުވާ ހޯދުމަށް އިތުރު ގޮތެއް ހޯދަން މަޖުބޫރުވިއެވެ. އިންޑިއާއިން ބެލި ޑޮކްޓަރުން ދޭން ބުނި ފަރުވާ ކުރަން އެ އާއިލާ ބޭނުމެއް ނުވިއެވެ. އެހެންކަމުން ދެން އެ އާއިލާ ލަފާ ހޯދީ ތައިލޭންޑްގެ ބުންރަންގްރެޑް އިންޓަނޭޝަނަލް ހޮސްޕިޓަލަށް އޮންލައިންކޮށް ދައްކައި ތާރާގެ ޓެސްޓްތަކުގެ ރިޕޯޓްތައް ފޮނުވައިގެންނެވެ. އެ ހޮސްޕިޓަލުން ތާރާގެ ރިޕޯޓްސްތައް ބެލުމަށް ފަހު ބުނެފައި ވަނީ ތާރާގެ ކަކޫ ސީދާ ކުރުމަށް ކުޑަ އޮޕަރޭޝަނެއް ކޮށްލައިގެން މަދު ދުވަސްކޮޅެއް ތެރޭ އެކަން ރަނގަޅު ކުރެވިދާނެ ކަމަށެވެ. ނަމަވެސް އެ ކަމަށް 20،000 ޑޮލަރު ހަރަދު ވާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވާ ކަމަށް އެ އާއިލާއިން ބުނެއެވެ.

ތައިލޭންޑް ފަދަ ގައުމުތަކުން އާސަންދައިގެ ހިދުމަތް އަދި ނުދެވޭތީ މި ފަރުވާ ހޯދަން އެ އާއިލާ އަށް ޖެހޭނީ އަމިއްލައަށް ހަރަދު ކުރާށެވެ. ނަމަވެސް މި ވަގުތު އެ އާއިލާގެ މާލީ ހާލަތު މިކަމަކަށް ތަނެއް ނުދެއެވެ. އެ ގޮތުން މިހާތަނަށް އެކި ގޮތްގޮތުން އެހީ ހޯދުމަށް ސޯޝަލް މީޑިއާގެ ބައެއް ޕްލެޓްފޯމްތަކުގައި ޖަހާފައިވާނެ ކަމަށާއި ބައެއް ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެ ކުއްޖާގެ ބައްޕަ ބުނެއެވެ. މިހާތަނަށް ލިބިފައިވާ އެހީތަކުގެ ޖުމްލަ ހާމަ ކުރަމުން ޖަވާދު ބުނީ އަދި ކިރިޔާ ހަމަވީ 1500 ޑޮލަރު ކަމަށެވެ. އެހެންކަމުން 18500 ޑޮލަރު އަދި ބޭނުންވާތީ އެ އާއިލާއަށް ފައިސާގެ ގޮތުން މި އަދަދު ހަމަކޮށް ދިނުމަށް އާދޭހާ އެކު އެދޭ ކަމަށެވެ.

ތާރާ ބިންތު އަލީ ޖަވާދު

އެ ދެމަފިރިންގެ ހުވަފެނަކީ އެ ދަރިފުޅަށް ހިނގޭނެ ދުވަހެއް ދެއްކެވުމެވެ. އެ ކުއްޖާ އުފުލަމުންދާ ތަކުލީފަށް ލުޔެއް ހޯދައި ދިނުމެވެ. އެކަމައްޓަކައި ގިނަ ބައެއްގެ ފަރާތުން އެހީތެރިކަން ލިބިގެން މެނުވީ ކުރިއަށް ދެވެން ނެތުމުން މިއަދު ޖަވާދު އާދޭހާ އެކު އެ އާއިލާއަށް އެހީތެރިވުމަށް އޭނާ އެދެއެވެ. މާލީ ގޮތުން އެހީތެރިކަމެއް ދެވެން ނެތް މީހަކު ނަމަ ހެޔޮ ދުއާ ކޮށްދިނުމަށް ޖަވާދު އެދެއެވެ.

  • އެކައުންޓްގެ ނަން: ފާތުމަތު ރިޝްފާ
  • ޑޮލަރު އެކައުންޓް ނަންބަރު: 7720510121001
  • ރުފިޔާ އެކައުންޓް ނަންބަރު: 7720510121101
  • ފޯން ނަންބަރު: 7454354

'ދަ ޕްރެސް' ގެ ދުއާއަކީ ތާރާއަށް މާތް ﷲ އަވަސް ޝިފާއެއް މިންވަރު ކުރައްވައި އެ އާއިލާއަށް ކެތްތެރިކަން ދެއްވުމެވެ. އަދި އަހަރެމެން ދިވެހިންނަކީ އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލެއްވުމެވެ.