ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ދީނީ އިލްމު ފެތުރުމަށްޓަކައި މަސައްކަތް ކުރައްވަމުން ގެންދަވާ ޒިންބާބުވޭގެ ދީނީ އިލްމުވެރިޔާ މުފްތީ މެންކް އައްޑޫ ވަޑައިގެންފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މުފްތީ މެންކްގެ ދަރުސް މިރޭ އޮންނާނީ ހިތަދޫގައި ހުންނަ އައްޑޫ ހައި ސްކޫލްގައި ކަމަށެވެ. މިރޭ 8:45 ގައި ފެށުމަށް ހަމަޖެހިފައިވާ މި ދަރުހުގެ މައުލޫއަކީ "ޕްރޮޑަކްޓިވް މުސްލިމް" ނުވަތަ "އުފެއްދުންތެރި މުސްލިމް" އެވެ.

މުފްތީ މެންކް ރާއްޖެ ވަޑައިގެންނެވީ މިމަހު 27 ވަނަ ދުވަހުއެވެ. މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ދަރުސް ދެއްވާފައިވާއިރު ރޭ ފުވައްމުލަކުގައި މުފްތީ ވަނީ ދަރުސް ދެއްވާފައެވެ.

މީގެ އިތުރުން މާދަމާ ރޭ ހުޅުމާލޭގައި ވެސް ދަރުސް ދިނުމަށް ވެސް ވަނީ ނިންމާފައެވެ.

މުފްތީ މެންކްގެ ދަރުސްތަކުގެ މައުލޫތައް ހާއްސަކޮށްފައި ވަނީ މުޖުތަމައުގައި ހުރި މުހިންމު ކަންތައްތަކަށް ހާއްސަކޮށްގެން ކަމަށް އިސްލާމިކް މިނިސްތްރީން ބުނެއެވެ. އެގޮތުން މާތްﷲ އާއި އިންސާނާ އާ ދެމެދު އޮންނަ ގުޅުމާއި، އާއިލީ މައްސަލަތަކަށް ހައްލު ހޯދޭނެ ގޮތްތަކާއި، ޑިޕްރެޝަންއާއި އެންޒައިޓީ ފަދަ ހާލަތްތަކުގައި އަމަލު ކުރާނެ ގޮތްތައް ފަދަ މުހިންމު މައުލޫތައް ހިމެނެއެވެ.

މި ދަރުސްތަކަށް ވަޑައިނުގެންނެވޭ ފަރާތްތަކަށް ޓީވީ އާއި ރޭޑިއޯ އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ދަރުސްތައް ބަލައި، އަޑުއެހޭނެ ކަމަށް އިސްލާމިކް މިނިސްތްރީން ބުނެއެވެ. އަދި މި ދަރުސްތަކުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ސަރުކާރުގެ މުއައްސަސާތަކުގެ މުވައްޒަފުންނަށް ވެސް މިފަދަ ދަރުހެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.