މިދިޔަ އަހަރު ރާއްޖެއަށް ޓޫރިސްޓުން އައި އަދަދު މި މަހުގެ 27 ގެ ނިޔަލަށް ހުރަސް ކޮށްފި ކަމަށާއި މި އަހަރު ޓޫރިސްޓުން އަންނާނެ ކަމަށް ޓާގެޓް ކުރި އަދަދަށް ވުރެ ވެސް ގިނައިން ފަތުރުވެރިން ރާއްޖެއަށް ޒިޔާރްތަ ކުރާނެ ކަމަށް ޓުރިޒަމް މިނިސްޓަރު މައުސޫމް ވިދާޅުވެއްޖެއެވެ.

ޓޫރިސްޓުން ރާއްޖެއަށް އަންނަ އަދަދު ހާމަ ކުރައްވަމުން ޑރ. މައުސޫމް ވިދާޅުވީ، މިދިޔަ އަހަރު ރާއްޖެއަށް ފަތުރުވެރިން އައި އަދަދަކީ 1,321,937 ކަމަށެވެ. މިއަހަރު މިހާތަނަށް އައި ފަތުރުވެރިންގެ އަދަދަށް ބަލާއިރު މި މަހުގެ 27 ވަނަ ދުވަހު ވަނީ މިދިޔަ އަހަރު ރާއްޖެއަށް ފަތުރުވެރިން އައި އަދަދު ހަމަވެފައި ކަމަށާއި ޓޫރިސްޓުން މިއަހަރު އަންނަނ އަދަދު އިތުރުވެެފަިއ ވާތީ މީ ލިބުނު ކުރިއެރުމެއް ކަމަށް މައުސޫމް ވިދާޅުވެއެވެ.

މި ކާމިޔާބީ ހާމަކުރައްވައި 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ޑރ. މައުސޫމް ވިދާޅުވީ، މިއަހަރު ރާއްޖެއަށް ފަތުރުވެރިން އަންނާނެ ކަމަށް މީގެ ކުރިން ހާމަކުރި އަދަދު ކަމަށް ވާ 1.6 މިލިއަން ފަތުރުވެރިންގެ ޓާގެޓް ހާސިލް ވާނެ ކަމުގެ ޔަގީންކަން އެ ބަ އޮތް ކަމަށެވެ. ޑިސެމްބަރު މަހުގެ ތެރޭގައި 1.6 މިލިއަން ފަހަނަ އަޅާ އެއަށް ވުރެ ވެސް މައްޗަށް ފަތުރުވެރިން އައި އަދަދު އަރާނެ ކަމަށް މައުސޫމް ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބަށް ބަލާއިރު، މި މަހުގެ 26 ވަނަ ދުވަހާ ހަމައަށް އައި ފަތުރުވެރިންގެ ޖުމްލަ އަދަދަކީ، 1،317،573 އެވެ. މުޅި އހަަރަށް ބަލާ އިރު އެންމެ ގިނަ ފަތުރުވެރިން އައި މަހަކީ މިދިޔަ މާޗް މަހެވެ. އެއީ 150،748 ފަތުރުވެރިންނެވެ. މި މަހުގެ 26 ވަނަ ދުވަހާ ހަމައަށް މި މަހު ރާއްޖެއަށް ފަތުރުވެރިން 126،953 އައިސްފައިވާ އިރު މި އަދަދު 130،000 އިން މައްޗަށް ދާނެ ކަމަށް ބެލެވެއެވެ.

މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައި ވަނީ އިންޑީއާ، ރަޝީޔާ އަދި އިނގިރޭސި ވިލާތުންނެވެ. އިންޑިއާއިން މިހާތަނަށް 186،000 އަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާ އިރު ރަޝިއާ އިން އައި ފަތުރުވެރިންގެ އަދަދު 160،000 އާ ގާތްކުރެއެވެ. އަދި އިނގިރޭސިވިލާތުން އައި ފަތުރުވެރިންގެ އަދަދު ވަނީ 144،000 އަށް ވުރެ މައްޗަށް ގޮސްފައެވެ.

ކޮވިޑަށް ފަހު 2020 ޖުލައިގައި ބޯޑަރު ހުޅުވާލި ފަހުން ރާއްޖޭގެ ފަތުރުވެރިކަން އަންނަނީ ދުވަހުން ދުވަހަށް ރަނގަޅު ވަމުންނެވެ. މިދިޔަ އަހަރު ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން އައިސްފައިވާ އިރު، މި އަހަރު ދެ މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެންނަން ސަރުކާރުން އަމާޒު ހިފާފައި ވަނީ ރާއްޛޭގެ ފަތުރުވެރިކަމަށް 50 އަހަރު ފާހަގަ ކުރުމަށް ގިން ކެމްޕެއިން ތަކެއް ކުރަމުންނެވެ.

ކޮވިޑް އައިމުގެ ކުރިއަށް ޖެހިލާ އިރު 2019 ވަނަ އަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދަކީ 1.7 މިލިއަން އެވެ.