ޑިޕްރެޝަނާއި އެންޒައިޓީ ފަދަ ކަންތައްތައް ދިމާވަނީ ދީނީ އަގީދާ ބަލިކަށިވެގެން ނޫން ކަމަށާއި، އެފަދަ ކަންކަމާ ކުރިމަތިލާ މީހުންނަށް ހިތްވަރު ދިނުމަށް، ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއީލް މޫސާ މެންކް ގޮވާލައްވައިފިއެވެ.

އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް ރާއްޖެ ވަޑައިގެންފައިވާ މެންކު ރޭ ދަރުސް ދެއްވާފައި ވަނީ "ޑިޕްރެޝަން، އެންޒައިޓީ، އަދި ސްޓްރެސް" އާ ގުޅޭ ގޮތުންނެވެ. އެ ދަރުހަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދެކަނބަލުންނާއި ސަރުކާރުގެ އިސްވެރިންގެ އިތުރުން، އެތައް ހާސް ބަޔަކު ހާޒިރުވިއެވެ.

މުފްތީ މެންކްގެ ދަރުސް އަޑުއަހަން އެތައް ހާސް ބަޔަކު ހާޒިރުވި / ފޮޓޯ: ރައީސް އޮފީސް

އަލިމަސް ކާނިވާގައި ރޭ އޮތް ދަރުސްގައި މުފްތީ މެންކް ފާހަގަކުރެއްވި ގޮތުގައި:

  • އިންސާނާގެ ކަންކަން ފުރިހަމަ އަށް ބައްލަވައި، އެންމެ މޮޅަށް ދެނެވޮޑިގެން ވަނީ މާތް ﷲ
  • މާތް ﷲ އިންސާނާގެ މައިންބަފައިންނަށް ވުރެ ވެސް އިންސާނާ ދެކެ ލޯބިފުޅުވެވަޑައިގަންނަވާ
  • އިންސާނުންނަށް މާތް ﷲ ވަނީ ރަނގަޅު ގޮތުގައި ދިރިއުޅުމަށް ވަކި ނިޒާމެއް ރާއްވަވާފައި

މެންކް ވިދާޅުވި ގޮތުގައި، މާތް ﷲ ރާއްވަވާފައިވާ ނިޒާމުގައި ވަނީ ރޭގަނޑުވުމުން ނިދާފައި، ދުވާލު މަސައްކަތާއި ދިރިއުޅުމުގެ އެހެނިހެން ކަންކަން ކުރިއަށް ގެންދާ ގޮތަށެވެ. އެ ނިޒާމާ އެއްގޮތަށް ކަންތައްތައް ކުރިއަށް ގެންދާ ނަމަ، ދިރިއުޅުމުގައި ދިމާވާ އެކި ކަންކަމުގެ ދެބައިކުޅަ އެއްބައި ހައްލުވެގެން ދިޔައީ ކަމަށް މެންކް ވިދާޅުވިއެވެ.

ރޭގަނޑު އިޝާ ނަމާދަށް ފަހު، މުހިންމު ކަމެއް ނެތް ނަމަ، ނިދުމަށް ކީރިތި ރަސޫލާ ކުރެއްވި ހަދީޘްފުޅަށް އަލިއަޅުވާލައްވައި މެންކް ވިދާޅުވީ، މިއީ މާތް ﷲ ގެ އެންގެވުން ކަމަށާއި، ސިއްހީ މާހިރުންގެ ލަފާ ވެސް ހުރީ މިފަދައިން ކަމަށެވެ. އެއާއެކު، ނިދި ރަނގަޅަށް ނުލިބޭ ނަމަ، ކަންކަމާ މެދު ހާސްވެ، ފިކުރުކުރުމުގެ ފުރުސަތު ބޮޑު ކަމަށް މެންކް ވިދާޅުވިއެވެ. ނަމަވެސް، މެންކް ވިދާޅުވި ގޮތުގައި ހިތާމަ އާއި ޑިޕްރެޝަން ފަދަ ކަންކަން ދިމާވުމަކީ އިންސާނާގެ އަގީދާ ބަލިކަށިވުމެއް ނޫނެވެ.

"އަހަރެމެންގެ ތެރެއިން ކޮންމެ މީހަކު ވެސް ހިތާމަ އާއި ކުރިމަތިލާން ޖެހޭ. އަހަރެމެންގެ ތެރެއިން ކޮންމެ މީހަކު ވެސް ބައެއް ކަންކަމުގައި ހާސްވާނެ، ބައެއް ދުވަސްދުވަހު ހެނދުނު ހޭލާ ހިތެއް ނުވާނެ، ބައެއް ފަހަރު ހީވާނެ އެއްވެސް އުންމީދެއް ނެތް ކަމަށް ވެސް، އެއީ ހުރިހާ އެންމެނަށް ވެސް އިހްސާސް ކުރެވޭނެ ކަންކަން."
މުފްތީ އިސްމާއީލް މެންކް

ޑިޕްރެޝަނާ ކުރިމަތިލާ މީހުންނަކީ އަގީދާ ބަލިކަށި ކަމަށް ބުނާ ބުނުމަކީ ހަގީގަތެއް ނޫން!

މެންކް ވިދާޅުވި ގޮތުގައި، ޑިޕްރެޝަނާއި އެންޒައިޓީ ފަދަ ކަންކަމާ ކުރިމަތިލާ ބައެއް މީހުންނާ ދިމާލަށް، އެ މީހުން އެފަދަ ކަންކަމާ ކުރިމަތިލާން ޖެހެނީ އަގީދާ ބަލިކަށިވުމުން ކަމަށް ބައެއް މީހުން ބުނެއެވެ. ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އެފަދަ ކަންކަމާ ކުރިމަތިލާ މީހުންނަށް ހިތްވަރުދީ އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، މުފްތީ ގޮވާލައްވާފައިވެއެވެ.

"ހަގީގަތުގައި، މިއަދު އަހަރެމެން ކުރަންވީ ކަމަކީ، މިފަދަ ކަންކަމާ (ޑިޕްރެޝަން، އެންޒައިޓީ އާ) ކުރިމަތިލަމުންދާ ފަރާތްތައް ބާރުވެރިކުރުވަންވީ. ސަބަބަކީ އަހަރެމެން ވެސް މިފަދަ ކަންކަމާ ކުރިމަތިލާން ޖެހޭނެތީ. އެކި މީހުން ކަންކަމާ ކުރިމަތިލަނީ އެކި ގޮތްގޮތަށް، އެގޮތުން ބައެއް މީހުން ހިތްވަރާއި ހިނިތުންވުމާ އެކު ކަންކަމާ ކުރިމަތިލާ."
މުފްތީ އިސްމާއީލް މެންކް

އެހެންކަމުން އެފަދަ ކަންކަމާ ކުރިމަތިލަމުންދާ މީހަކާ ދިމާލަށް އިނގިލި ދިއްކޮށްފައި އެ މީހާގެ އީމާންތެރިކަމާއި އަގީދާ ވަރުގަދަ ކުރާށޭ ނުބުނެވޭނެ ކަމަށް، މެންކް ވިދާޅުވިއެވެ.

ކީރިތި ރަސޫލާ صَلَّى ٱللَّٰهُ عَلَيْهِ وَسَلَّمَ ވެސް ކަންބޮޑުވުމާއި ހިތާމަތަކުން ރައްކާތެރިކަން ހޯއްދެވުމަށް ދުއާ ކުރައްވާ ކަމަށާއި، އެހެންކަމުން އަހަރެމެން ވެސް މާތް ﷲ އަށް ދުއާ ދެންނެވުމަށް މެންކް ގޮވާލެއްވިއެވެ.

"ވުމާއެކު، ކަންނެތްކަމާއި ހިތާމަތަކުން ސަލާމަތްކޮށްދިނުމަށް އެދި، ﷲ އަށް ދުއާ ދަންނަވާ." މެންކް ގޮވާލެއްވިއެވެ.