މި މަހުގެ 25 ވަނަ ދުވަހު ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުން ގދ. ހޯޑެއްދޫގައި ހިންގި އޮޕަރޭޝަނެއްގައި އަބްދުﷲ ރަޝީދު ހައްޔަރުކޮށްގެން ގެންދަނިކޮށް މަރުވި މައްސަލާގައި ތަހުގީގަށް ފުރިހަމަ އެއްބާރުލުންދެއްވާނެ ކަަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ސީޕީ ވިދާޅުވީ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތަށް ހައްޔަރުކުރެވުނު ރަޝީދު ފުލުހުންގެ ހައްޔަރަށް ގެންގޮސްފައި ހުއްޓާ ނިޔާވުން އެއީ ވަރަށް ހިތާމަވެރިކަމެއް ކަމަށާއި ފުލުހުންގެ އިހުމާލެއް އޮތްތޯބެލުމަށް ހިންގާ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދެވާނެ ކަމަށެވެ.

ރަޝީދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވަން ބޭނުން ނުވާ ކަމަށާއި އާއިލާއާ ހަށިގަނޑު ހަވާލުކުރަން އާއިލާއިން އެދުމުން އައި ނަމަވެސް އާއިލާގެ ނުރުހުމުގައި ޕޯސްޓްމޯޓަމް ހަދަން ފޮނުވަން ވަނީ ނިންމާފައެވެ.

ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް އަދި ސައުތު ޕޮލިސްގެ ފުލުހުން ގުޅިގެން މިހާރު ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން ގދ. ހޯޑެއްދޫ ބަލައި ފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެ މައްސަލަ ޑްރަގް އެންފޯސްމަންޓުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށާއި އެ އޮޕަރޭޝަންގެ ތެރެއިން ކޯޓު އަމުރުގެ ދަށުން އިތުރު ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.