މުޖުތަމައުގެ ލާބައަށް ހިލޭ ސާބަހަށް މަސައްކަތް ކުރާ ފަރާތްތަކަށް ”ސިވިލް ސޮސައިޓީ އެވޯޑް 2021“ އަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޔޫތު މިނިސްޓްރީ އިން ބުނީ އެ އިނާމު ދިނުމުގެ މަގުސަދަކީ ޖަމިއްޔާތަކުން ކުރާ މަސައްކަތްތައް ގައުމީ ފެންވަރުގައި ފާހަގަ ކުރުމަށާއި ޖަމިއްޔާތަކާ ބެހޭ ގާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްގެން ހިންގާ މަދަނީ ޖަމިއްޔާތަކުން މުޖުތަމައު ބާރުވެރި ކުރުވުމުގެ ގޮތުން ހިލޭ ސާބަހަށް ކުރާ މަސައްކަތް ފާހަގަ ކުރުމަށް ކަމަށެވެ.

އަމިއްލަ އިސްނެގުމުގެ މަތީން ތަފާތު ގޮތްގޮތުން އެ ޖަމިއްޔާއެއް ނިސްބަތްވާ މުޖްތަައުގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ކުރިއެރުވުމަށް ހިލޭ ސާބަހަށް މަސައްކަތް ކުރުމުގައި މަދަނީ ޖަމިއްޔާތަކުގެ ތެރެއިން ނަމޫނާ ދައްކުވައިދޭ ފަދަ މަސައްކަތްތައް ކޮށްފައިވާ ޖަމިއްޔާތައް އެ އެވޯޑާއެކު ފާހަގަ ކުރާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ޔޫތު މިނިސްޓްރީއިން ބުނީ "ސިވިލް ސޮސައިޓީ އެވޯޑް 2021" އަށް ކުރިމަތި ލުމުގެ ފުރުސަތު އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފާއި ވާއިރު އެގޮތަށް ހޮވޭ ފަރާތްތަކަށް އެވޯޑަކައި ސެޓްފިކެޓެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެޕްލިކޭޝަން ފޯމް ބަލައިގަންނާނީ ގޫގުލް ލިންކް މެދުވެރިކޮށް ނުވަތަ ޔޫތު މިނިސްޓްރީގެ ކައުންޓަރުން ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު އަދި ރަށްރަށުން އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުން މިނިސްޓްރީގެ އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅަން އެ މިނިސްޓްރީއިން ވަނީ އެދިފައެވެ.

އެ އިނާމަށް ކުރިމަތިލުމުގެ އެޕްލިކޭޝަން ފޯމް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.