ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމާ ގުޅޭ އެއްބަސްވުމެއްގައި ރާއްޖެ އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރާއްޖެ އާއި އީޔޫގެ އިސްވެރިންނާ ދެމެދު އިއްޔެ ފޮރިން މިނިސްޓްރީގައި ބޭއްވި ތިންވަނަ ރަސްމީ ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ރާއްޖެއާއި އީޔޫއިން ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމުގެ ދާއިރާއިން، ގުޅުން ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް އެއްބަސްވެ، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް އަމާޒު ކޮށްގެން އާ މަޝްރޫއެއް ހިންގުމަށް އެއްބަސްވެފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރަށް ވިޔަފާރީގެ ދާއިރާއާއި އިންވެސްޓްމަންޓްގެ ޕާޓްނަރުންގެ ހައިސިއްޔަތުން ރާއްޖެއާއި އީޔޫއިން ވަނީ ބިޒްނަސް ރައުންޑްޓޭބަލް އިނީޝިއޭޓިވް ފަދަ މެކޭނިޒަމްތައް މެދުވެރިކޮށް އިގްތިސާދީ ގުޅުން ބަދަހިކުރުމަށް ވެސް އެއްބަސްވެފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ، ގަވާއިދާ ހިލާފަށް ކުރާ މަސްވެރިކަމާއި ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތުގައި އީޔޫ އާއި ރާއްޖެ ދެމިއޮންނާނެ ކަމަށެވެ.

އަދި އެ ދާއިރާއިން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

މިނިސްޓްރީން ބުނީ ،އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން މެދުވެރިކޮށް މަހުގެ ސްޓޮކް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމާ ބެހޭ ގޮތުން ވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކޮށްފައިވާ ކަމަށެވެ