ދިވެހިންގެ މަގުބޫލުކަން ހޯދާފައިވާ މަޝްހޫރު ބޮޑުބެރު ތަރި، ރ. ރަސްމާދޫ، ސީނާ އިބްރާހިމް މަމްދޫހްު (މަންޑޭ)ގެ ނަމުގައި 2017 ވަނަ އަހަރުގެ ކުރީކޮޅު ފޭކް ފޭސްބުކު އެކައުންޓު ހަދައިގެން އަންހެން ކުދިންނަށް މެސެޖްކޮށް އެމީހުންނާ ލޯބީގެ ގުޅުން އުފައްދައި ބަރަހަނާ ފޮޓޯތައް ހޯދައި އެމީހުން ބެލެކްމެއިލް ކުރި ދ.ކުޑަހުވަދޫ، ފެންގަސް އަބްދުﷲ ހައިޝަމް ޖަލަށްލާން ހުކުމް ކޮށްފިއެވެ.

މި މައްސަލާގައި ދައުލަތުން ވަނީ ހައިޝަމްގެ މައްޗަށް ޝަހުސު އޮޅުވާލުމުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އުފުލާފައެވެ. އަދި އެ މައްސަލަ ކުޑަހުވަދޫ ކޯޓުގައި ކުރިއަށްގެންގޮސް ހުކުމްކޮށްފައިވާއިރު އެ ދައުވާތައް ސާބިތުނުވާ ކަމަށް ވަނީ ހުކުމް ކޮށްފައެެވެ. އެއަށްފަހު ޕީޖީއިން ވަނީ ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފުކޮށްފައެވެ.

ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ އެ މައްސަލައިގެ ފެށިފައިވަނީ މަންޑޭގެ ނަމުގައި ސައްހަ ނޫން އެކައުންޓެއް މީހަކު ހަދައިގެން އުޅޭތީ މަންޑޭގެ އަބުރަށް ހުތުރުވާކަހަލަ ވާހަކަތަކެއް މީހުންގެ ފަރާތުން އެނގި މަންޑޭގެ ފުރާނައަށް ނުރައްކާވާ ހިސާބަށް ދިއުމުން މި މައްސަލަ ތަހުގީގުކޮށް ދިނުމަށް ފުލުހުންނަށް ހުށަހަޅައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ.

މަންޑޭ އަށް ހެދިގެން އުޅުނު އަބްދުﷲ ހައިޝަމް އާއި ވާހަކަދެއްކި އަންހެނުން ސިއްރުން ހެކިބަސް ދެމުން ބުނެފައިވަނީ އެމީހުން އޭނާ އާއި ވާހަކަދެއްކީ މަންޑޭ ކަމަށް ހީކޮށް ކަމަށާއި ޗެޓްގެ އިތުރުން އޯޑިއޯ ކޯލް ވެސް މަންޑޭ އަށް ހެދިގެން އުޅުނު މީހާއަށް ކުރި ކަމަށެވެ. އަދި ފޭކް އައިޑީއަށް ފްރެންޑް ރިކްއެސްޓް ފޮނުވީ ވެސް އެއީ މަންޑޭއަށް ހެދިގެން އުޅޭ މީހެއްކަން އެނގިހުރެ އެމީހަކު އަތުލައިގަތުމަށް ކަމަށް އެހެން ސިއްރު ހެއްކެއް ވަނީ ބުނެފައެވެ. އަދި އެކަން ކުރީ މަންޑޭ އެދިގެން ކަމަށް އޭނާ ބުންޏެވެ.

މަންޑޭގެ ނަމުގައި ވައިބާއިންނާއި ސްނެޕްޗެޓުންވެސް ހައިޝަމް ވަނީ އަންހެނުންނާ ވާހަކަދައްކާފައެވެ.

އެ މައްސަލާގައި ހައިޝަމްގެ މޯބައިލް ފޯނާއި ލެޕްޓޮޕް ތަހުލީލުކުރިއިރު އެތަކެތިން މަންޑޭގެ ނަމުގައިވާ އެކައުންޓެއްގެ 8 ފޭސްބުކް މެސެންޖާ ޗެޓްލޮގާއި މަންޑޭ އާ ގުޅުންހުރި ފޭސްބުކް ބްރައުސާ އެކްޓިވިޓީތަކެއް ފެނިފައިވާކަން ފުލުހުންގެ ރިޕޯޓުން ހާމަވިއެވެ.

މި މައްސަލާގައި ހައިޝަމްގެ މައްޗަށް 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނައިރު އޭނާ ވަނީ އަދަބު ލުއިކޮށްދިނުމަށް އެދިފައެވެ. އެގޮތުން ޖަލު ބަންދު ޖޫރިމަނާއަށް ބަދަލުކޮށްދިނުމަށާއި ބަންދުގައި ހުކުމް ތަންފީޒުކުރަން ޖެހޭނަމަ ގޭ ބަންދަށް ބަދަލުކޮށްދިނުމަށްވެސް ވަނީ އެދިފައެވެ.

އެ މުއްދަތު ދެބައި ކުރުމަށްފަހު ޖޫރިމަނާއަށް ބަދަލުކުރަން ނިންމާ 72 ދުވަހުގެ ޖަލު ހުކުމެއް އިއްވަން ނިންމިއެވެ. އެހެންނަމަވެސް އެ މައްސަލާގެ ތަހުގީގުގެ ބަންދުގައި ހޭދަކުރި 18 ދުވަހާއި އެ ކުށް ސާބިތުވުމާއި ގުޅިގެން އަދަބު ކަނޑައެޅުމާ ހަމައަށް ހައިކޯޓުން ބަންދުކުރުމުގެ އަމުރާ ގުޅިގެން ބަންދުގައި ހުރި 7 ދުވަސް އުނިކުރުމަށްފަހު ދެން ތަންފީޒުކުރަން ޖެހޭނީ 47 ދުވަހުގެ ޖަލު ހުކުމެއް ކަމަށް ހައި ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި އެއާއެކު ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ 60،000 ރުފިޔާ އެއް މަސް ދުވަހުގެ ތެރޭގައި މީރާއަށް ދައްކަން ވެސް ވަނީ ހުކުމްކޮށްފައެވެ.