އަންނަ ނޮވެމްބަރު 20 ގައި ގަތަރުގައި ފަށާ ފޯރިގަދަ ވޯލްޑްކަޕް ރާއްޖޭގައި ހިލޭ ބެލެން އޮތް ހަމައެކަނި ގޮތަކީ ޓީވީގައި އެންޓަނާ ޖަހައިގެން ޓެރަސްޓްރިއަލް ކޮށް ކަން ހާމަވެއްޖެއެވެ.

ރާއްޖެ ހިމެނޭ މި ރީޖަންގެ ވޯލްޑްކަޕް ރައިޓްސް ވަޔާކޮމް 18 އިން ނަގާފައި ވުމުން، ރާއްޖެއަށް ވޯލްޑްކަޕް ފެންނަ ގޮތް ހެދުމަށް ކޭބަލް ޓީވީ މޮނަޕޮލައިޒް ކޮށްގެން އުޅޭ މީޑިއާނެޓާއި ދައުލަތުގެ ބްރޯޑްކާސްޓަރު ޕީއެސްއެމްއާއި ޕްރިވެޓް ޓީވީ، ރާއްޖެ ޓީވީ ގުޅިގެން ވަނީ ރީބްރޯޑްކާސްޓިން ހުއްދަ ހޯދާފައެވެ. މިލިއަނެއް ހާ ޑޮލަރު ދައްކައިގެން ރާއްޖެއަށް ރައިޓްސް ހޯދާފައި ވާ އިރު، ޕީއެސްއެމް އާއި ރާއްޖެ ޓީވީގެ އިތުރުން މީޑިއާނެޓުން ކުރެ ކޮންމެ ބަޔަކު 5.5 މިލިއަން ދިވެހި ރުފިޔާވަރު ހޭދަކުރާކަން ވަނީ އެނގިފައެވެ.

ދައުލަތުގެ ބްރޯޑްކާސްޓަރުގެ ޔޭސް ޓީވީ ޗެނަލުން ވޯލްޑްކަޕް ދެއްކުމަށް ހަމަޖެހިފައި ވާއިރު، އެކަން ކުރަނީ މީޑިއާނެޓާ ހިލާފަށް މުޅިރާއްޖެއަށް ހިލޭ ފެންނާނެ އިންތިޒާމެއް ހަމަޖެއްސުމަށް ކަމަށް ވިޔަސް، ކޭބަލް ޓީވީ މޮނަޕޮލައިޒާ، މީޑިއާނެޓްގެ ޕެކޭޖްތަކުން ޔޭސް ޓީވީ ވެސް އަދި ރާއްޖެޓީވީ އާއި، މީޑިއާނެޓްގެ އައިސް ޓީވީ ވެސް ފެންނާނީ ޕެކެޖް އެކްޓިވް ކޮށް ހުންނަ މުއްދަތުގައެވެ.

ވޯލްޑްކަޕް ދައްކަނީ މި ޗެނަލްތަކުން ކަމަށް ވާއިރު، މީޑިއާނެޓުން ބުނީ، ޑީކޯޑަރުން ބެލޭނީ ޕެކެޖަށް މަހުފީ ދައްކައިގެން ކަމަށެވެ. އެނޫން ގޮތަކަށް ހިލޭ ބަލަން ބޭނުން ނަމަ، އެންޓަނާ ނެތް މީހުން އެންޓަނާ ގަނެ ޓީވީއަށް ޖަހައިގެން ނުވަތަ ގުޅައިގެން ޓިއުން ކޮށް، ޓެރަސްޓްރިއަލް ކޮށް ބެލިދާނެ ކަމަށެވެ.

މީޑިއާނެޓްގައި ޔޭސް ޓީވީ ހިމެނޭ އެންމެ ކުޑަ ޕެކޭޖަކީ ޖީއެސްޓީ ނުލައި 159 ރުފިޔާގެ ޕެކޭޖެކެވެ. ދެން ހުރީ 318ރ. 530ރ. ގެ ޕެކޭޖްތަކެވެ.

ވޯލްޑްކަޕަކީ ދިވެހިންގެ ޝައުގުވެރިކަން ބޮޑު މުބާރާތަކަށް ވާއިރު، ހިލޭ ފެންނާނެ ގޮތް ހެދުމަށް ދައުލަތުގެ ބްރޯޑްކާސްޓަރު ބައިވެރިވެ 5.5 މިލިއަން ރުފިޔާ ދެއްކި ނަމަވެސް، އާންމުން މުބާރާތް ބަލަން އިތުރަށް ޕެކޭޖްގެ އަގު ދައްކަން ޖެހުމުން މީޑިއާނެޓަށް މާލީ ބޮޑު ފައިދާއެއް ވާނެއެވެ.

ވޯލްޑްކަޕް ހިލޭ ބެލުމުގެ ފުރުސަތު އެންޓަނާ ނޫން ގޮތަކަށް (ޓެރަސްޓްރިއަލް ނޫން ގޮތަކަށް) އާންމުންނަށް ޕަބްލިކް ސާވިސް ބްރޯޑްކާސްޓަރު މެދުވެރިކޮށް ފެންނާނީ، ބްރޯޑްކާސްޓް ކުރުމާ ބެހޭ ގަވާއިދުގެ 41 ވަނަ މާއްދާގައި ބުނާ ލިސްޓެޑް އިވެންޓްސް ބްރޯޑްކާސްޓިން ކޮމިޝަނުން ކަނޑައަޅާފައި ވުމާއެކު، ފަށާ މެޗާއި ނިންމާ މެޗެވެ. އަދި ރީ ބްރޯޑްކާސްޓް ކުރުމާ ބެހޭ ގަވައިދުގައި، ހިދުމަތް ދޭ ފަރާތުން ޕަބްލިކް ސާވިސް ބްރޯޑްކާސްޓަރު ކަނޑައަޅާ 1 ޗެނަލެއް ހިލޭ ހިމަނަން ވާނެ ކަމަށް ބުނެފައި އޮތް ނަމަވެސް މީޑިއާނެޓްގެ ޕެކޭޖްތަކުގެ މަފުހީ ހަމަވާ އިރަށް ޕަބްލިކް ސާވިސް ބްރޯޑްކާސްޓަރުގެ ޗެނަލްވެސް ކަނޑާލައެވެ.

މިއީ ބްރޯޑްކާސްޓިން ކޮމިޝަނަންގެ ނިމިދިޔަ ދަރުރުތަކާއި ހިނގަމުން ދާ ދައުރުގައިވެސް ހައްލު ނުކުރެވުނު ބޮޑު މައްސަލައެއްގެ ގޮތުގައި އޮތް އިރު، އެ މައްސަލަ އާއި އެ ގައިވައިދުގެ 6 ވަނަ މާއްދާގައި ބުނާ ޗެނަލް ރޭޓިން (ދިވެހި ޗެނަލްތައް ތަރުތީބު ކޮށް ޕެކެޖްގައި ހިމެނުން) ކަމަށް ބުނާ މައްސަލަވެސް ހައްލުވާން ޖެހޭ ކަމަށް އެ ކޮމިޝަނުގެ ބައެއް މެންބަރުންވެސް އިއްތިފާގުވެއެވެ.

64 މެޗް ކުޅޭނެ މިއަރުގެ ވޯލްޑްކަޕް ނިމޭނީ ޑިސެމްބަރު 18 ގައެވެ.