މޮރިޝަސްގެ އިމުގެ މައްސަލަ ކާމިޔާބުވެއްޖެ ނަމަ، ރާއްޖެ އަށް އިތުރު 4687 އަކަކިލޯމީޓަރު ލިބޭނެ ކަމަށް، ބަންޑާރަނައިބުގެ އޮފީހުން ބުނެފިއެވެ.

އެ އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ މައްސަލައިގައި ރާއްޖޭގެ ފަރާތުން ލިޔުމުން ޖަވާބު ހުށަހަޅާފައި ވަނީ ކަމާގުޅޭ އިދާރާތަކުން މައުލޫމާތު ހޯދައި ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރުމަށް ފަހުގައި ކަމަށެވެ. އެ މައްސަލައަކީ ރާއްޖެ ފަދަ މަސްވެރިކަމަށް ބަރޯސާވާ ގައުމަކަށް މުހިންމު މައްސަލައަކަށް ވުމުން، ރާއްޖެ ތަމްސީލު ކުރުމަށްޓަކައި އެ ދާއިރާ އިން ތަޢުލީމާއި ތަޖުރިބާ ހުރި ފަރާތްތަކެއް އައްޔަން ކުރެވުނު ކަމަށް ވެސް، ބަންޑާރަނައިބުގެ އޮފީހުން ބުންޏެވެ.

އެ ބަޔާނުގައި ބަންޑާރަނައިބުގެ އޮފީހުން އިތުރަށް ފާހަގަކުރި ގޮތުގައި، މޮރިޝަސްގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމުގައިވާ ގޮތުން، އެ ގައުމުން ބޭސް ޕޮއިންޓް ކަނޑައަޅަން ފަށާނީ ތިލަ ދިޔަވަރުގައި ފެންނަން އޮތް ބްލެންހަމް ފަރުން ފެށިގެންނެވެ.

އެ އޮފީހުން ބުނި ގޮތުގައި، މިފަދަ މައްސަލަތަކުގައި މިހާތަނަށް ނިންމާފައިވާ ނިންމުންތަކަށް ބެލުމަށް ފަހު، އެއީ ބޭސް ޕޮއިންޓު ކަމަށް ނުބަލައި އެ ސަރަހައްދު ބައިކުރުމަށް ރާއްޖޭން ކުރާ މަސައްކަތް ކާމިޔާބުވެއްޖެ ނަމަ، ރާއްޖެ އަށް މިހާރު އޮތް އީއީޒެޑްގެ 200 ނޯޓިކަލް މޭލުގެ އިތުރުން އިތުރު 4،687 އަކަކިލޯމީޓަރުގެ ސަރަހައްދެއް ލިބިގެން ދާނެތީ، ސަރަހައްދު ބައިކުރަން މޮރިޝަސް އިން ހުށަހަޅާ ހުށަހެޅުމަށް އިއުތިރާޒު ކުރެއެވެ.

ރާއްޖޭގެ ދިފާއު ބިނާކޮށްފައިވާ މައިގަނޑު ނުކުތާތައް

އެ މައްސަލައިގައި ރާއްޖޭގެ ފަރާތުން ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފަށް 2010 ގައި ހުށަޅާފައިވާ ހުށަހެޅުމާ އެއްގޮތަށް އެ ކޮމިޝަނުން އައުޓާ ކޮންޓިނެންޓަލް ޝެލްފާ މެދު ގޮތެއް ކަނޑައެޅުމަކީ ރާއްޖެ އަށް އެންމެ ފައިދާ ހުރި ގޮތްކަމަށް ފާހަގަ ކުރެވޭތީ، އައުޓާ ކޮންޓިނެންޓަލް ޝެލްފާ ގުޅޭގޮތުން މޮރިޝަސް އިން ހުށަހަޅާފައިވާ މައްސަލަ ބެލުމުގެ އިހްތިސާސް ޓްރައިބިއުނަލަށް ލިބިފައިނުވާ ކަމަށް ރާއްޖޭން ހުށަހަޅާފައިވާ ހުށަހެޅުމުގައި ވެއެވެ.

އަދި ރާއްޖޭގެ ހުށަހެޅުން ބަލައިނުގަނެ، އައުޓާ ކޮންޓިނެންޓަލް ޝެލްފާ ގުޅޭ މައްސަލަ ބެލޭނެ ކަމަށް ޓްރައިބިއުނަލުން ނިންމާ ހާލަތުގައި ވެސް، އައުޓާ ކޮންޓިނެންޓަލް ޝެލްފް ކަނޑައެޅުމުގެ ގޮތުން ހުށަހަޅަންޖެހޭ "ނެޗަރަލް ޕްރޮލޯންގޭޝަން" އާ ގުޅޭ ސައިންޓިޕިކް އަދި ޓެކްނިކަލް ހެކިތައް މޮރިޝަސް އިން ހުށަހަޅާފައި ނުވާތީ، އެ ގައުމަށް އައުޓާ ކޮންޓިނެންޓަލް ޝެލްފް ހައްގުވެގެން ނުވާކަމަށް ވެސް ބަޔާންކޮށްފައި ވެއެވެެ.

ބަންޑާރަނައިބުގެ އޮފީހުން ބުނީ، އެ މައްސަލައިގައި ލިއުމުން ޖަވާބުދާރީވުމުގެ މަރުހަލާ ނިމި، މިދިޔަ ހޯމަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް، އާންމުކޮށް ހުޅުވާލައިގެން ބޭއްވޭ އަޑުއެހުންތައް ޓްރައިބިއުނަލްގައި ކުރިއަށްދާ ކަމަށާއި، އެ މައްސަލައިގައި އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ، ދެން އޮންނާނީ މައްސަލައިގައި ގޮތެއް ކަނޑައެޅުން ކަމަށެވެ.

އެ އޮފީހުން ބުނި ގޮތުގައި، ޓްރައިބިއުނަލްގައި މިހާރު ކުރިއަށްދާ މައްސަލައަކީ ރާއްޖެ ބައިވެރިވެފައިވާ މުއާހަދާގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ނިންމަން ޖެހޭ ތަފާތު މައްސަލައެކެވެ. އަދި އައިސީޖޭގެ ނިންމުން ތަންފީޒުކޮށް ޗާގޯސް މޮރިޝަސް އާ ހަވާލުކުރުމަށް ގޮވާލާ ގަރާރަށް އދ. ގައި ތާއީދުކޮށް ވޯޓުލުމުގެ ސަބަބުން ޓްރައިބިއުނަލްގައި ކުރިއަށްދާ މައްސަލަ އަށް އަސަރެއް ނުކުރާނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ

ޗާގޯސް އަކީ އައްޑޫ ސިޓީ އާއި ދުރު ނޫން ސަރަހައްދެއްގައި އޮންނަ މޮރިޝަސްގެ ޖަޒީރާ ރަށެކެވެ. ރާއްޖެ އާއި ޗާގޯސްއާ ދެމެދު އޮތް ކޮންޓިނެންޓަލް ޝެލްފްގެ އިން ކަނޑައެޅުމުގެ މައްސަލައިގައި ކަނޑުތަކާ ބެހޭ ބައިނަލްއަގުވާމީ ގާނޫނު (ލޯ އޮފް ދަ ސީސް ކޮންވެންޝަން) ގެ ދަށުން ރާއްޖޭން ވަނީ 2010 ގައި އދ. އަށް ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުގައިވާ އިންތައް ހުށަހަޅާފައެވެ. މި ހުށަހެޅުން އދ. އަށް ފޮނުވުމާ ގުޅިގެން މޮރިޝަސް އިން ވަނީ އެ ހުށަހެޅުމާ ދެކޮޅު ހަދާކަން އަންގާފައެވެ.

އިނގިރޭސިންގެ އަސްކަރީ ބޭހެއް ގާއިމް ކޮށްފައިވާ ޗާގޯސް އައިލެންޑްސް މޮރިޝަސް އާ ހަވާލު ކުރުމަށް ގޮވާލާ އދ ގެ އާންމު މަޖިލީހުގައި ނެގި 2019 ވަނަ އަހަރު ނެގި ވޯޓުގައި ރާއްޖޭން ވަނީ އެ ގަރާރާ ދެކޮޅަށް ވޯޓުލީ ހަ ގައުމުގެ ތެރޭގައި ހިމެނިފައެވެ. ރާއްޖޭން މޮރިޝަސް އާ ދެކޮޅަށް ވޯޓު ދިނީ ސަރަހައްދީ އިން ވަކިކުރުމުގެ މައްސަލަ އދ ގައި އޮތުމުން ކަމަށް ރާއްޖޭން އޭރު ބުންޏެވެ. ނަމަވެސް މިހާރު ރާއްޖެއިން ވަނީ އެ ދެކޮޅު ހެދުން ދޫކޮށް މޮރިޝަސް އަށް ތާއީދުކޮށްފައެވެ.

މި އާއެކު މޮރިޝަސް އާއި ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަހައްދު ފުށޫ އަރާ ބޮޑުމިން 96،000 އަކަ ކިލޯމީޓަރަށް އަރާ އިރު، ރާއްޖެއިން ދޫދީ މައްސަލަ ރާއްޖެއަށް ކާމިޔާބު ވުމުން 200 ނޯޓިކަލް މޭލާއި 4687 އަކަ ކިލޯމީޓަރު އެއްކުރުމުން ލިބޭނެ ޖުމްލަ އަކަ ކިލޯމީޓަރަކީ 5،204 އެކެވެ.