ދައުވާކުރާ ފަރާތާއި ދައުވާލިބޭ ފަރާތުގެ ޣައިރު ހާޒިރުގައި މައްސަލައިގައި ހުކުމްކޮށްކޮށް މައްސަލަ ނިންމާފައިވާތީ، ސިވިލް ކޯޓުގެ ގާޒީ ހަސަން ފަހީމް އިބްރާހީމަށް ނަސޭހަތްދީ، ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.

ޖޭއެސްސީއިން ނެރުނު ބަޔާނެއްގައި ބުނީ ފަހީމްއާ ބެހޭގޮތުން ކޮމިޝަނުން ތަހުގޫގުކުރި، 3 މައްސަލައެއްގައި ފަހީމް އަމަލުކޮށްފައިވަނީ، މި މައްސަލަތަކުގައި ފަހީމްގެ ސުލޫކަށް އަސަރުކުރާފަދަ ކަމެއް އޮތްކަމަކަށް މި މައްސަލަތައް ތަހުގީގުކުރި ތަހުގީގު ކޮމިޓީގެ މެންބަރުންނަށް ނުފެންނަ ކަމަށެވެ.

އެހެންނަމަވެސް، އޭގެ ތެރެއިން އެއް މައްސަލާގައި، ފަހީމް އަމަލުކުރެއްވި ގޮތަށް ބަލާއިރު ދައުވާކުރާ ފަރާތާއި ދައުވާލިބޭ ފަރާތުގެ ޣައިރު ހާޒިރުގައި މައްސަލައިގައި ހުކުމްކޮށް މައްސަލަ ނިންމާފައިވާކަމަށް ކޮމިޝަންގެ ތަހުގީގުގައި ފަހީމު އިއުތިރާފުވެފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.

ޖޭއެސްސީން ބުނީ، މިއީ ފަނޑިޔާރުންގެ ގާނޫނުގެ ދަށުން މައްސަލައާގުޅޭގޮތުން ހުށަހަޅަންޖެހޭ ހެއްކާއި ގަރީނާ ހުށަހެޅުމާއި، މައްސަލައާގުޅޭ ވާހަކަތައްދެއްކުމަށް މައްސަލައިގެ ޚަސްމުންނަށް ނުވަތަ ޚަސްމުން ތަމްސީލުކުރާ ފަރާތްތަކަށް އިޖުރާއަތުގައިވާގޮތުގެ މަތިން އެކަށޭނެ ފުރުސަތު ދޭންޖެހޭނެ ކަމެއް ކަމަށެވެ.

އެހެން ކަމުން ފަހީމަށް ނަސޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށް އެންގުމުގެ ފިޔަވަޅު އެޅުމަށް ފެންނަ ކަމަށް މިމަހު 19 ވަނަ ދުވަހު ބޭއްވި ޖޭއެސްސީގެ މިއަހަރުގެ 73 ވަނަ ޖަލްސާގައި ނިންމާފައިވާ ކަމަށް އެކޮމިޝަނުން ބުނެއެވެ.