އިނގިރޭސީން ރާއްޖެއާއި މޮރިޝަސް ހިމެނޭހެން މި ސަރަހައްދު އިސްއުމާރު ކޮށްގެން އޮތް އިރު މީހުން ބާލައި ހުސްކޮށް އެމެރިކާގެ އަސްކަރީ ބޭހެއް ހަދަން ދިން ތަނަކީ ޗާގޯސް އައިލޭންޑްސް އާ އެއްކޮށް އޮންނަ ޑިއޭގޯ ގާސިއާ ނުވަތަ ފޯޅަވައްސެއްވެ.

އެތާނގެ އަސްލު ވަޒަންވެރިންގެ ގޮތުގައި އުޅުނީ، އެފްރިކާއާއި މަޑަގަސްކަރައާއި މޮޒަމްބީކް އާއި މޮރިޝަސް އާއި އިންޑިއާ އަދި މެލޭ ދަރިކޮޅުގެ މީހުންނެވެ. ފަހުން ފްރާންސް ދަރިކޮޅުގެ މީހުންވެސް އާބާދުވުމާއެކު އެ އަސަރުތައް މިހާރުވެސް އެތަނުން ފެންނާން އެބައޮތެވެ.

އިނގިރޭސީން އެމެރިކާ އާ ހެދި ޑީލެއްގެ ދަށުން އެތަނުން މީހުން ބާލައި އެއްބަޔަކު ސީޝެލްސްއާއި އިނބިރޭސިވިލާތަށް ގެންދިޔަ އިރު ބޮޑު އާބާދީއެއް ދިޔައީ ކައިރީގައި އޮތް މޮރިޝަސް އަށެވެ.

ޗާގޯސް އައިލޭންޑްސް ނުވަތަ ފޯޅަވަހި ހިމެނޭ ރަށްތަކަކީ 60 ރަށް ހިމެނޭ ގޮތަށް 7 އަތޮޅަކަށް، ރާއްޖޭގެ ދެކުނުން 310 މޭލު ދުރުގައި އޮންނަ 500 ކިލޯމިޓަރުގެ ސަރަހައްދެކެވެ.

މިއަދުވެސް އިނގިރޭސީން، އިން ޖަހައިގެން ޗާގޮސް ގެންގުޅުނު ނަމަވެސް އެތަނުގެ އަސްލު މިލްކުވެރިންނަކީ މޮރިޝަސް ކަމަށް ބުނާ ލިޔުންތައް ގިނައެވެ.

ރައީސް ސޯލިހު (ވ) މޮރިޝަސްގެ ބޮޑުވަޒީރާ ބައްދަލު ކުރައްވަނީ

މޮރިޝަސް އަށް ޗާގޯސް ދޫކޮށްލުމާ ރާއްޖެއާ ހުރީ ކޮން ގުޅުމެއް؟

އިނގިރޭސީންގެ އަތްދަށުން މޮރިޝަސް މިނިވަން ވީއްސުރެ ޗާގޯސް ހޯދުމުގެ މަސައްކަތް އެ ގައުމުން ހުއްޓައެއް ނުލައެވެ. އަދި ރާއްޖެއާއި މޮރިޝަސްގެ ހާއްސަ އިގުތިސޯދީ ސަރަހައްދު ނުވަތަ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ފުށޫ އެރުން ހައްލު ކުރުމަށް މޮރިޝަސް އިން ކެނޑިނޭޅި މަސައްކަތް ކުރަމުން ދިޔަ އިރު ރާއްޖެއިން އެކަމާ މާބޮޑަކަށް ނޫޅެއެވެ.

30-40 އަހަރު، އަޅާލުމެއް ނެތި އޮވެ، 1992 ވަނަ އަހަރު ރާއްޖެއާއި އިނގިރޭސީން އުސޫލީ އެއްބަސްވުމެއް ވިއެވެ. އެއީ ފުށޫ އަރާ އީއީޒެޑް ގެ ސަރަހައްދު އެއްބަސްވެވޭ ހަމައަކުން ބޭނުން ކުރާން ވި އެއްބަސްވުމެކެވެ. އެއާއެކު އިނގިރޭސީން ޑްރާފްޓެއް ހަދާ އޭރު އޮތް ރާއްޖޭގެ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ލަފާ ހޯދަން އެއްބަސްވިއެވެ. އެ ދުވަސްވަރަކީ ރާއްޖޭގައި މެރިޓައިމް ލޯ ފާސްކުރަން މަސައްކަތް ކުރި ދުވަސް ވަރު ނަމަވެސް އެކަން 1996 އައި އިރުވެސް އޮތީ ނުވެއެވެ.

ރާއްޖެއަށް އެކަން އޭރު ނުވި ނަމަވެސް އިނގިރޭސީން މަޝްވަރާ އާ އެއްގޮތަށް ޗާޓުތަކެއް ހަދާ އާންމު ކުރިއެވެ. އެއާއެކު 2010 ވަނަ އަހަރު އެ ސަރަހައްދުގައި މެރިޓައިމް ޒޯނެއް ކަނޑައެޅި ނަމަވެސް އެއީ މިހާރު މިފެންނަ އީއީއެޒް ވަކި ކުރާ އިމެއް ނޫނެވެ. ދެން ރާއްޖެއިން ދިޔައީ، އައްޑޫއިން ފެށިގެން 200 ނޯޓިކަލް މޭލަކީ ރާއްޖޭގެ އީއީޒެޑް ކަމަށް ކަނޑައަޅައި ދޭން އދ އަށެވެ. ނަމަވެސް އެއީ 1992 ވަނަ އަހަރު އިނގިރޭސީންނާއެކު ކުރި މަޝްވަރާތަކުގައި އެއްބަސްވި ގޮތާ ހިލާފު ހުށަހެޅުމެއް ކަމަށް ވުމާއި ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނާ ފުށޫއަރާ ހުށަހެޅުމެއް ކަމަށް ވުމުން އޭރު ގޮންޖެހުންތައް ކުރިމަތިވިއެވެ.

އޭގެ ފަހުން 2011 ވަނަ އަހަރު އޭރުގެ ރައީސް މުހައްމަދު ނަޝީދު މޮރިޝަސް އަށް ކުރެއްވި ދަތުރުފުޅަކަށް ފަހު ދެގައުމު ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ، ކޮންޓިނެންޓަލް ޝެލްފް ކަނޑައެޅުމާއި އީއީޒެޑް ގެ މައްސަލައިގައި ދެގައުމުން ގެންގުޅޭނީ އެއް ވިސްނުމެއް ކަމަށާއި އިނގިރޭސީންނާ ދެކޮޅު ހަދާނެ ކަމަށެވެ.

އޭގެ ފަހުން މިއަދާ ހަމައަށް އެތައް މަޝްވަރާއެއް ކުރެވުނު ނަމަވެސް ރާއްޖެއިން ގެންދިޔައީ މޮރިޝަސްގެ ހުށަހެޅުމާ ދެކޮޅު ހަދާ އަދި އދ ގައި ކުރިއަށް ދިޔަ ބަހުސްތަކުގައިވެސް ފާޅުގައި ދެކޮޅަށް ވޯޓު ދެމުންނެވެ.

ނަތީޖާއަކަށް ވީ، މޮރިޝަސް އިން ބައިނަލްއަގްވާމީ ކޯޓަށް މައްސަލައައިގެން ވަދެ ބޮޑު ކާމިޔާބީއެއް ހޯދުމެވެ. އދ ގެ ކޯޓުގައި އޭރު މައްސަލަ ބެއްލެވި 13 ފަނޑިޔާރުންގެ ތެރެއިން އެމެެރިކާގެ ފަނޑިޔާރު ފިޔަވާ އެންމެން ބުރަވީ މޮރިޝަސް ކޮޅަށެވެ. އަދި ނިންމީ އިނގިރޭސި އިސްތިއުމާރު ވީހާ އަވަހަކަށް ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ.

މިއާއެކު މޮރިޝަސް އިން ވަނީ ރާއްޖެއާއި މޮރިޝަސް ފުށޫއަރާ އީއީޒެޑްގެ އިމުގެ މައްސަލަ ހައްލުކުރަން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށެވެ.

ރާއްޖެއަށް ވަނީ ކޮން ގެއްލުމެއް؟

އާ އީއީޒެޑް މައްސަލައިގެ ކޯޓު މަރުހަލާ މިހާރުވެސް ހިނގަމުން ދާ އިރު، އިނގިރޭސީންގެ އަތް ދަށުން ނަގާ ޗާގޯސް އައިލޭންޑްސް މޮރިޝަސް އަށް ދޭން އދ އާންމު މަޖިލީހުގައި މީގެ ކުރިން 116 ގައުމަކުން ތާއީދު ކޮށްފައި އޮތް އިރު އެ ލިސްޓަށް މިހާރު މި އިތުރު ވީ ރާއްޖެއެވެ. މީގެ ކުރިން ރާއްޖެއިން ގެންގުޅުނު ދެކޮޅު ވިސްނުން ދޫކޮށް މޮރިޝަސް އަށް ރުހުން ދިނުމާއެކު ރާއްޖެއާއި މޮރިޝަސް ފުށޫ އަރާ އީއީޒެޑްގެ ބޮޑުމިން 96،000 އަކަ ކިލޯމީޓަރަށް ބޮޑުވެގެން ދެއެވެ. އެއީ ޗާގޯސް އިން ފެށިގެން 200 ނޯޓިކަލް މޭލު، ރާއްޖޭގެ އައްޑޫން ފެށިގެން 200 ނޯޓިކަލް މޭލު ކުރަހާލީމައި ފުށޫ އަރާ ސަރަހައްދުގެ ބޮޑު މިނެވެ.

ޗާގޯސް މޮރިޝަސް އަށް ދިނުމަށް ވޯޓު ދިނުމާއި މޮރިޝަސް އާއި ރާއްޖެ ގުޅޭ އީއީޒެޑް ފުށޫ އަރާ މައްސަލަ އަކީ 2 މައްސަލައެއް ނަމަވެސް، މިހާރު ކަންބޮޑުވުން އުފެދިފައި ވަނީ ދެގައުމު ހިއްސާކުރާން ޖެހޭ އީއީޒެޑް ބަހާން އުޅޭ ގޮތަކާ މެދުގައެވެ. މި މައްސަލައިގައި ރާއްޖެއިން ބުނެފައި ވަނީ އެންމެ އިންޗިއެއްވެސް ދޫނުކުރާނެ ކަމަށް ވާ އިރު، ޗާގޯސްގެ މައްސަލައިގައި މޮރިޝަސް އަށް ފޮނުވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޓީފުޅުގައި ފާހަގަ ކުރައްވާފައި އޮތީ ކޮން ވާހަކައެއް ކަން އެނގެންވެސް ޖެހެއެވެ. އަދި ރާއްޖޭގެ ސިޔާދަތާ ގުޅިފައި އޮތް މައްސަލައެއް ނިންމާ އިރު، އެ ކަން ކުރާން ގަސްދު ކޮށްފައި އޮތް ގޮތެއްގެ ސާފު މައުލޫމާތު ލިބުމަކީ ރައްޔިތުންގެ ހައްގެއް ވެއް މެއެވެ.

ދެގައުމު ފުށޫއަރާ 96،000 އަކަ ކިލޯމީޓަރަކީ އިންޗިއެއް ދޫނުކޮށް ފަރުޖެއްސޭނެ މައްސަލައެއް ކަމަކަށް ނުފެންނަ އިރު އެކަމުގައި ހޯދޭނެ ހައްލަކީ ކޮބައިކަން އެނގެންވެސް ޖެހެއެވެ.

ޗާގޯސްގެ މައްޗަށް ރާއްޖޭގެ ސިޔާދަތީ ބާރު އޮތްކަމަށް އެއްވެސް އިރެއްގައި ދިވެހިރާއްޖެއިން ދައުވާ ނުކުރި ނަމަވެސް އިމުގެ މައްސަލަ ކޯޓުގައި ރާއްޖެއަށް ކާމިޔާބު ވުން މުހިންމެވެ. މިމައްސަލައިގެ އަޑުއެހުންތައް މާދަމާ ނިމޭނެއެވެ.