އިންޑިއާއިން 2016 ގައި ތަރައްގީ ކުރި ޔުނިފައިޑް ޕޭމަންޓް އިންޓަފޭސް (ޔޫޕީއައި) ގެ ހިދުމަތް ލަންކާ އާއި މޮރިޝަސްގައި ފަށައިފިއެވެ.
ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންގްހަ އާއި މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދް ޖުގުނާތާއި އޮންޑިއާގެ ބޮޑުވަޒިރު ނަރެންދްރަ މޯދީ، ވާޗުއަލްކޮށް ބައިވެރިވެވަޑައިގެން މި ހިދުމަތް މިއަަދު އިފްތިތާހު ކޮށްފައި ވާ އިރު، މި ހިދުމަތާއެކު މޮރިޝަސް އާއި ލަންކާގެ ބޭންކުތަކުން ޔޫޕީއައި ބޭނުން ކޮށްގެން މާލި މުއާމަލާތް ކުރެވޭނެއެވެ.
މިއަދު މި ހިދުމަތް އިފްތިތާހު ކުރި އިރު އިންޑިއާއިން ގެންގުޅޭ ޔުޕޭ ކާޑު، މޮރިޝަސްގައި ބޭނުން ކުރެވޭ ގޮތްވެސް ވަނީ ހަދާފައެވެ. މި ހިދުމަތާއެކު އިންޑިއާގެ ބޮޑުވަޒީރު ވިދާޅުވީ، އިންޑިއާއަކީ ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާގައި އިންގިލާބީ ބަދަލުތަކާ ދިމާއަށް މިސްރާބު ޖަހާފައި ވާ ގައުމަކަށް ވާއިރު އިންޑިއާގެ ޓެކްނޮލޮޖީ ސަރަހައްދީ ގައުމުތަކާއެކު ހިއްސާކުރުމަކީ ލިބިވަޑައިގަންނަވާ އުފަލެއް ކަމަށެވެ. އަދި އެފަދަ ގުޅުންތަކުގެ ސަބަބުން ޑިޖިޓަލް ހިދުމަތުގެ ތެރެއިން އެއްގައުމާއި އަނެއް ގައުމާ ދެމެދު މާލި މުއާމަލާތްތައް ހިންގަން ފަސޭހަވެ އިގުތިސޯދީ ގޮތުންނާއި ވިޔަފާރީގެ ރޮނގުން ފަސޭހަވެގެން ދާނެ ކަމަށެވެ.
މި ހިދުމަތާއެކު ލަންކާ އާއި މޮރިޝަސް އަށް ދަތުރުކުރާ އިންޑިއާގެ ރައްޔިތުންނަށް ޔޫޕީއައި ސިސްޓަމް ބޭނުން ކޮށްގެން އެމީހުންގެ ހަރަދުތަކަށް ފައިސާ ދެއްކޭނެއެވެ. އަދި އިންޑިއާއަށް ދަތުރު ކުރާ މޮރިޝަސްގެ ރައްޔިތުންނަށް ރުޕޭ ކާޑު ބޭނުން ކޮށްގެން އިންޑިއާ ފައިސާއިން މުއާމަލާތް ކުރެވޭނެއެވެ.
މި ބައްދަލުވުމުގައި ލަންކާގެ ރައީސް ވިދާޅުވީ، މިއީ ލަންކާގެ ވިޔަފާރިވެރިންނަށް ލިބުނު ފަހި ފުރުސަތެއް ކަމަށާއި އިންޑިއާގެ އެކިއެކި ސިޓީތަކުގެ ވިޔަފާރިތަކާ ގުޅުވާލައި ހިދުމަތް ހޯދުމަށް ފަސޭހަވެގެން ދާނެ ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ، މިހާރުވެސް އެވްރެޖްކޮށް 400،000 އެއްހާ ވިޔަފާރި ނުވަތަ މާޗެންޓުން އިންޑިއާއާ އެކު ވިޔަފާރީގެ މުއާމަލާތް ހިންގާ ކަމަށެވެ.
މޮރިޝަސްގެ ބޮޑުވަޒީރު ވިދާޅުވީ އިންޑިއާ އާއި މޮރިޝަސް އަކީ ޒަމާންވީ ދެ އެކުވެރި ގައުމުކަމަށާއި އެއްގޮތް ކަންތައްތަކަކާއި ސަގާފަތެއް ހިއްސާ ކުރާ ދެގައުމު ކަމަށެވެ. އަދި ލަންކާ އަކީ މޮރިޝަސް އާ ގާތް ގުޅުމެއް ބާއްވަން ބޭނުންވާ ގައުމެއް ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
އިންޑިއާއިން ޕޭމަންޓް ގޭޓުވޭ ހިދުމަތް ލަންކާ އާއި މޮރިޝަސް އަށް ރައާރަފް ކުރި އިރު ރާއްޖެއާއި އިންޑިއާ ދެމެދު ސިޔާސީ ގޮތުން އުފެދިފައިވާ ނުތަނަވަސްކަމުގައި އިންޑިއާގެ ވެރިން ވަނީ ރާއްޖޭގެ ބަދަލުގައި ޗުއްޓީއަށް ލަންކާއަށާއި އެނޫންތަންތަނަށް ދިޔުމަށް އެގައުމުގެ ރައްޔިތުންނަށް ބާރު އަޅާފައެވެ. އަދި ރާއްޖެ ބޮއިކޮޓް ކުރުމުގެ ވަރުގަދަ ކެމްޕެއިނެއްވެސް މިފަހުން ހިންގާފައި ވާ އިރު ބައެއް ޓްރެވަލް އެޖެންޓުން ވަނި ރާއްޖެއަށް ބްކިން ހަދައިދިނުން ހުއްޓާލައި ރާއްޖެ އަންނަން ބޭނުންވާ އިންޑިއާގެ ރައްޔިތުންނަށް ހުރަސް އަޅާފައެވެ.