އައްޑޫ ހިތަދޫން ފީނަން ފޭބި ޒުވާނާއަށް ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެއެވެ.

މިހާދިސާގައި މަރުވެފައިވަނީ ސ. ހިތަދޫ، ފެހިވިންަ ތޮލާލް އަހްމަދެވެ.

އޭނާ މަރުވީ މެންދުރު 1:05 ހާއިރު އިމަޖެންސީ ރޫމުގައި ފަރުވާ ދެނިކޮށް ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ސ. ހިތަދޫ އިން ފުރައިގެން މަސް ހިފަން ދިޔަ ޑިންގީ އަކުން މަސް ހިފަން ފޭބި ތިން މީހުންގެ ތެރެއިން އެކަކު ގެއްލިގެން ރިޕޯޓުކޮށްފައިވަނީ މިއަދު 11:32 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އޭނާ ކަނޑު އަޑިން ނަގައިގެން ގެންދިޔައީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށެވެ.

ތޮލާލި އެހޮސްޕިޓަލަށް ގެނެސްފައިވަނީ 12:34 ހާއިރު ކަމަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގެ އިންފޮމޭޝަން އޮފިސަރު، ސާފީ މުހައްމަދު ހުސައިން ވަނީ ވިދާޅުވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ތޮލާލް ފެނުނީ ފީނަން ފޭބި ސަރަހައްދުގެ 19 މީޓަރު އަޑިންނެވެ. އަދި އޭނާ ފެނުނީ ހޯދާތާ ގާތްގަނަޑަކަށް 45 ވަރަކަށް މިނިޓް ފަހުންނެވެ.