ގައުމީ ދުވަހާ ގުޅުވައި، ރައީސް ދެއްވާ ގައުމީ އިނާމު މި އަހަރު 32 ފަރާތަކަށް އަރުވައިފިއެވެ.

މި އަހަރު ގައުމީ އިނާމު އެރުވި ފަރާތްތަކުގެ ތެރޭގައި ހިމެނެނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބޭ 10 ފަރާތަކާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބޭ 22 ފަރާތެކެވެ. އެ ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ މިރޭ ދަރުބާރުގޭގައި އޮތް ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

ޝަރަފުވެރިކަމުގެ ގައުމީ އިނާމު ދިނީ އަށް ދާއިރާއަކުންނެވެ. އެ ދާއިރާތަކަކީ:

  • ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާ
  • ދިވެހި ސަގާފަތާއި އާދަކާދައިގެ ދާއިރާ
  • ތައުލީމީ ދާއިރާ
  • ސިއްހީ ދާއިރާ
  • ތިމާވެށްޓާއި ހަކަތައިގެ ދާއިރާ
  • އިޖުތިމާއީ ހިދުމަތުގެ ދާއިރާ
  • ވިޔަފާރި އާއި އިގްތިސޯދީ ދާއިރާ
  • މަސައްކަތްތެރިކަމުގެ ދާއިރާ
ތިމާވެށްޓާއި ހަކަތައިގެ ދާއިރާ އިން ޝަރަފުވެރިކަމުގެ އިނާމު ހާސިލްކުރެއްވި މުހައްމަދު ޒާހިރަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގައުމީ އިނާމު އަރުއްވަނީ / ފޮޓޯ: ރައީސް އޮފީސް

ގައުމީ އިނާމު ލިބޭ ފަރާތްތައް ހޮވާފައި ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެކަމަށްޓަކައި އެކުލަވާލައްވާފައިވާ ގައުމީ އިނާމާ ބެހޭ ކޮމިޓީންނެވެ. މި އަހަރު ޝަރަފުވެރިކަމުގެ އިނާމު ލިބިވަޑައިގަތް ބޭފުޅުންނަކީ:

  1. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާ އިން: މުހައްމަދު ޝާހިދު ހަލީމް، މ. ޑައިމަންޑްވެލީ
  2. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާ އިން: ހަސަން ޝާކިރު މުހައްމަދު، ހ. ހުދުފިނިފެންމާގެ
  3. ދިވެހި ސަގާފަތާއި އާދަކާދައިގެ ދާއިރާ އިން: އަބްދުﷲ، އާރުޒޫ / ގދ. ތިނަދޫ
  4. ތައުލީމީ ދާއިރާ އިން: ޑރ. އަހްމަދު އަންވަރު، ހަސަންކާރިގެ / ސ. މީދޫ
  5. ސިއްހީ ދާއިރާ އިން: އަހްމަދު ނާޝިދު، ހ. ރަންރިބުދޫ
  6. ތިމާވެށްޓާއި ހަކަތައިގެ ދާއިރާ އިން: މުހައްމަދު ޒާހިރު، މއ. ކިނާރާހައުސް
  7. އިޖުތިމާއީ ހިދުމަތުގެ ދާއިރާ އިން: ޒަރީނާ އަހްމަދު ދީދީ، ކުމުންޒާނިގެ / ސ. ފޭދޫ
  8. އިޖުތިމާއީ ހިދުމަތުގެ ދާއިރާ އިން: އަހްމަދު އަލީ މަނިކު، ގ. ވިޔަވަތި
  9. ވިޔަފާރި އާއި އިގްތިސޯދީ ދާއިރާ އިން: މުޙައްމަދު ސާލިހް، މ. ޝުއާޒް
  10. މަސައްކަތްތެރިކަމުގެ ދާއިރާ އިން: އާބިދާ އިސްމާއީލް އަލީ، މ. ކަނޑޫކުރި

މި ބޭފުޅުންގެ އިތުރުން، 17 ދާއިރާ އަކުން 19 ބޭފުޅުންނަށާއި ތިން ފަރާތަކަށް ހިތްވަރު ދިނުމުގެ އިނާމު އަރުވާފައިވެއެވެ.

ސަރުކާރުން ކޮންމެ އަހަރަކު ގައުމީ އިނާމު ދެނީ، ގައުމާއި މުޖުތަމައުގެ ލާބަ އާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި މުއައްސަސާތަކުންނާއި، ޖަމިއްޔާ ޖަމާއަތްތަކާއި ވިޔަފާރި އިދާރާތަކުން ކުރަމުން ގެންދާ މަސައްކަތްތަކުގައި އެ ފަރާތްތަކުން ހޯދާ ކުރިއެރުން ބަލައިގަނެ، އެ ފަރާތްތަކުގެ އަގުވަޒަންކޮށް، އެ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.