އަތޮޅުތަކުން މާލެއަށް ތައުލީމު ހޯދުމަށްޓަކައި އަންނަ ކުދިންނަށް ރައްކާތެރި ހިޔާވައްސެއް ހޯއްދަވައިދެއްވުމުގެ މަސައްކަތް ކުރެއްވި މއ. ކޮއްޓަފަރު އިބްރާހިމް އަބޫބަކުރު (ކޮއްޓަފަރު ދޮންތު) މިއަދު އަވަހާރަވެއްޖެއެވެ.

ކޮއްޓަފަރު ދޮންތު އަވަހާރަވިއިރު އުމުރުފުޅަކީ 70 އަހަރެވެ. ކޮއްޓަފަރު ދޮންތު މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިއަދު މެންދުރު ނަމާދަށްފަހު ހުޅުމާލެ ސަހަރާ މިސްކިތުގައެވެ.

ކޮއްޓަފަރު ދޮންތު އާއި އޭނާގެ އަނބިކަނބަލުން އަމީނާ އިބްރާހިމް ވަނީ 1994 ވަނަ އަހަރުން ފެށިގެން ކިޔަވާ ކުދިންނަށް ބޭނުންވާނެ ހުރިހާ ހިދުމަތްތަކާއެކު ކުދިން ބަލަހައްޓަވަމުން ގެންދަވާފައެވެ. އަދި މި ހިދުމަތް ފުޅާކުރެއްވުމުގެ ގޮތުން "ކޮއްޓަފަރު ބޯޑިން ހޯމް"ގެ ނަމުގައި ތަނެއް ރަޖިސްޓަރީ ކުރައްވާފައި ވާއިރު މިތަނުން 1300 އަށްވުރެ ގިނަކުދިން މުޖުތަމައަށް ނިކުމެފައި ވެއެވެ.

"ކޮއްޓަފަރު ބޯޑިން ހޯމް" އިން ޓީވީ ބެލުމާއި ރޭޑިޔޯ އަޑުއެހުމާއި، ނޫސް މަޖައްލާ ކިޔޭނެ ގޮތް ހަމަޖެހި އަދި އިންޓަނެޓްގެ ހިދުމަތް ވަނީ ދީފައެވެ. އަދި އެކި ކުޅިވަރުތައް މިތަނުގައި ކުޅެވޭއިރު "އޮރޭކަލް ލައިބްރަރީ"ގެ ނަމުގައި ލައިބްރަރީއެއްވެސް ވަނީ ހިންގާފައެވެ. މިތަނުގެ ހިދުމަތް، އެއްވެސް ފީއެއްނެތި ހުރިހާ ސްކޫލެއްގެ ދަރިވަރުންނަށް ދީފައި ވެއެވެ.

ކޮއްޓަފަރު ދޮންތު ކުރެއްވި މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ސަރުކާރުން ވަނީ 2007 ވަނަ އަހަރު ޖަމާއަތަށް ފައިދާހުރި ހިދުމަތް ކުރުމުގެ ދާއިރާއިން ގައުމީ ހިދުމަތުގެ އިނާމް ވެސް ދެއްވާފައެވެ.