ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގައުމީ އިނާމާބެހޭ ކޮމިޓީގެ ޗެއާޕާސަންގެ މަގާމަށް، ކަށިމާ އަހުމަދު ޝާކިރު އައްޔަން ކުރައްވައިފިއެވެ.

އެ މަގާމަށް ކަށިމާ ޝާކިރު އައްޔަން ކުރައްވާފައި މި ވަނީ ކޮމިޓީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އަނީސާ އަހުމަދު، ސިއްހީ ސަބަބުތަކަކަށްޓަކައި އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ކަށިމާ އަހުމަދު ޝާކިރަކީ ރާއްޖޭގެ އަދަބިއްޔާތަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އޭނާއަށް ވަނީ ޕާފޯމިން އާޓްސްގެ ދާއިރާއިން 1985 ވަނަ އަހަރު ގައުމީ އިނާމު ވެސް ހާސިލް ކުރައްވާފައެވެ.

މީގެ އިތުރުންވެސް ގައުމީ އިނާމާބެހޭ ކޮމިޓީގެ މެންބަރު ކަމަށް ރައީސް ވަނީ އިތުރު ބޭފުޅަކު އައްޔަން ކުރައްވާފައެވެ. އެ ކޮމިޓީގެ މެންބަރު ކަމުގައި ހުންނެވި އިބްރާހީމް އިސްމާއިލް އަލީ، ހުސްވި ޑިސެމްބަރު މަހު މިނިސްޓަރު އޮފް ސްޓޭޓް ފޯ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ މަގާމަށް، އައްޔަން ކުރެއްވުމާ ގުޅިގެން، އެ މަގާމަށް އަލަށް އައްޔަން ކުރައްވާފައި ވަނީ މައްޗަންގޮޅި ވިލުވެލި ބަދުރުއްނަސީރެވެ.

ސަރުކާރުން ދެމުންދާ ގައުމީ އިނާމަކީ، ދިވެހި ގައުމާއި ދިވެހި މުޖްތަމައުގެ ހެވާއި ލާބައަށްޓަކައި ވަކިވަކި ފަރުދުންނާއި، މިނިވަން މުއައްސަސާތަކުންނާއި، މަދަނީ އެކިއެކި ޖަމްއިއްޔާ، ޖަމާއަތްތަކުންނާއި، ވިޔަފާރި އިދާރާތަކުން ދިވެހި ގައުމުގެ ތަރައްގީއަށްޓަކައި ކުރަމުންގެންދާ މަސައްކަތްތަކުގައި، އެފަރާތްތަކުން ހޯދާ ކުރިއެރުންތައް ބަލައިގަނެ، އެކަންކަމުގެ އަގު ވަޒަންކޮށް، ހިތްވަރުދިނުމުގެ މަގުސަދުގައި ކޮންމެ އަހަރަކު ދެމުން ގެންދާ އިނާމެކެވެ.

ގައުމީ އިނާމުގެ ގޮތުގައި ދެމުން ގެންދަވަނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި، ހިތްވަރުދިނުމުގެ ގައުމީ އިނާމެވެ.