ޔޫކްރައިނަށް ރަޝިއާ އިން ދެމުން ގެންދާ އަސްކަރީ ހަމަލާތަކުގައި އީރާނުގައި އުފައްދާ ޑްރޯން ބޭނުން ކުރާ ކަމަށް ބުނެ އީޔޫއިން އީރާނަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ.

އީޔޫއިން މިކަން ހާމަ ކޮށް މިއަދު ބުނީ، އީރާނުގެ ޖެނެރަލަކަށާއި ޑްރޯން ސަޕްލައި ކުރާ އީރާނުގެ ކުންފުންޏަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައި ވާ ކަމަށެވެ. އީޔޫގެ މި ނިންމުމާއެކު އީޔޫ މެންބަރު ހުރިހާ ގައުމަކުން އެ ފިޔަވަޅު ތަންފީޒު ކުރާނެއެވެ. ނަމަވެސް އެޅި ފިޔަވަޅުތަކުގެ ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ.

އީޔޫގެ ނިންމުމަށް މަރުހަބާ ކިޔައި ޔޫކްރައިން އިން ބުނީ، އެމީހުންގެ ބޮލަށް ބޮން އަޅާ، އުމްރާނީ ވަސީލަތްތަކާއި ކަރަންޓް ވިއުގަ ހަލާކު ކޮށް ހިދުމަތްތަކުން ރައްޔިތުން މަހުރޫމް ކުރުމަށް ރަޝިއާއިން ބޭނުން ކުރަނީ އީރާނުގައި އުފައްދާ ޑްރޯން ކަމަށެވެ. އެހެން ކަމުން އިޔޫއިން އެޅި ފިޔަވަޅަށް ފުރިހަމައަށް މަރުހަބާ ކިޔާ ކަމަށް ބުނެފައި ވެއެވެ.

ރޫކްރައިން ހަނގުރާމައިގައި އީރާނުގެ ޑްރޯން ބޭނުން ކުރާ ކަމަށް އީޔޫގެ އިތުރުން އެމެރިކާ އާއި ޔޫކްރައިނުން ބުނި ނަމަވެސް އެކަން އީރާނާއި ރަޝިއާއިން ދޮގު ކުރެއެވެ. ރަޝިއާގެ އޮފިޝަލުން ވިދާޅުވެފައި ވަނީ އެ ހަނގުރާމައިގައި އީރާނުގެ ޑްރޯން ބޭނުން ކުރާކަމުގެ މައުލޫމާތެއް ނެތް ކަމަށެވެ. އީރާނުން ބުނެފައި ވަނީ، ޔޫކްރައިން ހަނގުރާމައަށް އެއްވެސް ސިފައެއްގައި ރަޝިއާއަށް އެހީ ނުވާ ކަމަށާއި ޑްރޯންވެސް ނުދޭ ކަމަށެވެ.

ނަމަވެސް ދާދި ފަހުން ސޯޝަލްމީޑިއާ އާއި ޔޫކްރައިންގެ މީޑިއާ ތަކުގެ އިތުރުން ބައިނަލްއަގުވާމީ މީޑިއާތަކުން އާންމު ކުރި ވީޑިއޯ އާއި ފޮޓޯތަކުން، ޔޫކްރައިންގެ އެކި ސަރަހައްދުތަކަށް ވެއްޓިފައި ހުރި ޑްރޯންތަކާއި، ވެއްޓެމުން ދިޔަ ޑްރޯންތައް ދައްކާފައި ވެއެވެ. އެ ޑްރޯންތަކުގައި ނަންބަރެއް އޮތް އިރު އެ ޑްރޯންތަކުގެ ބައްޓަން ހުރީ އީރަނުގައި އުފައްދާ ޝަހީދު 136 ޑްރޯންގެ ބައްޓަމަށެވެ. އެ ޑްރޯންތަކަކީ، ގަޑިއަކު 185 ކިލޯމީޓަރުގެ ބާރު މިނުގައި 2500 ކިލޯމީޓަރަށް ދަތުރު ކުރެވޭ ގާބިލްކަމާއެކު ގޮވާ އާލާތް ހަރުކޮށްފައި ހުންނަ ޑްރޯންތަކެވެ. އެ ޑްރޯން ތަކަށް ދީފައި ވާ އަނެއް ނަމަކީ، ދެވަނަ ބޮޑުހަނގުރާމައިގައި ޖާނުން ފިދާވެ ހަމަދާ ދިން ޖަޕާނުގެ ޕައިލެޓެއް ކަމަށް ވާ ކަމިކާޒީގެ ނަމުންނެވެ.