ޖިންސީ ގޯނާ ކުރާ މީހުންނަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އިންޒާރެއް ދެއްވައިފިއެވެ.

ސީޕީ މިފަދައިން އިންޒާރެއް ދެއްވާފައި ވަނީ ހާއްސަަ އެހީއަށް ބޭނުންވާ ކުއްޖަކު މީގެ ދެ އަހަރު ކުރިން ރޭޕްކުރި އެ ކުއްޖާގެ ޅިޔަނަކު 18 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައި ވާތީ އެފަދަ އެހެން އެންމެންނަށެވެ.

ސީޕީ ވިދާޅުވީ އެ މީހާގެ މައްޗަށް ކުށް ސާބިތުވެ ހުކުމް ކުރެވުމާ ހަމައަށް ދެވުނީ ފުލުހުން ހިންގި ވަރަށް ރަނގަޅު ތަހުގީގެއްގެ ނަތީޖާއެއްގެ ގޮތުން ކަމަށާއި ކުޑަކުދިންނަށް ރައްކާތެރިކަން ކަށަވަރު ކުރުމަކީ ފުލުހުން ވަރަށް ސީރިއަސް ކޮށް ބަލާ ކަމެއް ކަމަށެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ވިދާޅުވަމުން، މިއީ އެފަދަ ޖަރީމާތައް ހިންގާ މީހުންނަށް ދޭ އިންޒާރެއްގެ ގޮތުގައި ބަލައިގަތުމަށް ވެސް ސީޕީ ވަނީ ވިދާޅުވެފައެވެ.

އިއްޔެ އެ ޅިޔަނުގެ މައްޗަށް ކުރި ހުކުމުގައި ބުނެފައި ވަނީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްކަން އެނގި ހުރެ 2020 ވަނަ އަހަރުން ފެށިގެން އެކި ދުވަސް މަތިން އެ ކުއްޖާ ރޭޕް ކޮށްފައިވާ ކަމަށެވެ.