ބ. ގޮއިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިޝާރުގެ ސުލޫކީ މައްސަލަ ބަލައި ސަސްޕެންޑް ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން ބުނީ، ނިޝާރު އައްޔަން ކުރި ބ. ގޮއިދޫ ކޯޓަށް ގަވައިދުން ވަޒީފާއަށް ނުކުތުމުގެ ބަދަލުގައި އޭނާއާ ހަވާލު ކުރެވިފައިވާ ބ. ފުޅަދޫ ކޯޓަށް މަސައްކަތަށް ނުކުންނަވަމުން ގެންދެވި މައްސަލައިގައި ނިޝާރު އަމިއްލަ އިއުތިރާފުން އެ މައްސަލަ ސާބިތުވެފައިވާ ކަމަށެވެ.

މިކަމުގައި އިސްމެޖިސްޓްރޭޓް ނިޝާރު އަމަލުކޮށްފައި ވަނީ ހަވާލުކުރެވިފައިވާ ކޯޓުތަކުގެ މަސައްކަތްކުރުމަށް ހާޒިރުވުމާ ގުޅޭގޮތުން ކޮމިޝަނުން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށްކަމަށް ޖޭއެސްސީން ބުނެއެވެ.

ޖޭއެސްސީން ބުނީ މުސާރައާއި އިނާޔަތް ނުލިބޭގޮތަށް ނިޝާރު ވަޒީފާގެ މަސައްކަތަށް ނުކުތުން 14 ދުވަހަށް މަނާކުރުމަށް ފެންނަ ކަމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތަށް ނިންމާފައިވަނީ އިއްޔެ ބޭއްވި އެ ކޮމިޝަންގެ 73 ޖަލްސާގައި ކަމަށް ވެސް ޖޭއެސްސީން ބުނެއެވެ.