އިންސާނުންގެ ފަސް ހިއްސު ހުންނަ އިރު އޭގެތެރެއިން އެއް ހިއްސު އުނި ވެއްޖެ ނަމަ އެއީ ކިހާ ބޮޑު ތަކުލީފެއް އުފުލަން ޖެހޭނެ ކަމެއް ކަން ބުނެދޭން އެނގޭނީ ހިއްސު ސަލާމަތުން ހުރުމަށް ފަހު އެފަދަ އުނިކަމެއް ދިމާވެއްޖެ ނަމައެވެ. އެގޮތުން ދިރިއުޅުމުގައި ލޮލަށް ނުފެންނަ ނަމަ އެމީހަކަށް ގިނަ އުނދަގޫތަކެއް ތަހައްމަލު ކުރަން ޖެހޭނެ ކަމީ އަހަރެމެންގެ ތެރެއިން ކޮންމެ މީހަކު ވެސް ގަބޫލު ކުރާނެ ކަމެކެވެ.
އުމުރުން 63 އަހަރުގެ އައިޝަތު މަނިކުފާނު އަކީ މީގެ ކުރިން ލޮލަށް ފެންނަ މީހެކެވެ. ފަސް ދަރިންގެ މަންމައެއް ކަމުގައި ވާ އައިޝަތުގެ ލޮލުގެ ފެނުން ފުސް ވެ ފެނުމުގައި އުނދަގޫތަކެއް ތަހައްމަލު ކުރަން ޖެހުނީ މީގެ 7 އަހަރު ކުރިންނެވެ. އެގޮތުން 2015 ވަނަ އަހަރު ތެރޭގައި އޭނާގެ ލޮލުގެ ފެނުމަށް ބަދަލުތަކެއް އައިސްފައި ވެއެވެ. ކުރިއަށް ވުރެ އެއް ލޮލުގެ ފެނުން އަނދިރިވެ ލޮލުގައި ފުސްކަމެއް ހުންނަ ކަން ފާހަގަ ކުރެވިގެން އެ އާއިލާ ވަނީ އައިޝަތު ގޮވައިގެން އޭރު އިންޑިއާ އަށް ގޮސްފައެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އޭނާގެ 5 ދަރިންގެ ތެރެއިން އަންހެން ދަރިއަކު ބުނީ، އޭރު އިންޑިއާ އަށް ގޮސް ޑޮކްޓަރަށް ދެއްކި ކަމަށާއި ނަމަވެސް އޭރު އޮޕަރޭޝަނެއް ނުކުރާ ކަަމަށެވެ. ހޯދި ފަރުވާ އިން ލުޔެއް ނުލިބި ހުއްޓައި ދެވަނަ ލޯ ވެސް ފުސްވީ ކަމަށް އޭނާގެ ދަރިފުޅު ބުނެއެވެ. އެހެންކަމުން 2020 ވަނަ އަހަރު މަންމަގެ ލޮލަށް ފަރުވާއެއް ލިބޭނެ ކަމަށް އައިޖީއެމްއެޗް ހޮސްޕިޓަލަށް ދެއްކި ކަމަށާއި އޭރު އެ ހޮސްޕިޓަލުން ކަނާތު ލޮލުގެ އޮޕަރޭޝަނެއް ކުރި ކަމަށް އެ ދަރިފުޅު ކިޔައިދިނެވެ.
މަންމަގެ ލޮލަށް ފެންނާނެ ކަމުގެ ފޮނި އުންމީދުގައި ދަރިން ތިބި ނަމަވެސް އެ އޮޕަރޭޝަން ކާމިޔާބެއް ނުވިއެވެ. އެހެންކަމުން މިދިޔަ ޖުލައި މަހު އަނެއްކާ ވެސް އައިޝަތު ވަނީ ލޮލުގެ ޑޮކްޓަރަކަށް ދައްކާފައެވެ. މި ފަހަރު އައިޝަތު ދެއްކީ އައިޖީއެމްއެޗް އަކަށް ނޫނެވެ. މި ފަހަރު ދެއްކީ އޭނާ އުފަން އަތޮޅުގައި ހުންނަ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށެވެ.
އެ ހޮސްޕިޓަލުން ބެލި ޑޮކްޓަރު ބުނި ކަމަށް ވަނީ، އައިޖީއެމްއެޗް އިން އޮޕަރޭޝަން ކުރުމަށް ފަހު މަންމަގެ ލޮލުގެ ލެންސް ވެސް ލައްވާފައި ވަނީ ނުބައިކޮށް ކަމަށެވެ. އަދި މިފަހަރު ވާތު ލޯ އޮޕަރޭޝަން ކުރަން ޖެހޭ ކަމަށް ބުނެ އާސަންދަ މެދުވެރިކޮށް ފަރުވާ ހޯދަން ދިއުމަށް އެދި އެ ޑޮކްޓަރު ވަނީ ލިޔެކިޔުންތައް ވެސް ހަމަޖައްސައި ދީފައި ކަމަށް އާއިލާއިން ބުނެއެވެ.
އާސަންދަ ހަމަޖެހޭތޯ އެ އާއިލާ ވަރަށް އުންމީދާ އެކު މާލެ އައިސް ފުރުމުގެ ކަންކަން ހަމަޖައްސަން ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް އާސަންދައިން ދިނީ އެ އާއިލާ މާޔޫސް ވާ ފަދަ ޖަވާބެކެވެ. އެ އޮޕަރޭޝަން އަކީ ރާއްޖެއިން ކުރެވޭ އޮޕަރޭޝަނެއް ކަމަށާއި އެހެންކަމުން އައިޖީއެމްއެޗުން ޑޮކްޓަރަށް ދެއްކުމަށް ބުންޏެވެ. ނަމަވެސް އައިޝަތު ކުރިން ކުރި އޮޕަރޭޝަން ކާމިޔާބު ނުވެ އަދި އެ އޮޕަރޭޝަން ކުރި އިރު ލޮލުގެ ލެންސް ނުބައިކޮށް ލައްވާފައި ހުރި ކަަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ބުނެފައި ވާތީ އޭނާ އައިޖީއެމްއެޗުން ޑޮކްޓަރަށް ދައްކައިގެން ފަރުވާ ކުރިއަށް ގެންދަން އިންކާރު ކުރިކަމަށެވެ.
އައިޝަތުގެ ބަލި ހާލަތު ހުރި ގޮތުން އެންސްޕާ މެދުވެރިކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވަންސް ލިބޭތީ އެ ފައިސާ އޭނާ އައީ އެއްކުރަމުންނެވެ. ދިރިއުޅުމުގެ ހާލަތު ހުރި ގޮތުން މާގިނަ ފައިސާ އެއް ލިބޭ ބަޔަކަށް ނުވާތީ މި ވަގުތު އައިޝަތު އިންޑިއާ އަށް ފުރުމަށް ފައިސާ ބޭނުން ވެއެވެ. އާސަންދަ ހަމަނުޖެހޭތީ އޮޕަރޭޝަން ކުރުމަށާއި އެކޮޅުގައި ހުރުމާއި ކެއުމުގެ ކަންކަން ހަމަޖެއްސެން އޮތީ ފައިސާގެ އެހީތެރިކަމެއް ލިބިގެން ކަމަށް އެ އާއިލާއިން ބުނެއެވެ. މި ވަގުތު ފައިސާގެ އެހީއެއް ލިބޭތޯ އާދޭސް ކުރަމުން ދަނީ އެ އޮޕަރޭޝަން އަވަހަށް ކުރެވި، މަންމަގެ ލޮލުގެ ފެނުން ލިބިގެން ދާނެ ކަމުގެ ފޮނި އުންމީދުގައި ކަމަށް އާއިލާއިން ބުނެއެވެ.
- އެކައުންޓްގެ ނަން: އައިޝަތު މަނިކުފާނު
- އެކައުންޓް ނަންބަރު:7708382160101
- ފޯން ނަންބަރު: 7632686
'ދަ ޕްރެސް' ގެ ދުއާއަކީ އައިޝަތު މަނިކުފާނަށް މާތް ﷲ އަވަސް ޝިފާއެއް މިންވަރު ކުރައްވައި އެ އާއިލާއަށް ކެތްތެރިކަން ދެއްވުމެވެ. އަދި އަހަރެމެން ދިވެހިންނަކީ އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލެއްވުމެވެ.