ވޯލްޑްކަޕް 2022 ހުޅުވުމުގެ ގޮތުން ސައުދީއަރަބިއްޔާ އާއި އާޖެންޓީނާ ކުޅުމަށް ހަމަޖެހިފައިވާ މެޗް ބެލުމަށް 33 އަހަރުގެ އަބްދުﷲ އަލްސުލްމީ ފައިމަގުގައި ދަތުރު ފަށާފައިވަނީ ސައުދީއަރަބިއްޔާގެ ޖިއްދާ އިން ގަތަރުގެ ދޯހާއަށެވެ.

އަލްސުލްމީގެ މި ނިންމުން އޭނާގެ ތިމާގެ ބައެއް މީހުން ސިފަކޮށްފައި ވަނީ ވަރަށް "މޮޔަ" ނިންމުމެއްގެ ގޮތުގައެވެ. އަދި އެކަން އެއީ ވުން ވަރަށް ނާދިރު ކަމެއްގޮތުގައި ވެސް ބުނެފައިވެއެވެ. ސަބަބަކީ ޖިއްދާއިން ފައިމަގުގައި ދޯހާއަށް ދިޔުމަށް 1000 މޭލު ކަޑައްތު ކުރަން ޖެހޭތީއާއި އަދި އެ ދަތުރަށް އެކަނިވެސް ދެމަސް ދުވަސް ނަގާތީއެވެ. ނަމަވެސް އަލްސުލްމީ އޭނާގެ ނިންމުން ބަދަލެއް ނުކުރިއެވެ. ކޮންމެ ގޮތެއް ހަދާފައި ވިޔަސް އޭނާ ވޯލްޑްކަޕް ބަލަން ދޯހާއަށް ދާން ނިންމިއެވެ.

އަލްސުލްމީ ދަނީ އޭނާ ފައިމަގުގައި ކުރަމުންދާ ދަތުރު އޭނާގެ ސްނެޕްޗެޓުގެ އެތައް ހާސް ފޮލޯވަރުންނާ ބަރާބަރަށް ހިއްސާކުރަމުންނެވެ. އަލްސުލްމީ ބުނިގޮތުގައި މީގެ މަޤްސަދަކީ މިއީ މެދުއިރުމަތީގެ ގައުމެއްގައި ބޭއްވޭ ފުރަތަމަ ވޯލްޑްކަޕަށް ވެފައި ސަރަހައްދުގެ ގައުމުތަކުގައި ވޯލްޑްކަޕަށް ހުރި ޝައުގުވެރިކަން ދައްކާލުމެވެ.

"އަހަރުމެން ބޭނުންވަނީ ވޯލްޑްކަޕަށް ސަޕޯޓު ކުރަން. އަދި އަހަރެން އަހަރެންގެ އަމިއްލަ ނަފްސު ސިފަކުރަނީ މިފަހަރުގެ ވޯލްޑްކަޕަށް ވަރަށް ޝައުގުވެރިވާ އަދި ކާމިޔާބަށް އެދޭ ޤަތަރީއެއްގެ ގޮތުގައި" ސައޫދީ އަރަބިއްޔާ އަދި ގަތަރުގެ ދިދަ ޖަހާފައިވާ ދަބަހެއް ހިފައިގެން ހުރެ އަލްސުލްމީ ބުންޏެވެ.

އަލްސުލްމީ ވަނީ މީގެ ކުރިން ވެސް އޭނާ ދިރިއުޅެފައިވާ ދެގައުމު ކަމުގައިވާ ކެނެޑާ އަދި އޮސްޓްރޭލިޔާގައިވެސް މިކަހަލަ ދިގު ދަތުރުތައް ފައިމަގުގައި ކޮށްފައެވެ. ނަމަވެސް އަރަބިއަން ޕެނިންސިއުލާ ހުރަސްކޮށް އޭނާ ކުރާ ފުރަތަމަ ދިގު މި ދަތުރުހާ އުނދަގުލެއް ނޫން ކަމަށް ވަނީ ބުނެފައެވެ.

ވަރަށް ހެނދުނާ އަލްސުލްމީ އޭނާގެ ދަތުރަށް ފަށައެވެ. އަދި މެންދުރުގެ ގަދަ އަވިން ސަލާމަތްވުމަށް ކުޑަކޮށް މަޑުކޮށްލުމަށް ފަހު އަނެއްކާވެސް ދަތުރު ފަށައެވެ. އަލްސުލްމީ ނިންމާފައި ވަނީ ދުވާލަކު 35 ކިލޯމީޓަރަށް ހިނގުމަށް ކަމުގައި ވާތީ ބައެއް ފަހަރު ރޭގަނޑުވެސް ދަތުރުގެ ބައެއް ފުރިހަމަ ކުރެއެވެ. ހިނގާފައި އުޅޭއިރު ހަށިގަނޑަށް ލުއިކުރުމުގެ ގޮތުން އަލްސުލްމީ ގިނައިން ކައި އުޅެނީ ޕެޓްރޯލް ސްޓޭޝަންތަކުން ގަންނަން ލިބޭ ލުއި ކާއެއްޗެއްސެވެ. އަދި ފެންވަރައި އެއްޗިހި ދޮވެ ހަދަނީ މިސްކިތްތަކުންނެވެ. ނިދަނީ ދަތުރުކުރާ އެކި ހިސާބުތަކުގައި ޓެންޓު ޖަހައިގެންނެވެ. މިގޮތުން ދަތުރުމަތީގައި ދިމާވާ އެކި ހާދިސާތައް އަލްސުލްމީ އަންނަނީ އޭނާގެ ސޯޝަލް މީޑިއާގެ ފޮލޯވަރުންނާ ހިއްސާ ކުރަމުންނެވެ. މީގެތެރޭގައި ބިރުވެރި ތަޖުރިބާތައް ވެސް ހިމެނެއެވެ. އެގޮތުން އެއްރޭ ނިދާފައި އޮއްވާ ޓެންޓު ކައިރިން ނަގުލަންދާއްޓެއް އޭނާއާ ދިމާލަށް ބަލަހައްޓައިގެން އޮތްތަން ފެނުނު ކަމަށް ބުންޏެވެ.

ދަތުރުމަތީގައި ދިމާވާ ސައުދީގެ ރައްޔިތުން އަލްސުލްމީއަށް ވަރަށް ބޮޑަށް އެހީތެރިވެ، ކާއެއްޗެހި ވެސް ދީ ހަދައެވެ. އަދި މި ދިގު އުނދަގޫ ދަތުރުކުރުމުގައި އޭނާ އަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީ އެމީހުންގެ ފަރާތުން ލިބޭ ސަޕޯޓު ކަމަށް ބުންޏެވެ.

"ޖިއްދާއިން ފެށިގެން ދޯހާއަށް މިކުރާ ދަތުރުގައި ކޮންމެ 100 މީޓަރަކީވެސް ވަރަށް ތަފާތު ތަޖުރިބާއެއް. ފުރަތަމަ ވެލިގަނޑުތައް ހުރަސްކޮށް، އޭގެ ފަހުގައި ފަރުބަދަތަކާއި ހުސްބިންތަކާއި އަދި ދަނޑުބިންތައް ހުރަސްކުރަން ޖެހޭ. އަދި މިހުރިހާ މަރުހަލާއެއް މި ކަޑައްތު ކުރަނީ އެންމެ ދެމަސް ދުވަސްތެރޭ. މީ ވަރަށް ސަޅި ކަމެއް" އަލްސުލްމީ ބުނެފައިވެއެވެ.

ސުލްމީ އުއްމީދުކުރަނީ އޭނާގެ ތަޖުރިބާ ސޯޝަލް މީޑިޔާގައި ހިއްސާކުރުމުން އެހެން މީހުންގެ ހިތުގައިވެސް މިފަދަ ކަންކަމަށް ޝައުގުވެރިން އުފެދޭނެ ކަމުގައެވެ. ފައިމަގުގައި ދުރު ދަތުރުކުރުން ސުލްމީ ސިފަކޮށްފައި ވަނީ "ފަސޭހަ ކުޅިވަރެއް" ގެ ގޮތުގައެވެ. އަދި ރާސްތާގައި ކިތަންމެ ދަތިތަކެއް ދިމާވިޔަސް ހިތްވަރާ އެކު ކޮށްފިއްޔާ ކާމިޔާބު ވާނެކަމަށް ބުންޏެވެ. މިކަހަލަ ދަތުރުތައް ކުރުމަށް ސައުދީގެ މޫސުން ހުންނަ ގޮތުން އުނދަގޫ ތަކަކާ ކުރިމަތިލާން ޖެހުނަސް މިއީ ނުކުރެވޭ ވަރުގެ ކަމެއް ނޫންކަމުގައި ވެސް ބުންޏެވެ.

ރޭވިފައިވާ ގޮތަށް ހުރިހާކަމެއް ދާކަމުގައި ވާނަމަ އަލްސުލްމީ އަށް ނޮވެމްބަރު 22 ގައި އާޖެންޓީނާ އަދި ސައުދީއަރަބިއްޔާ ކުޅުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕްގެ ފުރަތަމަ މެޗަށް ދޯހާއަށް ވާސިލު ވެވޭނެއެވެ.