ހިންމަފުށީގައި ހިންގާ އައްސޭރި ޖަލުން ފިލަން މަސައްކަތް ކުރި ދެ ގައިދީއަކު ހިފަހައްޓައިފިއެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިރޭ އައްސޭރި ޖަލުގެ ފާރުމަތިން ފުންމާލައިގެން ފިލަން އުޅުނު ދެގައިދީން ހިފަހައްޓާފައިވާ ކަމަށާއި މި ހާދިސާ ހިނގާ ދިޔަގޮތް ދަނީ ބަލަމުން ކަމަށެވެ. އަދި މިކަން އިތުރަށް ތަކުރާރުނުވާނެ ގޮތަށް އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ވެސް ސީޕީ އަހްމަދު ވިދާޅުވިއެވެ.

މާފުށި ޖަލާއި ހިންމަފުށި ޖަލުން މީގެކުރިންވެސް ގައިދީން ފިލާފައިވެ އެވެ. ނަމަވެސް މާގިނަ އިރުތަކެއް ނުވެ އެފަދަ މީހުން ހޯދައި އަނބުރާ ޖަލަށް ގެންގޮސްފައި ވެއެވެ.

އެގޮތުން މިދިޔަ މެއި މަހުތެރޭގައި ވެސް ވަނީ އައްސޭރި ޖަލުގައި ހުރި ގައިދީއަކު ފިލާފައެވެ. އެ ފަހަރުވެސް މާ ގިނަ އިރުތަކެއް ނުވެ އެމީހާ ވަނީ ހޯދާފައެވެ.