ޒިމްބާބުވޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް ފްލައިބޯޑެއްގައި ހުންނަވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމު ކުރުމާއެކު އެ ފޮޓޯގައި ކެޕްޝަނެއްގެ ގޮތުގައި ޖަހަންވީ "އަކުއާމެންކް" ކަމަށް ބުނެ މީހަކު ކުރި ކޮމެންޓަށް ގިނަ ބަޔަކު ތާއީދު ކޮށްފިއެވެ.

ދީނީ މައުލޫމާތާއި ދަރުސް ދެއްވުމަށް ދުނިޔޭގެ އެކިކަންކޮޅުތަކަށް ޒިޔާރަތް ކުރައްވާ، އަދި އެކި ގޮތްގޮތުން ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ދީނީ އިލްމާއި މައުލޫމާތު ހިއްސާ ކުރައްވާ މުފްތީ މެންކް ވަނީ އޭނާގެ އޮފިޝަލް ފޭސްބުކް ޕޭޖާއި އިންސްޓަގަރާމް އެކައުންޓްގައި ތަފާތު ފޮޓޯއެއް ހިއްސާ ކުރައްވާފައެވެ.

އެ ފޮޓޯއިން ފެނިގެން ދަނީ މުފްތީ ފްލައިބޯޑެއްގެ މަތީގައި ހުންނަވާ އިރު ދެ އަތުގެ ބޮޑުވައި އިނގިލި ދިއްކޮށްލައްވައިގެން ބަރާބަރު ކަމަށް ވިދާޅުވާ ޕޯސްއެއްގައި ހުންނަވާ ތަނެވެ. އެ ފޮޓޯ އާންމު ކުރައްވަމުން މުފްތީ ވަނީ އެ ފޮޓޯއަށް ކެޕްޝަންއެއް ދެއްވުމަށް އެދިވަޑައިގެންފައެވެ.

މި ވަގުތާ ހަމައަށް އައި އިރު، ފޭސްބުކް ގައި އާނމު ކޮށްފައިވާ އެ ފޮޓޯއަށް ވަނީ 24000 އަށް ވުރެ ގިނަ މީހުން ލައިކްދީ، 500 އަށް ވުރެ ގިނަ މީހުން ޝެއާ ކޮށް އަދި 1900 އަށް ވުރެ ގިނަ މީހުން ކޮމެންޓް ކޮށްފައެވެ. ހަމައެއާއެކު އިންސްޓަގްރާމްގައި އާންމުކުރައްވާފައިވާ ފޮޓޯއަށް ވަނީ 390،000 އަށް ވުރެ ގިން މީހުން ލައިކް ދީ 5000 އެއްހާ މީހުން ކޮމެންޓް ކޮށްފައެވެ. ކޮމެންޓްތަކުގެ ތޭރޭގައި އެ ފޮޓޯއަށް އެއްބަޔަކު ތާއީދުކޮށްފައި ވާ އިރު މަދުން ނަމަވެސް ބައެއް މީހުން ވަނީ މުފްތީގެ އެ ފޮޓޯއަށް ފާޑު ކިޔާފައެވެ.

އެންމެ ގިނަ ލައިކް ލިބިފައިވާ ކޮމެންޓަށް ބަލާ އިރު، "އަކުއާމެންކް" ޖަހާފައިވާ ކޮމެންޓަކީ ފާހަގަކޮށްލެވޭ ކޮމެންޓެކެވެ. އެ ކޮމެންޓަށް 1500 އެއްހާ މީހުން ވަނީ ލައިކް ވެސް ދީފައެވެ. އަދި އެއީ އެންމެ އެކަށީގެންވާ އަދި އެ ފޮޓޯ އާ އެންމެ ގުޅޭ ކޮމެންޓް ކަމަށް ވެސް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

ހަމައެއާއެކު "ފްލައިން ޝައިހް" އާއި "ހަބީބީ ކަމް ޓު ދުބާއީ" އަކީވެސް ފާހަގަ ކޮށްލެވޭ ކޮމެންޓްތަކެވެ. މީގެ އިތުރުން މުފްތީ މެންކައަކީ ނަމޫނާއެއް ފަދަ ޝެއިހެއް ކަމަށާއި ދިރިއުޅުމުގެ ކަންކަން ހަމަހަމަ ކަމާއެކީ ކުރައްވާ ބޭފުޅެއްގެ ގޮތުގައި މުފްތީ މެންކް ފާހަގަކޮށް ގިނަ ބަޔަކު ވަނީ ކޮމެންޓް ކޮށްފައެވެ. އިސްލާމް ދީނުގައި ތިބޭ އިރު، އުފާ ކުރުމަށާއި ހިތްހަމަޖެހުމަށް ހަލާލް ގޮތުގައި ކަންކަން ކުރުމުގެ މުހިއްމު ކަން މުފްތީ މެންކް ފަދަ ޝައިހެއްގެ ފަރާތުން ފެނިގެން ދިއުމަކީ އުފާ ކުރާ ކަމެއްގެ ގޮތުގައި ބައެއް މީހުން ވަނީ ސިފަ ކޮށްފައެވެ.

މުފްތީ މެންކް ސްކޫބާ ޑައިވް ކުރަނީ

އެ ފޮޓޯއަށް ލިބުނު ބައެއް ކޮމެންޓްތަކުގެ ތެރޭގައި އެ ފޮޓޯއަކީ ފޮޓޯ ޝޮޕް ކޮށްފައިވާ ފޮޓޯއެއް ކަމަށް ބައެއް މީހުން ބުނެފައި ވެއެވެ. އަދި ބައެއް ގައުމުތަކުގައި ފްލައިބޯޑިން ފަދަ ކުޅިވަރު ކުޅުމަކީ ހަލާލް ކަމެއް ކަމުގައި ވިޔަސް އެކަމަކީ ބައެއް ގައުމުތަކުގައި ހަރާމް ކަންކަން ކަމަށް ވެސް ބުނެ ބައެއް މީހުން ކޮމެންޓްކޮށްފައި ވެއެވެ. ހާއްސަ ކޮށް އަނހެނުންނަށް މިފަދަ ކުޅިވަރު ނުކުޅެވޭނެ ކަމަށް ބުނެފައި ވެއެެވެ.

ދީނީ އިލްމުވެރިއެއްގެ ގޮތުގައި އާންމުންގެ ލޯބި ލިބިފައިވާ މުފްތީ މެންކް މިފަދަ ފޮޓޯއެއް އާންމު ކުރެއްވުމުން އެކަމާ ހައިރާންވި އެތައް ބަޔަކު ވެސް ވަނީ އެ ފޮޓޯއަށް ކޮމެންޓް ކޮށްފައެވެ. ނަމަވެސް މިއީ މުފްތީ މެންކް ހިއްސާކުރެއްވި މިފަދަ ފުރަތަމަ ފޮޓޯއެއް ނޫނެވެ. މީގެ ހަފްތާއެއް ކުރިން މުފްތީ މެންކްގެ އިންސްޓަގްރާމް އެކައުންޓްގައި ވަނީ ސްކޫބާ ޑައިވް ކުރައްވާ މަންޒަރު ފެންނަ ފޮޓޯއެއް ވެސް އާންމު ކުރައްވާފައެވެ. އެ ފޮޓޯއަށް އިންސްޓަގްރާމުން ވަނީ ލައްކައަކަށް ވުރެ ގިނަ ލައިކް ލިބިފައެވެ.

މެންކް އަކީ ތަފާތު ހުނަރުތަކުގެ އިލްމުވެރިއެކެވެ. އޭނާ ދަރުސް ދެއްވާ އިރު ކަންކަން ސާފުކޮށްދެއްވާ ގޮތާއި މިސާލުތައް ދައްކަވާ ގޮތުން ގިނަ ބަޔަކަށް އޭނާގެ ދަރުސްތައް ދޭހަވާން ފަސޭހަ އިރު، މިމަހުގެ 28 ވާ ހުކުރު ދުވަހު މެންކް ރާއްޖޭގައި ދަރުސް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.