ގަވާއިދާ ހިލާފަށް ރަޖިސްޓްރީ ކުރި ކަމަށް ބުނެ 87 ވެހިކަލެއްގެ ރަޖިސްޓްރީ ބާތިލް ކުރި ނިންމުމަށް އަމަލުކުރުން ސިވިލް ކޯޓުން މިއަދު ހުއްޓުވައިފިއެވެ.
ގަވާއިދާ ހިލާފަށް ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ބުނެ 200 އެއްހާ ވެހިކަލްގެ ރަޖިސްޓްރީ ބާތިލްކުރަން ޓްރާންސްޕޯޓް މިނިސްޓްރީން ނިންމާފައިވާ އިރު އޭގެތެރޭގައި ކާރާއި ސައިކަލު ވެސް ހިމެނެއެވެ. އެ ވެހިކަލްތަކުގެ ތެރެއިން ބައެއް ވެހިކަލްތަކުގެ ވެރިފަރާތުން ވަނީ ވެހިކަލްގެ ރަޖިސްޓްރީ ބާތިލް ކުރުން މަޑުޖައްސާލަން އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.
މި މައްސަލައާ ގުޅިގެން ސިވިލް ކޯޓުން ގާޒީ ހާފިޒާ އަބްދުއްސައްތާރު ސޮއި ކުރައްވާ ވަނީ ވަގުތީ އަމުރެއް ނެރެފައެވެ. އެ އަމުރުގައި ވަނީ އެ މައްސަލަ ނިމެންދެން، ދެ ފަހަރެއްގެ މަތިން ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު އިއުލާނާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށެވެ. އަދި އެ ދެ އިއުލާނުގައި ހިމެނޭ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލް ވެފައިވާ ކަމަށް މިހިނދަށް ނުބެލުމަށެވެ.
އެ އަމުރުގައި ހިމަނާފައި ވަނީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ނެރުނު އިއުލާނަކާއި މިދިޔަ މަހުގެ 26 ވަނަ ދުވަހު ނެރުނު އިއުލާންގައި ހިމެނޭ ވެހިކަލްތަކެވެ. މީގެ އިތުރުން އެ ދެ އިއުލާންގައި ހިމަނާފައިވާ އެއްވެސް އުޅަނދަކަށް ހިދުމަތް ދިނުމުގައި ތަފާތު ނުކުރަން ވެސް އަމުރުގައި ބުނެފައި ވެއެވެ.
މި އަމުރު ނެރުމާ ދެކޮޅު ހަދައި ދައުލަތުން ކޯޓުގައި ބުނެފައި ވަނީ ރަޖިސްޓްރީ ބާތިލް ކޮށްފައިވާ އުޅަނދުތަކަށް ކޯޓު އަމުރުގެ ދަށުން ހުއްދަ ދިނުމަކީ މަގުތަކުގެ ރައްކާތެރިކަން ގެއްލިދާނެ ކަމެއް ކަމަށެވެ. އަދި އަމުރެއް ނުނެރުނަސް، މައްސަލަ ނިމޭ ގޮތަކުން އެ މީހުންނަށް ބަދަލު ދޭން ޖެހިއްޖެ ނަމަ، އެ ގާބިލްކަން ދައުލަތަށް އެބައޮތް ކަމަށް ދައުލަތުން ބުނެއެވެ.
ކޯޓުގެ ނިންމުމުގައި ވަނީ ވަގުތީ އަމުރެއް ނެރެ ނުދީފި ނަމަ އުޅަނދުތަކުގެ ވެރި ފަރާތްތަކުގެ އާމްދަނީއަށް ހުރަސް އެޅި އަދި އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބިދާނެ ކަމަށެވެ. އަދި އެކަންކަމަށް ބަދަލު ދިނުމުގެ ގާބިލްކަން ދައުލަތަށް ލިބިގެންވާ ކަމަށް ބެލިޔަސް، ގިނަ އަދަދެއްގެ އުޅަނދުތައް މި މައްސަލާގައި ހިމެނޭތީ އާއި އުޅަނދުތަކުން ކުރާ ބޭނުން ތަފާތު ވާތީ ވެރިފަރާތްތަކަށް ލިބޭނެ ގެއްލުން ވަޒަން ކުރަން އުނދަގޫވާނެ ކަމަށެވެ.