އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނާ ބައްދަލު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ދެއްވި ދައުވަތަށް ވަޑައިނުގަންނަވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މި ވަގުތު އެމެރިކާގައި ހުންނެވި ރައީސް ނަޝީދު، އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރުން ތިއްބަވާ ގްރޫޕުގައި ވިދާޅުވީ، އާރަށުގައި މިރޭ ބައްދަލުކުރެއްވަން ރައީސް ފޮނުއްވި ދައުވަތަށް އެމަނިކުފާނު ވަޑައިނުގަންނަވާނެ ކަމަށާއި މާލޭގައި ހުންނެވި ނަމަވެސް އެމަނިކުފާނު އަމަލުކުރައްވާނީ އެގޮތަށް ކަމަށެވެ.

ރައީސް ސޯލިހް، އެމަނިކުފާނާ ވާހަކަފުޅު ދައްކަވާ އެކުގައި ކަންކަން ކުރައްވަން ބޭނުންފުޅު ނުވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން އެމަނިކުފާނު ވެސް ރައީސް ސޯލިހާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަން ބޭނުންފުޅު ނުވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނާ، އާރަށުގައި މިރޭ ބައްދަލުކުރެއްވަން ރައީސް ވަނީ ދައުވަތު ފޮނުއްވައިފައެވެ. މިއީ، އެމްޑީޕީގެ ކޮންގްރެސްއަށް ފަހު ގައުމީ މަޖިލީހުގެ މެމްބަރުންނާ އެމްޑީޕީގެ އިސް ލީޑަރު، ރައީސް ސޯލިހް ބާއްވަވާ ފުރަތަމަ ބައްދަލުވުމެވެ.

މި ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި އިރު ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ދެމެދުގައި އޮތް ރަހްމަތްތެރިކަމަށް ބުރޫ އަރާނެ ކަމަށް ބައެއް މީހުން ވާހަކަ ދެއްކި ނަމަވެސް އެ ދެ ބޭފުޅުން ވަނީ އެ ދެމެދުގައިވާ އެކުވެރިކަމަށް ބަދަލެއް ނާންނާނެ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ދިމާކޮށް އެމްޑީޕީގެ އެތެރޭގެ އިންތިހާބު ބޭއްވި ހިސާބުން ފެށިގެން އެމްޑީޕީ ތެރެ ދެ ބަޔަކަށް ބެހިފައިވާ ކަން ވަނީ ފާހަގަވެފައެވެ. އެއް ބަޔަކު ރައީސް ނަޝީދާ އެއްކޮޅަށް ތިއްބަވައި ބަރުލަމާނީ ނިޒާމް ގެނައުމަށް މަސައްކަތް ކުރައްވަމުން އަންނަ އިރު އަނެއް ބަޔަކު ތިބީ ރިޔާސީ ނިޒާމާ އެކު ރައީސް ސޯލިހްގެ ފަހަތްޕުޅުގައެވެ.

މީގެކުރިން ނަޝީދު ވަނީ ރައީސް ސޯލިހާ އެކު ސިޔާސީ މަސައްކަތް ނުކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.