ރާއްޖޭގައި މިހާރު އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތަކުގެ ތެރެއިން ބޭރުން ގެންނަ ބާވަތްތަކުގެ އިމްޕޯޓް ޑިއުޓީ ބޮޑުކުރަން ޖެހޭ ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދަނޑުވެރިންގެ ދުވަހާއި ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށްޓަކައި ރޭ ކ. ކާށިދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދަނޑުވެރިކަމުގެ ސިނާއަތުގައި މުސްތަގުބަލެއް އޮތްކަން މިއަދު ކަށަވަރު ކަމަށެވެ. އޭގެ އެންމެ ބޮދު ހެއްކަކީ އަމިއްލަ ކުންފުނިތަކުން މިކަމުގެ ތެރެއަށް ވަންނަމުންދާ ދިއުން ކަމަށް، އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އާ އެތައް ފަރާތްތަކެއް މަޑުމަޑުން ނަމަވެސް މީގެ ތެރެއަށް (ދަނޑުވެރިކަމުގެ ސިނާއަތުގެ ތެރެއަށް) ވަދެ އިންވެސްޓުކުރަމުންދާ ތަން އެބަ ފެނޭ." ރައީސް ވިދާޅުވިއެވެ.

"ސަރުކާރުން އަޅުގަނޑުމެން ކުރަން ޖެހޭނެ ކަމަކީ އެހެން ސިނާއަތްތަކޭ ވެސް އެއްގޮތަށް މީގެ ތެރެއަށް ނުވަދެ، މިކަމުގައި އިންވެސްޓުކުރަން ތިބި ފަރާތްތަކުގެ ދަތިތައް ހައްލުކުރުން. މެދުވެރިއެއްގެ ދައުރު އަދާކުރުން."
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތްތަކުން މިސާލު ނަންގަވައި ރައީސް ވިދާޅުވި ގޮތުގައި، ދަނޑުވެރިކަމުގައި ކުރަން ޖެހިފައި އޮތް ކަމަކީ ސަރުކާރުން އެކަމުގެ ތެރެއަށް ނުވަދެ، ދަނޑުވެރިންގެ ޝަކުވާތަކަށް ހައްލު ހޯދައިދީ، މާކެޓު ހޯދައިދިނުމުގެ މަސައްކަތްތަކެވެ.

އެކަމަށް ހައްލެއް ހޯދުމަށްޓަކައި ސަރުކާރުން ވަނީ އެގްރޯ ކުންފުންޏެއް އުފައްދައި، ދަނޑުވެރިން އުފައްދާ ތަކެތި ފަސޭހައިން ބާޒާރަށް ނެރެވޭނެ ގޮތެއް ހަދާފައިވާ ކަމަށާއި، އެގޮތުން މިހާރު ވެސް އެގްރޯ ކުންފުނީގެ ފަރާތުން ނުވަ ރަށެއްގައި ޑިސްޓްރިބިއުޝަން ސެންޓަރުތަކާ އެކު، ކޯލްޑް ސްޓޯރޭޖް ގާއިމްކުރުމުގެ މަސައްކަތްތައް ގާތްގަނޑަކަށް ނިމިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ލަސްތަކެއް ނުވެ އިރާދަކުރެއްވިއްޔާ އެ ތަންތަނުގެ (ޑިސްޓްރިބިއުޝަން ސެންޓަރުތަކުގެ) އަމަލީ މަސައްކަތް ފަށައި، ރަށްރަށުގައި ދަނޑުވެރިކަން ކުރާ ފަރާތްތަކަށް ލުއި ގޮތްތަކެއް ފަހިވެގެން ދާނެ." އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ދަނޑުވެރިކަމުގެ ރަނގަޅު ދެ ބާޒާރެއް އޮތް ނަމަވެސް، އަދި ބޭނުންވާ ވަރަށް މާކެޓު އޮތް ނަމަވެސް، އެކަށީގެންވާ މިންވަރަށް ދަނޑުތަކުން ބާވަތްތައް ނުހެއްދޭ ކަމަށާއި، އުފެއްދުނަސް ބާޒާރަށް ތަކެތި ފޯރުކޮށްދިނުމުގައި ދަތިތަކެއް އެބަހުރި ކަމަށެވެ. އަދި މި ކަންކަމަށް ހައްލެއް ހޯދަން ޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

"ރާއްޖޭގައި ދަނޑުވެރިކަމުގެ ވަރަށް ރަނގަޅު ދެ ބާޒާރެއް އެބައޮތް. އެއް ބާޒަރަކީ ލޯކަލް މާކެޓް. މީހުން ދިރިއުޅޭ ރަށްރަށަށް ދިވެހިންނަށް ބޭނުންވާ ތަކެތި އުފެއްދުން. އަނެއް ބާޒާރަކީ ޓޫރިޒަމް ދާއިރާ. ރިސޯޓުތަކާއި ގެސްޓުހައުސްތަކާއި އަދި މިހެން ގޮސް ރާއްޖެ އަށް ފަތުރުވެރިން އައިސް އެ ހިދުމަތް ދެމުން ގެންދާ ތަންތަނަށް އޮތް މާކެޓު. މި ދެ ދާއިރާއަށް ބަލާ އިރުގަ ވެސް ދަނޑުވެރިކަމަށް ވިސްނާއިރުގަ ދަނޑުވެރިކަމަށް ނުކިއްސަރު ކަންތައްތަކެއް އަޅުގަނޑުމެންނަށް އެބަފެނޭ."
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

ރައީސް ވިދާޅުވީ، ރާއްޖޭގައި މިހާރު ހެދޭ ބާވަތްތަކުގެ ތެރެއިން ބައެއް ބާވަތްތައް ފުދޭވަރަކަށް ހެއްދޭއިރު، އެ ބާވަތްތައް ރާއްޖެ އަށް އެތެރެކުރާއިރު، އެ ތަކެތިން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމުގެ ވިސްނުމެއް ގެންގުޅެން އެބަ ޖެހޭ ކަމަށެވެ.

"އަޅުގަނޑު ހިތުން ބައެއް ބާވަތްތައް މިހާރު އިމްޕޯޓު މުޅިން ނުކޮށް ފުދޭވަރަށް އުފެދޭ ބައެއް ބާވަތްތައް އެބަހުރި. އަޅުގަނޑުމެން އެއާ ދޭތެރޭގައި ވިސްނާ، ރާއްޖެ އަށް އެތަކެތި އިމްޕޯޓުކުރާ އިރު އޭގެން ނަގާ ޑިއުޓީ ބޮޑުކުރުމުގެ ވިސްނުމަކީ އެއީ ގެންގުޅެން ޖެހޭ ސިޔާސަތެއް ކަމަށް އަޅުގަނޑަށް ފާހަގަކުރަން." ރައީސް ވިދާޅުވިއެވެ.