36 މީހުންނާއެކު ދަތުރުކުރަމުން ދިޔަ ސަފާރީއެއް ދިޔަވާތީ ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ "އެމްވީ އެމްޕެރާ ވޮޔޭޖާ" ނަމަކަށް ކިޔާ ސަފާރީއަކަށް ދިޔަވާކަމުގެ މައުލޫމާތު ލިބިގެން އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

އެ ސަފާރީއަކީ 22 ފަތުރުވެރިންނާއި 14 ފަޅުވެރިންނާއެކު ދަތުރުކުރަމުންދިޔަ ސަފާރީއެއް ކަމަށާއި ކޮއްދިއްޕަރު ރިސޯޓުގެ އިރުދެކުނުން ގާތްގަނޑަކަށް 2 ނޯޓިކަލް މޭލު އެތެރެއިން ދިޔަވާކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދު މެންދުރުފަހު 2:48 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ "ހާބާ ކްރާފްޓް 113" ޑައިވަރުންނާއެކު އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށާއި އެ ސަފާރީން ދިޔަހިއްކުމުގެ މަސައްކަތުގައި ކޯސްޓްގާޑުގެ ސިފައިން މިހާރު ހަރަކާތްތެރިވަމުންދާ ކަމަށެވެ.