ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން އަހުމަދުގެ ސުލޫކީ މައްސަލަ އެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން ބުނީ، ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ޖިނާއީ މައްސަލައެއްގައި ހުލާސާ ބަޔާން އިއްވުމަށްފަހު، ހުކުމް ކުރުމުގެ މަޖިލިސް ބާއްވަންޖެހޭ ކަމަށް ގާނޫނުގައި ބުނާ 30 ދުވަހު މުއްދަތު ފަހަނައަޅާ ދިޔައިރުވެސް މެޖިސްޓްރޭޓް ރަފީއުއްދީން މައްސަލައިގެ ހުކުމް ކޮށްފައިނުވާ ކަމަށެވެ.

މި މިމައްސަލަ ބަލަން ނިންމާފައިވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ 69 ވަނަ ޖަލްސާއިން ކަމަށް ޖޭއެސްސީން ބުނެއެވެ. އެއީ މިމަހު 5 ވަނަ ދުވަހު ބޭއްވި ޖަލްސާއެވެ.

މި މައްސަލަ ތަހުގީގު ކުރުމަށް ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

މީގެކުރިން ވެސް ޖޭއެސްސީން ވަނީ ރަފީއުއްދީންގެ ސުލޫކީ މައްސަލައެއް ބަލަން ފަށާފައެވެ.

އެއީ ހައި ކޯޓުގެ އަމުރެއްގެ ދަށުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކު ހައި ކޯޓުގެ އަމުރު ސަސްޕެންޑް ކުރުމަށްފަހު އެ މީހާ ދޫކޮށްލަން އަމުރު ނެރުއްވި މައްސަލައިގައެވެ.