މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށް ފުލުހުން ތުހުމަތުކުރާ އަރުޝަދު ހާލިދު ބަންދުގައި ބަހައްޓައިގެން ހާޒިރުކުރުމަށް ހައިކޯޓުން ފުލުހުންނަށް އިއްޔެ އަންގާފައިވީ ނަމަވެސް، އޭނާ ދޫކޮށްލައިފިއެވެ. ނަމަވެސް ހައިކޯޓުން ވަނީ އޭނާގެ ޕާސްޕޯޓު މިހާރު ހިފަހައްޓައިފައެވެ.

ޑްރަގުގެ މައްސަލައެއްގައި ދައުލަތުން ދައުވާކޮށް، ކުށް ސާބިތުނުވެ، ސަލާމަތްވެފައި ވަނިކޮށް މިދިޔަ އަހަރުގެ ފަހުކޮޅު މާލެ އާއި ހުޅުމާލެއިން އަތުލައިގަތް 119 ކިލޯގެ ޑްރަގް މައްސަލާގައި އިސް މީހެއް ކަމަށް ތުހުމަތުކުރާ ގދ. ހޯޑެއްދޫ އަލޯރާ، އަރުޝަދު ދިރިއުޅެމުން އައީ ރާއްޖެ އިން ބޭރުގައެވެ. ނަމަވެސް އޭނާ ދުބާއީ އަށް ގޮސް އުޅެނިކޮށް ވަނީ ސްރީލަންކާ އަށް ޑީޕޯޓުކޮށްލާފައެވެ.

މީގެ ދެ ދުވަހެއް ކުރިން ފުލުހުން "ދަ ޕްރެސް" އަށް ބުނީ، އަރުޝަދު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި، އެއީ ހައިކޯޓުގެ އަމުރެެއް ތަންފީޒުކުރަން ކަމަށެވެ.

ހައިކޯޓުން އިއްޔެ ނެރުނު ބަންދާ މެދު ނިންމި ގޮތުގައިވާ ގޮތުން، ރޭ 7:45 އަށް އަރުޝަދު އެ ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންނަށް އެންގިއެވެ. ނަމަވެސް އަރުޝަދު ކޯޓަށް ހާޒިރުވީ ބަންދުގައި ހުރި މީހެއްގެ ބަދަލުގައި އަމިއްލައަށެވެ. އެގޮތުން ކޯޓަށް ހާޒިރުވެ، އަރުޝަދު ވަނީ ފުލުހުން އޭނާ އެ ރޭ 7:08 ހާއިރު ބަންދުން ދޫކޮށްލި ކަމުގެ ލިޔުން ޝަރީއަތަށް ހުށަހަޅައިފައެވެ.

ނަމަވެސް، އަރުޝަދުގެ ޕާސްޕޯޓު ހިފަހައްޓަން ނިންމައި ހައިކޯޓުން ބުނީ:

  • އެ މައްސަލައިގައި އަރުޝަދަކީ އިސްތިއުނާފު ރައްދުވާ ފަރާތް
  • އެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ކުރިން ކުރި މަސައްކަތް ކާމިޔާބެއްނޫން
  • އޭނާ ކޯޓަށް ހާޒިރުވާނެ ކަން ކަށަވަރުކުރެވެން ޖެހޭ

ހަމަ އެހެންމެ، އެއްވެސް ބޭނުމަކު މާލޭން ބޭރަށް ދަންޏާ ހައިކޯޓަށް އެންގުމަށާއި، ހުއްދަ ލިބިގެން ނޫނީ އަރުޝަދަށް ބޭރަށް ނުދެވޭނެ ކަމަށް ވަނީ ޝަރުތުކޮށްފައެވެ

އަރުޝަދާއި އިތުރު ބަޔަކަށް އެންމެ ފުރަތަމަ ދައުވާކުރީ މިދިޔަ އަހަރުގެ ކުރީކޮޅު މާލޭގެ ބައެއް ގެތައް ފާސްކޮށް، ނުވަ ކިލޯގެ ޑްރަގާއި 4.6 މިިލިއަން ރުފިޔާ ފެނުނު މައްސަލާގަ އެވެ. އެ މައްސަލާގައި އަށް މީހެއްގެ މައްޗަށް ދައުވާ ކުރިޔަސް، ކުށް ސާބިތުވީ ދެ މީހެއްގެ މައްޗަށެވެ. އެ މައްސަލަ މިހާރު އޮތީ ހައިކޯޓުގަ އެވެ.

އޭގެ ފަހުން މިދިޔަ އަހަރުގެ ފަހުކޮޅު މާލެ އާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް 119 ކިލޯގެ ޑްރަގް މައްސަލާގެ އިސްކޮށް ހަރަކާތްތެރިވި އެކަކީ ވެސް އަރުޝަދު ކަމަށް ފުލުހުން ތުހުމަތު ކުރެއެވެ. ނަމަވެސް އޭރު އޭނާ ހުރީ ރާއްޖެއިން ބޭރުގައި ކަމުން އޭނާ ހައްޔަރެއް ނުކުރެވެއެވެ. އެ މައްސަލާގައި ތިން މީހެއްގެ މައްޗަށް ދައުލަތުން ދައުވާކޮށް، ޝަރީއަތް ދަނީ ހިނގަމުންނެވެ.