ޒިމްބާބުވޭގެ މަޝްހޫރު ދީނީ އިލްމުވެރިޔެއް ކަމަށް ވާ މުފްތީ މެންކުގެ ދީނީ ތަގުރީރަކީ ގިނަ ބަޔަކު އަޑުއަހާ ތަގުރީރަކަށް ވެފައި ވާއިރު ދިވެހިންގެ ހިތުގައިވެސް މުފްތީގެ ތަގުރީރުތަކަށް ވަނީ ހާއްސަ ލޯތްބެއް ދެވިފައެވެ.

މީގެ ކުރިން ދެ ފަހަރެއްގެ މަތިން މުފްތީ މެންކް ރާއްޖެ ވަޑައިގެން ދީނީ ތަގުރީރު ދެއްވާފައި ވާއިރު ގިނަ ބަޔަކު ތަގުރީރު އަޑުއަހަން ޖަމާވިކަން ފާހަގަ ކުރެވެއެވެ.

މީގެ ކުރިން 2020 ވަނަ އަހަރު ޖެނުއަރީ މަހުގެ ތެރޭގައި އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް މުފްތީ ރާއްޖެ ވަޑައިގަންފައި ވާއިރު އެ ދަތުރުގައި މުފްތީ މެންކް ވަނީ މާލޭގެ އިތުރުން އައްޑޫ ސިޓީއާއި ކުޅުދުއްފުށި ސިޓީގައިވެސް ދަރުސް ދެއްވާފައެވެ. އަދި އިސްލާމީ މަރުކަޒުގައި ހުކުރު ހުތުބާ ވެސް ދެއްވިއެވެ. މީގެ އިތުރުން 2018 ވަނަ އަހަރުގެ ތެރޭގައިވެސް މުފްތީ ވަނީ ރާއްޖެ ވަޑައިގެން ދީނީ ތަގުރީރު ކުރައްވާފައެވެ.

އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް މި މަހު 28 އިން 31 އަށް މުފްތީ މެންކު ރާއްޖެއަށް ކުރައްވާ ދަތުރުގައި މާލެއާއި ފުވައްމުލައް އަދި އައްޑޫ ސިޓީގައި ދީނީ ތަގުރީރު ކުރައްވާނެ ކަމަށް އެ މިނިސްޓްރީއިން މިދިޔަ މަހު އިއުލާން ކުރުމާއެކު ގިނަ ބަޔަކު އަންނަނީ އެކަމަށް އިންތިޒާރު ކުރަމުންނެވެ.

މި ފަހަރުގެ ދަތުރުގައި 28 ވަނަ ދުވަހުގެ ރޭ މާލޭގެ އަލިމަސް ކާނިވަލުގައި އަދި 29 ވަނަ ދުވަހުގެ ރޭ ފުވައްމުލަކު ފުޓްބޯލަ ސްޓޭޑިއަމްގައި ދީނީ ތަގުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އައްޑޫ ސިޓީގެ ސިޓީ ސްކޮއާގައި އަދި 31 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ސިންތެޓިކް ޓްރެކްގައި މުފްތީ މެންކް ދީނީ ތަގުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މުފްތީ މެންކް މާލޭގައި ދަރުސް ދެއްވާ ރޭ، 28 އޮކްޓޯބަރުގައި ޔޫތު މިނިސްޓްރީއާ ގުޅިގެން ބައިސްކޯފުން ހުޅުމާލޭގައި މިއުޒިކް ޝޯއެއް ބާއްވަން ވަނީ ނިންމާފައެވެ. "މަނިކެ މަގޭ ހިތޭ" ލަވަ ކިޔައިގެން އާންމުންގެ މެދުގައި ބޮޑު ސަމާލުކަމެއް ހޯދި ސްރިލަންކާގެ ލަވަކިޔުންތެރިޔާ ޔޯހާނީ ޑި ސިލްވާ އެ ރޭ ޝޯގައި ފެންނާނެ ކަމަށް ބުނެ އަންނަނީ ޝޯ މާކެޓް ކުރަމުންނެވެ.

އިއްތިފާގަކަސް ރާވައިގެން ކަމަށް ވިޔަސް، އެއްކޮޅުން ދީނީ ދަރުސް ދެމުން އަނެއް ކޮޅުން ނާޗަރަންގީ ކުޅޭތީ އާންމުންގެ ފާޑުކިޔުންތައް ސަރުކާރަށް ދަނީ އަމާޒު ވަމުންނެވެ.