މިދިޔަ މަހުގެ 21 ވަނަ ދުވަހު ނެޓްފްލިކްސްގައި ސްޓްރީމްކުރި އެމެރިކާގެ ސީރިއަލް ކިލާ ޖެފްރީ ޑާމާ އަށް ނިސްބަތްކޮށް އުފެއްދި ސީރީޒް "ޑާމާ" އަދިވެސް އޮތީ ނެޓްފްލިކްސްގެ އެއްވަނައިގައެވެ.

މި ސީރީޒް އަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނުއިރު ޖެފްރީ އަކީ 1978 ވަނަ އަހަރާއި 1991 ވަަނަ އަހަރާ ދެމެދު އެމެރިކާގައި 17 މީހުން މަރާލި ގާތިލެކެވެ. ގިނައިން ކަޅު ނަސްލުގެ މީހުންނާއި އެއް ޖިންސުން ގުޅުން ހިންގާ މީހުން މަރާލި ޑާމާ އަކީ ވަރުގަދަ ސީރިއަލް ކިލާއެކެވެ. ޖުމްލަ 10 އެޕިސޯޑުގެ މައްޗަށް ބިނާކޮށް ގެނެސްދީފައިވާ މި ސީރީޒްގައި ވަނީ ޑާމާގެ ރޯލު ވަރަށް ފުރިހަމައަށް ގެނެސްދީފައެވެ. އޭރުގައި ކަންތައްތައްވީ ގޮތާއި މީހުން މަރަން ބޭނުންކޮށްފައިވާ އާލާތްތައް ވެސް މި ސީރީޒްގައި ވަނީ ދައްކާލައިފައެވެ.

ހަގީގީ ހާދިސާއަކަށް ބިނާކޮށް ގެނެސްދިން މި ސީރީޒް ބިނާކޮށް އުފެއްދި ޖެފްރީ ގެ ކޯޓުގެ އަސްލު ޓޭޕްސްގެ ތިން އެޕިސޯޑެއް މިހާރު ވަނީ ނެޓްފްލިކްސްފައި ސްޓްރީމްކޮށްފައެވެ. މި ސީރީޒްގައި އެންމެ ފާހަގަކޮށްލެވެނީ އަސްލު ކެރެކްޓާތަކާއި އެއްގޮތަށް ސީރީޒްގެ ކެރެކްޓާތައް ވެސް ބަށްޓަން ކުރަން ކޮށްފައިވާ މަސައްކަތެވެ. ޖެފްރީގެ ބައި ކުޅުނު އީވަން ޕީޓާސް އަށް ގިނަ ބަޔަކު ތަރުހީބު ދެމުން އަންނައިރު އާންމުން ބުނީ ޑާމާގެ ރޯލު އީވަން އަށް ވުރެ ރަނގަޅަކަށް އެހެން އެކަކަށްވެސް ނުކުޅެވޭނެ ކަމަށެވެ.

އުމުރު ދުވަހަށް ޖަލަށް ލާފައި ހުރި ޑާމާ މަރާލާފައިވަނީ 1994 ވަނަ އަހަރުގައެވެ. އޭނާ މަރާލީ ޖަލަށް ލާފައި ހުރި ކްރިސްޓޮފާ ސްކާވާއެވެ. ޑާމާގެ މަންމަ 2000 ވަނަ އަހަރު މަރުވިއިރު ޑާމާގެ ބައްޕަ އަދިވެސް ދުނިޔޭގައި އެބަހުއްޓެވެ. އަދި އޭނާގެ ކޮއްކޮ ޑޭވިޑް ޑާމާ ވެސް ދުނިޔޭގައި އެބަހުއްޓެވެ. ނަމަވެސް އޭނާގެ ކޮއްކޮ ވަނީ އޭނާގެ ނަން އެހެން ނަމަކަށް ބަދަލުކޮށްފައެވެ. ޖެފްރީގެ ބައްޕަ އޭނާގެ ދެވަނަ އަނބި ޝެރީ އާއެކު ދިރިއުޅެމުން އަންނަނީ އޮހާއޯ ގައެވެ.