"ރެއިޒް ދަ ބާ" ގެ ނަމުގައި ރާއްޖޭގެ ބާ ކައުންސިލުން ކުރިއަށް ގެންދާ ގާނޫނީ ވަކީލުންގެ އެންމެ ފުރަތަމަ ކޮންފަރެންސް ބާއްބައިފިއެވެ.

ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މި ކޮންފަރެންސް ހުޅުވުމުގެ ގޮތުން މިމަހުގެ 10 ވަނަ ދުވަހު މީރުމާގެ ކީރަންމާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ގާނޫނީ ފަންނު ތަމްސީލުކުރުމަށް ރާއްޖެއަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރުގެ ގާނޫނީ ވަކީލުންނާއި ދައުލަތުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މެންބަރުންނާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި ހައި ކޯޓުގެ ފަނޑިޔާރުންނާއި ސުޕީރިއާ ކޯޓުތަކުގެ އިސް ގާޒީންނާއި ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ފުރަތަމަ އަދި މިހާރުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުންނާއި ބާ ކައުންސިލުގެ އާންމު މެންބަރުންނާއި ގާނޫނީ ދާއިރާއިން ތައުލީމު ހާސިލުކުރާ ފަރާތްތަކުންނާއި ބާ ކައުންސިލުގެ ރާއްޖެއާ ބޭރުގެ ޑިވެލޮޕްމަންޓަލް ޕާޓްނަރުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ކޮންފަރެންސްގައި ބައެއް ގާނޫނީ ވަކީލުން

މި ކޮންފަރެންސްގެ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރުގެ ވިދާޅުވީ ގާނޫނީ ވަކީލުންގެ ކޮންފަރަންސެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ބޭއްވޭކަމީ ތާރީހީކަމެއް ކަމަށާއި ތާރީހު އެނގުމަކީ ހެޔޮ މުސްތަގުބަލެއް ބިނާކުރުމަށް ބޭނުންވާ އެންމެ މުހިންމު އެއް އަސާސްކަމުގައްޔާއި ރާއްޖޭގައި ގާނޫނީ ހިދުމަތާއި ގާނޫނީ ތައުލީމެއް ބިނާކުރުމަށް ގާނޫނީ ވަކީލުން ކޮށްދެއްވާފައިވާ މަސައްކަތްތަކަކީ ފަހުރުވެރިވާ ގައުމީ މަސައްކަތެއް ކަމަށެވެ.

ބާ ކައުންސިލުގެ ފުރަތަމަ އިންތިހާބީ ރައީސް، މައުމޫން ހަމީދު ވަނީ ގާނޫނީ ވަކީލުންނަށް މިކަހަލަ ފުރުސަތުތައް ފަހިވެގެން ދިއުމަކީ އުފާ ކުރައްވާ ކަމެއް ކަމަށާއި ގާނޫނީ ވަކީލުން މިފަދަ ފުރުސަތުތަކުގެ ބޭނުން އެކަށީގެންވާ ގޮތުގައި ހިފާ ގާނޫނީ ވަކީލުންގެ އަޑު އިއްވަވައި ދެއްވުމަށް އެދިވަޑައިގެންފައެވެ.

މި ކޮންފަރެންސްގެ މައިގަނޑު މަގުސަދަކީ 2019 ވަނަ އަހަރު ވުޖޫދަށް އައިސްފައިވާ ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން ބާ ކައުންސިލުން ހާސިލުކޮށްފައިވާ ލަނޑުދަނޑިތަކަށް އަލިއަޅުވާލުމާއި އަލަށް ތައާރަފްކުރެވޭ ހިދުމަތްތަކާ ގުޅިގެން ބާ ކައުންސިލުގެ މަސްއޫލުވެރިންކަމުގައިވާ ވަކީލުންގެ ހިޔާލުތައް ހޯދުމެވެ.