ބީއެމްއެލްގެ ސީއީއޯގެ މަގާމް ހުސްކޮށް އޮންނަތާ ތިން މަސް ދުވަހަށް ފަހު އެ މަގާމަށް ދެކުނު އެފްރިކާގެ ކާލް ސްޓުމްކާ އައްޔަނުކޮށްފިއެވެ.

ބޭންކުން މިއަދު ބުނީ، ކާލް ސްޓުމްކާ ވަނީ އިނގިރޭސިވިލާތާއި އެފްރިކާ އާއި މެދުއިރުމަތީގެ ގައުމުތަކުގެ ރީޓެއިލް އަދި ކޯޕަރޭޓް ބޭންކުތަކުގެ ބޯޑު ލެވަލް އަދި އެގްޒެކެޓިވްގައި 36 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯއްދަވާފައި ކަމަށެވެ.

އޭނާ އެންމެ ފަހުން ހުންނެވީ ޔޫއޭއީގައި ހުންނަ އަލް އަހްލީ ބޭންކް އޮފް ކުވައިތުން ހިންގާ އޮޕަރޭޝަންތަކުގެ ސީއީއޯގެ ގޮތުގައެވެ. 2010 ގައި އަލް އަހްލީ ބޭންކާއި ގުޅިވަޑައިގަތް ކާލް ވަނީ އެ ބޭންކުގައި:

  • އިންޓަނޭޝަނަލް ޖެނެރަލް މެނޭޖަރުކަން ކުރައްވާފައި
  • ފުޅާ ދާއިރާއެއްގައި ކޯޕަރޭޓް ކަންތައްތައް ބަލަހަައްޓަވާފައި
  • އެ ބޭންކުން ޔޫއޭއީގައި ހިންގާ އޮޕަރޭޝަންތަކުގެ ސީއީއޯ އާ ހަވާލުވެވަޑައިގަތީ 2017 ގައި

އޭގެ ކުރިން ކާލް ވަނީ، ބަހްރައިންގެ ބޭންކު މަސްކަޓް އިންޓަނޭޝަނަލްސްގެ ރީޖަނަލް ކޯޕަރޭޓް ޑިރެކްޓަރު ކަމާއި، މަގާމާއި ބާކްލޭސް ބޭންކް އޮފް މޮރިޝަސްގެ އިންޑިއާ ކަނޑުގެ ރީޖަނަލް މެނޭޖިން ޑިރެކްޓަރު ކަން ކުރައްވައިފައެވެ.

ޔުނިވާސިޓީ އޮފް ސައުތު އެފްރިކާ އިން އެކައުންޓިން ސައިންސްގެ ރޮނގުން ބެޗެލާސް ޑިގްރީ ހާސިލްކުރެއްވި، އަދި ފްރާންސާއި ސްވިޒަލޭންޑް އަދި ދެކުނު އެފްރިކާގައި އެގްޒެެކެޓިވް ޕްރޮގްރާމްތައް ވެސް ފުރިހަމަކުރެއްވި ކާލް އަކީ ޗާޓާޑް އިންސްޓިޓިއުޓް އޮފް ބޭންކާސް (ސައުތު އެފްރިކާ) ގެ އެސޯސިއޭޓެކެވެ.

ބީއެމްއެލްގެ ސީއީއޯ އަކަށް އެންމެ ފަހުން ހުންނެވީ 2019 އިން ފެށިގެން މިދިޔަ ޖޫން މަހުގެ ނިޔަލަށް އެ މަގާމު އަދާކުރެއްވި ޓިމް ސޯޔާއެވެ. ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އޭނާ ވަކިވެވަޑައިގަތުމަށް ފަހު، އެކްޓިން ސީއީއޯ އަކަށް ހުންނެވީ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީނެވެ.