މަސްވެރިންގެ ހައްގުގައި "ލޭނާރު" ގެ ނަމުގައި މިއަދު ހަވީރު އިދިކޮޅުން ކުރި އިހްތިޖާޖުގެ ތެރެއިން 10 މީހަކު ހައްޔަރު ކުރިއެވެ.

މާލޭ މަސްމާރުކޭޓް ސަރަހައްދުގައި ކުރިއަށް ގެންދިޔަ މި އިހުތިޖާޖުގައި ގިނަ ބަޔަކު ވަނީ ބައިވެރި ވެފައެވެ.

އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވި އިރު މި އެއްވުމުގެ ތެރެއިން 10 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ޕީޕީއެމްއިން ވަނީ ބުނެފައެވެ. ނަމަވެސް މިކަމާ ގުޅިގެން ފުލުހުން މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެއެވެ.

މި އިހްތިޖާޖްގެ ބައިވެރިން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިސްތިއުފާއަށް ވެސް ގޮވާފައެވެ. އަދި މި ސަރުކާރުން ނޫ އިގްތިސޯދު މަސްވެރިން ވެފައިވާ ވައުދުތައް ފުއްދުމަށް ވެސް ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން މަސްވެރިން ބާނާ މަހަށް ހަމަ އަގު ދިނުމަށް ވެސް ބައިވެރިން ވަނީ ގޮވާލަމުންނެވެ.

މި އިހްތިޖާޖްގައި ޕީޕީއެމް / ޕީއެންސީގެ އިސް ލީޑަރުންވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ބާނާ މަހަށް ހަމަ އަގު ހޯދާ ދިނުމާއި މަސްވެރީންނަށް ހާއްސަ ޕްލެޓްފޯމްތަކެއް ގާއިމު ކުރުމާއި ތެލުގެ އަގު ހެޔޮ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.

ނަމަވެސް މި ވެރިކަމަށް ހަތަރު އަހަރު ފުރެން ދާއިރު މަސްވެރި އާއިލާތައް ނިކަމެތިވަމުންދާ ކަމަށް މަސްވެރިންނާއި އިދިކޮޅުން ދަނީ ބުނަމުންނެވެ.

ބޮޑު ކަންނެލީގެ މަސްވެރިން މިހާތަނަށް ޝަކުވާ އުފުލާފައިވާ ކަންކަމަށް އެދެވޭ ހައްލެއް ނުލިބޭ ކަމަށާއި އެކަންކަމަށް އެދެވޭ ހައްލެއް ހޯދައި ދިނުމަށް ބޮޑު ކަންނެލީގެ މަސްވެރިންގެ ޔޫނިއަން އިން ވެސް ދާދި ފަހުން ވަނީ ގޮވާލައިފައެވެ.