ވ. ހުޅިދޫގެ ތަރައްގީ ކުރުމުގެ މަސައްކަތް ހުއްޓުމަކަށް އައިސްފައި ވަނީ ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން ކަމަށާއި ދަނޑުވެރިކަން ފައްޓަން ތައްޔާރީތައް ވަމުންދާ ކަމަށް އެ ރަށް ކުއްޔަށް ނަގާފައިވާ އާރަށް އިންވެސްޓްމަންޓް ޕަރިވެޓް ލިމިޓެޑް އިން ބުނެފިއެވެ.

އާރަށް އިންވެސްޓްމަންޓަށް ވ. ހުޅިދޫ ކުއްޔަށް ދޫކޮށްފައި ވަނީ ދަނޑުވެރިކަން ތަރައްގީ ކުރުމަށް 2017 ވަނަ އަހަރުގެ ތެރޭގައެވެ.

އެ ކުންފުނިން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ބުނީ، އެރަށް ކުއްޔަށް ދީފައި ވަނީ ދަނޑުވެރިކަން ކުރުމަށް 20 އަހަރުގެ މުއްދަތަކަށް ކަމަށެވެ. ދަނޑުވެރިކަން ކުރާ ރަށެއްގެ ގޮތުގައި އެރަށް ތަރައްގީ ކުރަން ފެށި ކަމަށާއި، އެއީ ގާމަތީ ރަށެއް ކަމުން އެރަށަށް އަރާ ފައިބަން ފާލަމެއް ހެދި ކަމަށް އެ ކުންފުނިން ބުނެއެވެ. ހަމައެއާއެކު ކަރަންޓުގެ ހިދުމަތް ހޯދުމަށް އިންޖީނުގެއެއް އެޅުމުގެ މަސައްކަތް ވެސް ކޮށްފައިވާ ކަމަށާއި މަސައްކަތް ހުއްޓުނު އިރު އިންޖީނުގެ އިމާރާތް ނިމިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. މީގެ އިތުރުން ރަށުތެރެ ސާފުކުރުމަށް މީހުން ބައިތިއްބާގައި ތިބޭނެ ކަމަށާއި ދަނޑުވެރިކަން ފަށަން ތައްޔާރުވެފައި ވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ވ. ހުޅިދޫ ގައި އަލާފައިވާ ޖެޓީ/ ފޮޓޯ: ވ. އަތޮޅު ކައުސިން
"އޭރު ތަރައްގީގެ މަސައްކަތް ފަށަފައި ކޮވިޑް އައިސްގެން މުއްދަތު އިތުރު ކުރަން ވެގެން ސަރުކާރަށް އެދިފައި އޮންނާނީ. މި އިޝޫތައް އުޅޭތީ އިތުރު އިންވެސްޓްމަންޓްތައް ނުކޮށް އަދި ވަކި ގޮތަކަށް މިކަން ނިމެން ދެން މަޑުކޮށްލައިގެން މި ތިބެނީ"
އާރަށް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް

ކޮވިޑްގެ ދުވަސްވަރު އެ ރަށުގެ މަސައްކަތް ހުއްޓުމުން އެކަން އެގްރިކަލްޗާ މިނިސްޓްރީއަށް އަންގައި ހުއްޓިގެން ދިޔަ ދުވަސްތައް އިތުރު ކޮށް ދިނުމަށް އެދިފައި ވާނެ ކަމަށް އެކުންފުނިން ބުނެއެވެ. އަދި އެކަމަށް މިނިސްޓްރީން ޖަވާބެއް ލިބިފައި ނުވާ ކަމަށާއި މިހާރު ވ. އަތޮޅު ކައުންސިލުން އެ ރަށް އަނބުރާ އެ އަތޮޅުގެ މީހުންގެ ބޭނުމަށް ކައުންސިލަށް ނަގަން ސަރުކާރަށް ޕްރެޝާ ކުރަމުން ދާތީ އިތުރު އިންވެސްޓްމަންތްތައް ކުރިއަށް ނުގެންގޮސް މަޑު ޖައްސާލައިގެން ތިބި ކަމަށް އެ ކުންފުނިން ބުނެއެވެ.

ދާދި ފަހުން ވަނީ ހުޅިދޫ ކައިރީ ކަނޑު މަތީގައި ވ. އަތޮލޫގެ ގެސްޓްހައުސްތައް ހިންގާ ބައެއް ފަރާތްތަކުން ނިކުމެ އިހުތިޖާޖުވެސް ކޮށްފައެވެ. އަދި އެ ރަށް ވ. އަތޮޅުގެ މީހުން ޕިކްނިކް ގޮސްލާ ހަދާނެ ރަށެއްގެ ގޮތުގައި ހަމަޖައްސައި ދިނުމަށް ސަރުކާރުގައި އެދިފައި ވެއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅުގައި ވ. އަތޮޅުގެ ރައްޔިތުންނަށް ރަށެއް ދެއްވާނެ ކަމަށް ވިދާޅުވެފައި ވެއެވެ.

ވ. ހުޅިދޫ / ފޮޓޯ: ވ. އަތޮޅު ކައުސިން

ދަނޑުވެރިކަން ތަރައްގީި ކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރުން ވ. އަތޮޅުން ކުއްޔަށް ދީފައިވާ ވ. ހުޅިދޫގައި ދަނޑުވެރިކަމާ ގުޅޭ އެދެވޭ މަސައްކަތެއް ނުކުރާ ކަމާއި، ރަށުގެ ބޭނުން އެހެން ބޭނުންތަކުގައި ބޭނުން ކުރަމުން ގެންދާ ކަމާއި، ރަށުގެ ވެއްޓަށް ގެއްލުން ދެމުން ދާކަމުގެ ކަންބޮޑުވުންތައް ވ. އަތޮޅުގެ ރައްޔިތުންގެ ފަރާތުން މީގެ ކުރިން ވެސް އަތޮޅު ކައުންސިލަށް ވަނީ ޝަކުވާ ހުށަހަޅާފައެވެ. އަދި ވ. ހުޅިދޫގެ އެއްބަސްވުން ބާތިލް ކޮށް އެރަށް ވ. އަތޮޅު ރައްޔިތުންގެ ބޭނުމަށް ލިބޭނެ ގޮތް ހަދައި ދިނުމަށާއި، ވ. އަތޮޅުގެ ރައްޔިތުން ދަތުރު ދާނެ ރަށެއްގެ ގޮތުގައި ވ. ހުޅިދޫ ހަމަޖައްސައި ދިނުމަށް ވެސް ވަނީ އެދިފައެވެ.

ވ. ހުޅިދޫގެ އިތުރުންވެސް މީގެ ކުރިން އެގޮތަށް ދޫކޮށްފައިވާ ރަށްތައް އެގްރިމަންޓާ ހިލާފަށް ތަރައްގީ ކުރަމުންދާ މައްސަލަ އާއި، އެ ރަށްރަށުން އަތޮޅުގެ ރައްޔިތުންނަށް ފައިދާ ނުވާ މައްސަލަތައް ހުށަހަޅާފައި ވެއެވެ.