ބައިބޯވަމުން އަންނަ މާލެ ސިޓީއަށް ބާލާލާ އިރު، އާބާދުވާ މީހުންނާ އެއްވަރަށް މާލޭގައި ދުއްވާ ދަތުރު ކުރުމަށް ބޭނުން ކުރާ އުޅަނދުތައް ވެސް އަންނަނީ އިތުރު ވަމުންނެވެ. މާލޭގައި ތޮއްޖެހުން އިތުރުވަމުން އަންނަ އިރު އިތުރުވަމުން އަންނަ މި ވެހިކަލްތައް ސާވިސްކޮށް އެފަދަ ކަނަކަން ކުރުމަށް ބޭނުންވާނެ ފަދަ ގަރާޖުތައް މާލޭގެ ބައެއް ސަރަަހައްދުތަކުގައި ހުރި ނަމަވެސް ޖާގައިގެ ދަތިކަމާއި ތޮއްޖެހިފައިވާ ހިސާބުތަކަށް ވުމުން އުނދަގޫތައް ދުމާވަމުން އަންނަ ކަން ވަނީ ފާހަގަވެފައެވެ.

މިފަދަ ގަރާޖުތަކަކީ، ޓިނަކްރިންއާއި ވެލްޑިން ކުރުމާއި އަދި އެނޫންވެސް ބޮޑެތި މަސައްކަތް ތައް ކުރާނެ ތަންތަނެވެ. ހަމައެއާއެކު ބައެއް ކަހަލަ ކެމިކަލްތައް ވެސް ބޭނުންކޮށް ޑިސްޕޯސް ކުރަން ވެސް ޖެހެއެވެ. މާލެ ސަރަހައްދުގައި ހިންގާ ގަރާޖުތަކަށް ބަލާލި ކަމުގައި ވިޔަސް އެ ގަރާޖުތަކުގެ ޖާގައަށް ބަލާލިއަސް ޖާގައިގެ ދަތިކަން ހުންނަ ކަމާއި އެތަނުގައި ބައެއް ބޮޑެތި މަސައްކަތް ކުރުމަށް ދަތިތަކެއް ހުންނާނެ ކަން ގަބޫލު ކުރަން ޖެހެއެވެ.

މިއީ މުޅި މާލެ ސިޓީއަށް ދިމާވެފައިވާ ބައިބީވުމުގެ މައްސަލައާ އެކު ވެހިކަލް އިތުރުވެފައިވާ މިންވަރަށް ބަލާފައި ޑިމާންޑް ބޮޑުވަމުން އަންނަ އެއް މަސައްކަތެވެ. މިކަމަށް ހައްލެއް ހޯދައި ދިނުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ވަނީ ވެހިކަލްތަކަށް ގަރާޖު ހިދުމަތް ދޭނެ 35400 އަކަފޫޓުގެ އޮޓޯ ސެންޓަރެއް ހެދުމަށް ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން (ސީއެސްސީއީސީ) އާ އެކު އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.

އެޗްޑީސީން ބުނީ، މާލެ ސަރަހައްދުގައި ވެހިކަލްތަކުގެ އަދަދު ގިނަވަމުންދާ ވަރަކަށް ގަރާޖުތަކުގެ ހިދުމަތްތަކަށް ވަނީ ޑިމާންޑު ބޮޑުވެފައި ކަމަށެވެ. އެހެންކަމުން އެފަދަ ހިދުމަތް ދޭ ފަރާތްތަކަށް ހާއްސަ އޮޓޯސެންޓަރެއް ގާއިމު ކުރުމަށް ސީއެސްސީއީސީ އާއެކު އެއްބަސްވުމެއްގަިއ ވަނީ ސޮއިކޮށްފައި ކަމަށް އެޗްޑީސީން ބުނެއެވެ.

ހުޅުމާލޭގައި އަޅަން ނިންމާފައިވާ އޮޓޯ ސެންޓަރުގެ ޑިޒައިން

އެގޮތުން އެ އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި 35،400 އަކަ ފޫޓުގެ އިމާރާތެއް އަޅައި ގަރާޖުތަކަށް ތަނަވަސް ޖާގަ ލިބި ރައްކާތެރިކަމާއެކު ހިދުމަތް ދިނުމަށް މަގުފަހި ވެގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ. މި އޮތޯ ސެންޓަރަކީ ބޭސްމަންޓަކާ އެކު 5 ބުރިއަށް އަޅާނެ އިމާރާތެއް ކަމަށާއި އެ އިމާރާތުގައި ހަތް ސާވިސް ލިފްޓް ހުންނާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

މީގެ އިތުރުން މި އިމާރާތް އެއްކޮށް ނިންމާލެވުމާއެކު ވާރޭފެން ރައްކާ ކުރެވޭނެ ކަމަށާއި އަދި އިމާރާތުގައި ސޯލާ ހަރުކޮށްފައި ހުންނާނެ ކަމަށާއި އެހެންކަމުން ކަރަންޓުން ބައެއް އުޅަނޑުތައް ޗާޖް ކުރެވޭނެ ފަދަ ސްޓޭޝަންތައް ވެސް ގާއިމްކޮށްފައި ހުންނާނެ ކަމަށް އެޗްޑީސީން ބުނެއެވެ. މީގެ އިތުރުން އެ ބިލްޑިން ފަރުމާ ކުރާ އިރު އިރުގެ އަލި ފަސޭހައިން ލިބޭ ގޮތަށް ފަރުމާ ކޮށްފައި ހުންނާނެ ކަމަށާއި އޭރުން ހަކަތަ ބޭނުން ކުރަންޖެހޭ މިންވަރުވެސް ދަށްވާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

މި އެއްބަސްވުމުގެ އިތުރުން ވެސް މުޅި މާލޭގެ ތޮއްޖެހުމަށް ހައްލު ހޯދައިދިނުމަށް އެޗްޑީށީޏް ވަނީ މަޝްރޫއުތަކެއް ހިންގަން ނިންމާފައެވެ. އެގޮތުން ދިވެހިރާއްޖޭގެ ދަމާސް ކުންފުނިން އިސްނަގައިގެން ހުޅުމާލޭގައި 24،700 އަކަފޫޓުގެ ޖާގައިގެ ޕާކިން އިމާރާތެއް އެޅުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު ހޮންކޮންގެ ރޯޓައިމް އިންޖިނޭރިން ޓެކްނޮލަޖީ ޕްރައިވެޓް ކުންފުންޏާ އެކު ރާއްޖޭގެ އެކި ކުންފުނިތަކުން މަސައްކަތު ގެނެވޭ ބިދޭސީ މުވައްޒަފުންނަށް ހާއްސަކޮށް 7،000 ލޭބަރުން އަދި 2،000 ހޮސްޕިޓާލިޓީ ސްޓާފުންނަށް އެކޮމޮޑޭޝަން ލިބޭނެ 18 ބްލޮކެއް އަޅަން ވެސް ވަނީ ނިންމާފައެވެ.