ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާއިން މާލީ ބަޔާނުގައި ހަރުމުދާގެ ގޮތުގައި ހަރަދު ކުރި ކަމަށް ބުނާ 53 މިލިއަން ރުފިޔާ އަކީ ސައްހަ އަދަދެއްކަން ކަމަށް ކަށަވަރު ކުރެވެން ނެތް ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ބުނެފިއެވެ.
އެ ކައުންސިލް އިދާރާގެ 2020 ވަނަ އަހަރުގެ މާލީ ބަޔާންތަކަށް އޮޑިޓާ ޖެނެރަލް އިން ހެދި ރިޕޯޓްގައި ފާހަގަ ކުރެވުނު މައްސަލައިގެ ތެރެޭގައި ހަރުމުދާ ބެލެހެއްޓުމުގެ މައްސަލަތަކެއް ވަނީ ފާހަގަ ކޮށްފައެވެ.
އެގޮތުން ހަރުމުުދާ ބެލުމުގައި ހަރުމުދާ ރަޖިސްޓްރީގައި ހިމެނޭ މުދާތަކުގެ ބަލަހައްޓަންޖެހޭ މައުލޫމާތުތަކުގެ ތެރޭގައި އިންވެންޓްރީ ކޯޑު ނަންބަރު، މުދަލުގެ ފުރިހަމަ ނަމާއި، މުދަލުގެ ތަފްސީލް (ބްރޭންޑް، މޮޑެލް، ސީރިއަލް ނަންބަރު، މިނަ ނުވަތަ ބަރުދަން، މުދަލުގެ ހާލަތު، މަރާމާތު ކުރެވިފައިވާ ނަމަ އެކަމުގެ ތަފްސީލް) އާއި، މުދާ ހުރިތަން، މުދާ ލިބުނު ތާރީހް، މުދަލުގެ އަގު ފަދަ މައުލޫމާތުތައް ހިމަނަން ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ބުނެއެވެ. ނަމަވެސް އެ ކައުންސިލްގެ އިދާރާއިން ހަރުމުދަލުގެ ދަފްތަރު ބެލެހެއްޓި ނަމަވެސް ނައެއް މުދަލުގެ ސީރިއަލް ނަންބަރާއި މޮޑެލް ނަންބަރާއި މުދާ ލިބުނު ތާރީހާއި، މުދާ ހުރިތަން އަދި މުދަލުގެ އަގު އެ ރަޖިސްޓްރީގައި ހިމްނާފައި ނުވާ ކަން ވަނީ ފާހަގަ ކުރެވިފައި ކަމަށް އޮޑިޓް އޮފީހުން ބުނެއެވެ.
ހަމައެއާއެކު އެ އިދާރާގައި ހުރި ބައެއް ހަރު މުދަލުގައި އެ މުދަލަށް ސީފައިވާ އެސެޓް ނަންބަރު ޖަހާފައި ނުވެއެވެ. އެހެންކަމުން ހަރުމުދަލުގެ ގޮތުގައި ހިމަނާފައިވާ 53،054،924 ރުފިޔާ އަކީ ސައްހަ އަދަދެއްކަން ކަށަވަރު ކުރެވެން ނެތް ކަމަށް އޮޑިޓް އޮފީހުން ބުނެއެވެ. އަދި މާލިއްޔަތު ގަވާއިދުގައި ބުނާ ގޮތުން ކޮންމެ އަހަރަކު އެ އޮފީހެއްގައި ހުންނަ ހަރުމުދާ ހަމައަށް ހުރިތޯ ބަލަން ވާނެ ކަމަށް ބުނެފައި ވީ ނަމަވެސް ކައުންސިލް އިދާރާއިން 2020 ވަނަ އަހަރު ހަރުމުދާ ޗެކްކޮށްފައިވާ ކަން ލިޔުމުން އެނގެން ނެތް ކަމަށް ވެސް އޮޑިޓް އޮފީހުން ބުނެއެވެ.
ދެން ފާޙަގަ ކުރެވުނު މައްސލަައެއްގެ ގޮތުގައި އޮޑީޓް ރިޕޯޓްގައި ފާޙަގަ ކޮށްފައިވާ އަނެއް މައްސަލައަކީ ކޮންޓްރެކްޓް އުސޫލުން ވަޒީފާ އަދާ ކުރާ މުވައްޒަފުން ދިވެހިރާއްޖޭގެ ރިޓަޔާމަންޓް ޕެންޝަން ސްކީމްގައި ބައިވެރިކޮށްފައި ނުވާ ކަމަށް ބުނާ މައްސަލައެވެ. އެގޮތުން 2020 ވަނަ އަހަރު އެ ކައުންސިލް އިދާރާގެ ވޭޖް އެމްޕްލޮއިމަންޓްގެ ދަށުން މިސްކިތުގައި މަސައްކަތް ކުރި މުވައްޒަފުން ޕެންޝަން ސްކީމްގައި ބައިވެރިކޮށްފައެއް ނުވެއެވެ.
މި މައްސލަަތައް އިސްލާހު ކުރުމަށް އޮޑިޓް ރިޕޯޓްގައި ވަނީ ބުނެފައެވެ. އެ ގޮތުން ހަރުމުދަލުގެ އިންވެންޓްރީ ރަނގަލަށް ބެލެހެއްޓުމަށާއި، މުދަލުގައި އިންވެންޓްރީ ކޯޑް ޖެހުމަށާއި، ކޮންމެ އަހަރަކު އެއްފަހަރު ކައުންސިލްގައި ހުންނަ ހަރުމުދާ ޗެކްކޮށް އެ މުދާ ހުރިތޯ ބަލައި އެކަން ލިޔެ ކިޔުމުން އެނގެން އޮންނަން ވާނެ ކަމަށް ބުނެފައި ވެއެވެ. މީގެ އިތުރުން ކޮންޓްރެކްޓް އުސޫލުން ވަޒީފާ އަދާ ކުރާ މުވައްޒަފުންވެސް ޕެންޝަން ސްކީމްގައި ބައިވެރި ކުރަން ވާނެ ކަމަށް އެ ރިޕޯޓްގައި ބުނެފައި ވެއެވެ.