ހެދުން އެޅުމުގެ މިންގަނޑާ ހިލާފުވެގެން ހައްޔަރު ކުރި އުމުރުން 22 އަހަރުގެ މާޝާ އަމީނީގެ މަރާ އެކު ފެށި މުޒަހަރާތައް މަހަކަށް ދެމިގެން ދިޔަ އިރު އެގައުމުގެ ސިވިލް ސާވަންޓުންވެސް މަގުތަކަށް ނުކުންނަން ފަށައިފިއެވެ.

އަލްޖަޒީރާއިން ރިޕޯޓު ކުރާ ގޮތުގައި، އާންމުންގެ ބަހަކީ، "މިހާރު ބިރު ނުގަންނަ" ކަމަށެވެ. ނަމަވެސް މުޒާހަރާތަކުގައި ބައިވެރިވާ ސިވިލްސާވަންޓުންގެ އަދަދެއް ސާފެއް ނުވެއެވެ.

އީރާނުގެ 34 ސިޓީއެއްގައި މުޒާހަރާތައް ކުރިއަށް ދާއިރު ވެރިރަށް ތެހެރާންގައި ހުންނަ އަންހެނުންގެ ސްކޫލް އަލް ޒަހްރާ ޔުނިވާސިޓީގެ ސާނަވީ އަހަރު ފެށޭ ރަސްމިއްޔާތަށް އެގައުމުގެ ރައީސް އިބްރާހިމް ރައީސީ ވަޑައިގަތުމުންވެސް ދަރިވަރުން ވަނީ ނުރުހުން ފާޅުކޮށް އިހުތިޖާޖު ކޮށްފައެވެ.

އަމީނީގެ މަރާ ގުޅިގެން ކުރިއަށް ދާ މުޒާހަރާތަކާއި ހަމަނުޖެހުންތަކުގެ ޒިންމާ އީރާނުން އަޅުވަނީ ސަރުކާރާ ދެކޮޅު ފަރާތްތަކާއި އެމެރިކާގެ ބޮލުގައެވެ.

ޔުނިވާސިޓީއަށް ރައީސީ ވަޑައިގެންނެވި އިރު ދަރިވަރުން އިހުތިޖާޖު ކުރި ނަމަވެސް ރައީސީ ވަނީ ދަރިވަރުންނާއި ޔުނިވާސިޓީގެ ޕރޮފެސަރުންނާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވާފައެވެ. އޭނާ ވިދާޅުވީ، ދުޝްމަނުންނަށް ހީވަނީ އެމީހުން ބޭނުންވާ އަމާޒު ޔުނިވާސިޓީ ތެރެއިން ހާސިލު ކުރެވިދާނެ ކަމަށާއި ނަމަވެސް ޕްރޮފެސަރުންނާއި ދަރިވަރުން ތިބީ އެއަށް ވުރެ ހުށިޔާރުވެ ސަމާލުވެގެން ކަމަށެވެ.

އަމީނީ ނިސްބަތްވާ ޝާގީޒްގެ އަންހެންވެރިން މުޒާހަރާތަކުގައި މިހާރުވެސް ގޮވަމުން ދަނީ އަންހެނުންނަށް މިނިވަންކަން ދިނުމަށެވެ. އަދި ބޯމަތީގައި ބުރުގާ ހޫރުވަމުން މަގުމަތީގެ މުޒާހަރާތަކުގައި ދަނީ ބައިވެރިވަމުންނެވެ.

ކުރިދިސްތާންގެ އެހެން އަވަށެއްގައިވެސް ސްކޫލު ދަރިވަރުން އެ ޝިއާރާއެކު ސްކޫލަށް ވަދެ އަޑުގަދަކޮށް ހަދާފައި ވެއެވެ.

އީރާނުގެ ސަރުކާރަށް ތާއީދު ކުރާ ޓީވީތަކުން ބުނާ ގޮތުން، މުޒާހަރާ ކުރަނީ މަދު ބައެއް ކަމަށާއި ތެހެރާނުގެ 10 ސަރަހައްދެއްގައި މަދުބަޔަކު އެއްވެ އަޑުއުފުލާފައި ވެއެވެ. ނަމަވެސް ސޯޝަލްމީޑިއާ އާއި ބައިނަލްއަގުވާމީ ނޫސް އެޖެންސީތަކުން ހާމަ ކުރާ ގޮތުގައި، އީރާނުގެ 34 ސިޓީއެއްގެ އިތުރުން ދުނިޔޭގެ އެތަން މިތާނގައި އީރާނު ސަރުކާރާ ދެކޮޅަށް އަޑުއުފުލާ އިހުތިޖާޖުތައް ދަނީ ކުރަމުންނެވެ. އަދި އެ އިހުތިޖާޖުތަކާއި މުޒާހަރާ ތަކުގެ ވީޑިއޯތައްވެސް ދަނީ އާންމު ކުރައްމުނެނެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ބުނާ ގޮތުން މުޒާހަރާތަކާ ގުޅިގެން އުފެދިފައިވާ ހަމަނުޖެހުންތަކުގައި ފުލުހުންނާ ކުރިމަތި ލުމުގެ ސަބަބުންނާއި މުޒާހަރާގެ ބައިވެރިން ހިފާ ހައްޔަރު ކުރުމުގެ ތެރޭގައި ބާރުގެ ބޭނުން ކުރުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 92 އަށް އަރާފައެވެ.

މާޝާ އަމީނީގެ މަރާ އެކު އީރާނާ ދެކޮޅު ރޫހެއް ދުނިޔޭގެ އެތަން މިތާނގައި އުފެދިފައި ވާ އިރު އެމެރިކާއިން ވަނީ މައުލޫމާތު ފަތުރާ ހާމަ ކުރުމުގައި އީރާނަށް އަޅާފައި އޮތް ދަތިކުރުމުގެ ފިޔަވަޅުތައް ލުއިކޮށް ވީޑިއޯއާއި ފޮޓޯ އަދި އިންޓަވިއުތައް އީރާނުން ބޭރަށް ފޮނުވޭނެ މަގުތައް ފަހިކޮށްދީފައެވެ.

މާޝާ އަމީނީ މަރުވީ، ފުލުހުން އޭނާ އަށް ދިން އަނިޔާގެ ސަބަބުން ކަމަށް އާއިލާއިން ބުނި ނަމަވެސް، ހުސްވި ހަފްތާގައި ހާމަ ކުރި ތަހުގީގު ރިޕޯޓުގައި ބުނެފައި ވަނީ އަމީނީ އަކީ ކުރިންވެސް ބަލި މީހެއް ކަމަށާއި މަރުވީ އެކަމުގެ ސަބަބުން ކަމަށެވެ.