ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން އައްޑޫ ފޭދޫ / ސޮލިޑް، މުހައްމަދު ޒަޔާން މޫސާ (21އ.) މަރުވި މައްސަލައިގައި ހިމެނޭ ހަތަރު ކުދިންގެ މައްޗަށް ދައުވާ ކޮށްފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ ޒަޔާންއަށް ތޫނުއެއްޗަކުން ހަމަލާދީ މަރާލި މައްސަލާގައި އުމުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖެއްގެ މައްޗަށް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު ގެ 05 ވަނަ މާއްދާގެ (ހ) ގެ ދަށުން ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން އުމުރުން 18 އަހަރު ނުފުރޭ އިތުރު 3 ކުދިންގެ މައްޗަށް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު ގެ 05 ވަނަ މާއްދާގެ (ބ) ގެ ދަށުން ތޫނުއެއްޗެއް ބޭނުންކޮށްގެން ފަސްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދައުވާ ކޮށްފައިވާ ކަމަށް ވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

މި ދައުވާތައް މިމަހު ހަ ވަނަ ދުވަހު ޖުވެނައިލް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

މި މައްސަލައިގައި ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދައުވާލިބޭ 3 ކުދިންގެ ތެރެއިން 2 ކުދިން ކުށަށް އިއުތިރާފުވެ، ޑައިވާޝަން ފުރުސަތަށް އެދިފައިވާތީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ޑައިވާޝަން އެގްރީމެންޓް ހަދާފައިވާ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެއެވެ.

މިމައްސަލައިގައި ތުހުމަތުކުރެވޭ އުމުރުން 18 އަހަރުން މަތީގެ 5 މީހެއްގެ ބައި ދިވެހި ފުލުހުން އިތުރަށް ތަހުގީގުކުރަމުން ކަމަށް ޕީޖީން އޮފީހުން ބުނެފައިވެއެވެ.

ޕީޖީ އޮފީހުން ބުނީ، ތަހުގީގުގައި ކުރަންހުރި މަސައްކަތްތަކަށް ބަލައި، މައްސަލަ ތަހުގީގުކުރުމުގެ މުއްދަތު، އިތުރުކޮށްދެމުންގެންދާ ކަމަށެވެ.

މިދިޔަ މޭ މަހުގެ 31 ވަނަ ދުވަހުގެރޭ ފޭދޫގައި ހިންގި އެ މާރާމާރީގައި ޒަހަމްވި ޒުވާނާ މަރުވީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ. ތޫނު އެއްޗެހިން ހަމަލާ ދީ ހިންގި އެ މާރާމާރީ އަކީ ދެ ގްރޫޕެއްގެ ދެމެދުގައި އުފެދުނު ހަމަނުޖެހުމެއްގެ އިތުރުން މަސްތުވާތަކެއްޗާ ގުޅުން ހުރި މާރާމާރީއެއް ކަމަށް ފުލުހުން ބުނެއެވެ.