ހދ. ނޭކުރެންދޫގައި ސަރުކާރުން އެޅުމަށް ހަމަޖެހިފައިވާ ޖަލުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓު ސެކްރެޓަރީ އަބްދުއްރަހްމާން ސަލާހެވެ. އަދި ޔުނިކް ޗޮއިސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ރިޔާޒް އަލީއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ރާއްޖޭގައި މިވަގުތު ގޭންގުތަކާއި ޑްރަގް ނެޓްވޯކް ތަކުގައި ޖެހިފައިވާ ޒުވާނުންނަށް ވަރަށް ބޮޑަށް އަޅާލުންތެރިކަން ބޭނުންވާ ކަމަށާއި އެކަމަށް އޮތް އެންމެ ބޮޑު ހައްލަކީ އިންޑަސްޓްރިއަލް ނުވަތަ އޯޕަން ޕްރިޒަން އެއް ރާއްޖޭގައި ގާއިމުވެގެން ދިއުން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އިމްރާން ވިދާޅުވީ ނޭކުރަންދޫ ޖަލުގެ މަސައްކަތާއެކު ކުރިއަށް ގޮސް އެ މަސައްކަތް ނިމުމުން ރާއްޖޭގެ ކުށުގެ ވެށްތަޓަށް ބޮޑު ހެޔޮ ބަދަލެއް އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި ޖަލުގެ މަސައްކަތްތައް މިހާރު ދާ ގޮތުން މި ދައުރުގެ ތެރޭގައި ޖަލު އަޅާ ނުނިމޭނެ ކަމަށެވެ.