ދުނިޔޭގެ އެއްވެސް ތަނެއްގައި އެމެރިކާގެ އުފެއްދުން ނުވަތަ ޓޫލްސް ބޭނުން ކޮށްގެން ހަދާ ޗިޕްސް ނުވަތަ ސެމިކޮންޑަކްޓާ ޗިޕްސް ޗައިނާއަށް ދިނުން އެމެރިކާއިން އާ ގައުޑްލައިނެއް ނެރެފިއެވެ.
އެމެރިކާގެ ބޭނުމަކީ، ޗައިނާގެ ޓެކްނޮލީ ސިނާއަތާއި އަސްކަރީ ސިނާއަތުގައި ބޭނުންކުރާ އެކިއެކި އާލާތްތަކުގައި ހިމަނާ ޒަމާނީ ޗިޕްސް ބޭނުން ކުރުން މަޑުޖައްސުވާލައި، އެ ދާރާއިން ޗައިނާގެ ކުރިއެރުން ހުއްޓުވާލުމެވެ.
މިއީ 1990 ވަނަ އަހަރަށް ފަހު މި ދާއިރާއިން އެމެރިކާއިން ޗައިނާއާ ދެކޮޅަށް މިފަދަ ހަރުކަށި ފިޔަވަޅެއް އަޅާ ފުރަތަމަ ފަހަރެވެ. މުރާސިލުން ބުނާ ގޮތުން، އެމެރިކާގެ މި ފިޔަވަޅާއެކު ޗައިނާގެ ޓެކްނޮލޮޖީގެ ސިނާއަތް އެތައް އަރަހެއް ފަހަތަށް ދާނެއެވެ.
"ޗައިނާއިން ޗިޕް އުފެއްދުން ހުއްޓައެއް ނުލާނެ، ނަމަވެސް އެމެރިކާގެ ނިންމުމާއެކު އެތައް އަރަހެއް ފަހަތަށް ދާނެ" އެމެރިކާގެ ޗައިބާ ސެކިއުރިޓީ އެކްސްޕާޓް ޖިމް ލެވިސް ބުނެއެވެ.
ޗިޕް އުފެއްދުމުގައި ދުނިޔޭގައި ލީޑްކުރާ ކޭއެލްއޭ ކޯޕް އާއި ލޅޭމް ރިސާޗް ކޯޕް އަދި އެޕްލައިޑް މެޓީރިއަލްސް އިންކް އަށް އެމެރިކާ ސަރުކާރުން ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ އެޑްވާސް ޗިޕްސް އުފައްދާ ޗައިނާގެ ކުންފުނިތަކަށް އެމެރިކާގެ އާލާތްތައް ބޭނުން ކޮށްގެން އުފައްދާ ސެމިކޮންޑަކްޓާ ޗިޕްސް ފޮނުވުން ވަގުތުން ހުއްޓާލުމަށެވެ. އަދި އެފަދަ ޗިޕް އުފައްދަން ބޭނުން ކުރާ އެމެރިކާގެ އާލާތްތައްވެސް ފޮނުވުން ހުއްޓާލަން އަންގާ އެ ސިޓީތަކުގައި އެކަން ފާހަގަ ކޮށްފައި ވެއެވެ.
މީގެ ކުރިން، ޗައިނާގެ މުވާސަލާތީ ބޮޑު ކުންފުނި ހުއާވޭ އަށް ވެސް ޗިޕް ފޮނުވުން އެމެރިކާއިން ހުއްޓުވިއެވެ. އަދި ޔޫކްރައިން ހަނގުރާމައާ ގުޅިގެން ރަޝިއާގެ ކުންފުނިތަކަށްވެސް އެމެރިކާގެ ސެމިކޮންޑަކްޓާ ޗިޕް ފޮނުވުން ވަނީ ހުއްޓުވާފައެވެ.
އެމެރިކާއިން މި ފިޔަވަޅު އެޅި ޗައިނާގެ މުހިންމު ކުންފުނިތަކުގެ ތެރޭގައި އިފްލީޓްކެ، ދަހުއާ ޓެކްނޮލޮޖީ، މެގްވީ ޓެކްނޮލޮޖީ ހިމެނެއެވެ. މި ކުންފުނިތަކަކީ، ޓެކްނޮލޮޖީ އިންޑަސްޓްރީގައި ހަރަކާތްތެރިވާ ބިލިއަން ބިލިއަން ޑޮލަރުގެ އާމްދަނީ ނެރޭ ކުންފުނިތަކެވެ.
މީގެ އިތުރުން ޗައިނާގެ ސްޕާކޮމްޕިއުޓާ ސިސްޓަމަށް ބޭނުންވާ ޗިޕްސް ވެސް އެކްސްޕޯޓް ކުރުން އެމެރިކާއިން ވަނީ ހުއްޓުވާފައެވެ. މިއާއެކު ޗައިނާގައި ވިޔަފާރި އުސޫލުން ހިންގާ ޑޭޓާ ސެންޓަރުތަކަށްވެސް މި ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް މުރާސިލުން ބުނެއެވެ.