ދުނިޔޭގައި މުދަލުގެ އަގު އުފުލި ރާއްޖޭގެ އިންފްލޭޝަން މައްޗަށް ދިއުމާ ގުޅިގެން ރާއްޖޭގެ އިގްތިސާދީ ހާލަތަށް ނޭދޭވެ އަސަރު ކުރަމުންދާ ކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.

އެ ބޭންކުން މިއަދު ނެރުނު ސައުތު އޭޝިއަން އިކޮނޮމިކް ފޯކަސް (ސެއިފް) ރިޕޯޓުގައި ވާ ގޮތުން، މިއަހަރު ނިމޭއިރު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ހުންނާނީ 12.4 ޕަސެންޓްގައެވެ.

މިއީ ކުރިން ލަފާކުރި އަދަދަށް ވުރެ 4.8 ޕަސަންޓް އިތުރު އަދަދެކެވެ. އަދި 2023-2024 ގައި ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ހުންނާނީ 8.1 ޕަސެންޓްގައި ކަމަށް ވެސް ލަފާކޮށްފައި ވެއެވެ.

މީގެ އިތުރުން ޓޫރިޒަމް ދާއިރާ ފުޅާކުރުމަކީ ރާއްޖޭގެ އިގުތިސާދު ކުރިއަރާ ކަމެއް ކަމަށް ވޯލްޑު ބޭންކުން ބުނެއެވެ. ނަމަވެސް ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލެމުންދާތީ ރާއްޖޭގެ އިންފްލޭޝަން މައްޗަށްދާ ކަމަށާއި އެކަމާ ގުޅިގެން ރާއްޖޭގެ އިގްތިސާދީ ގާބިލްކަން ކުރިމަތިވާ ގޮންޖެހުންތައް އިތުރުވެދާނެ ކަމަށް ވަނީ ފާހަގަކޮށްފައެވެ.

ރާއްޖޭގެ ޖީޑީޕީ ކުރިއަރާނެ ކަމަށް ލަފާކުރިޔަސް ބޭރުގެ ދަރަނި ބޮޑުވުމާއި ބޮޑެތި މާލީ އަދި ކަރަންޓް އެކައުންޓް ޑެފިސިޓްތަކަކީ އެ ލަފަޔަށް އޮތް ބިރެއް ކަމަށް ވެސް އެ ރިޕޯޓުގައި ވަނީ ބުނެފައެވެ.

ސަރުކާރުން ހާމަކުރި ތަފާސްހިސާބުތަކުގައި ވާ ގޮތުން، ރާއްޖޭގެ ދަރަނި މިހާރު ހުރީ 100 ބިލިއަން ރުފިޔާ އަށް ވުރެ މަތީގައެވެ.