ތައިލޭންޑްގެ ނޮންބުއާލަމްޕޫ އަވަށުގައި ހުންނަ ޑޭކެއާ އަކަށް ހަތިޔާރާ އެކު ވަދެ ބަޑިޖަހާ 23 ކުޑަކުދިން މަރާލައިފިއެވެ. މިހާދިސާގެ ރިޕޯޓުތަކުން ހާމަ ވާ ގޮތުން، ބަޑިޖެހި މީހާ އެ ޑޭ ކެއާއަށް ވަނީ ޝޮޓްގަން އަކާއި ފިސްތޯލައެއްގެ އިތުރުން ވަޅިއެއްވެސް ހިފައިގެންނެވެ.

އޭނާ އަކީ މީގެ ކުރިން އަސްކަރިއްޔާގައި އުޅުނު އުމުރުން 34 އަހަރުގެ ޒުވާނެއް ކަމަށާއި ވަޒީފާއިން ކަނޑާލީ މަސްތުވާތަކެތީގެ މައްސަލައެއްގައި ކަމަށް ބުނެފައި ވެއެވެ.

އޭނާ ޑޭ ކެއާއަށް ވަދެ، ކުދިންތައް ނިދާފައި ތިއްބާ ބަޑި ޖެހީ ކަމަށާއި އެ ހާދިސާގައި އެ ޑޭކެއާގައި މަސައްކަތް ކުރާ 7 މީހަކުވެސް މަރުވެފައި ވާ ކަމަށް ބުނެއެވެ.

ހަމަލާ ދިން މީހާ ބަޑިޖެހުމަށް ފަހު ޕިކަޕެއްގައި ފިލައިގެން ދިޔައީ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ފެނުނީ، އޭނާ ދިރިއުޅޭ ގެއަށް ގޮސް އަންހެނުންނާއި ދަރިފުޅު މަރާލުމަށް ފަހު އަމިއްލައަށް މަރުވެފައި ވަނިކޮށް ކަމަށް ހަބަރުތައް ބުނެއެވެ.

ބަޑި ހިފައިގެން ހުރި މީހާ ޑޭކެއާއަށް ވަދެ ފުރަތަމަ ބަޑި ޖެހީ ބޮޑެތި މީހުން ގަޔަށް ކަމަށާއި މަރުވި މީހުންގެ ތެރޭގައި 8 މަހުގެ މާބަނޑު މީހަކުވެސް ހިމެނެއެވެ. އޭގެ ފަހުން ކުދިން ނިދާފައި ތިބި ކޮޓަރިއަށް ވަދެ ބަޑިޖޭހީ ކަމަށާއި އެވަގުތު ޑޭކެއާގައި 30 އަކަށް ކުދިން ތިބިކަމަށް އޮފިޝަލުން ބުނެއެވެ.

މިހަމަލާ ތަހުގީގު ކުރަމުން ދާއިރު ހަމަލާ ދިން ސަބަބު އަދި ދެނެގަނެވިފައެއް ނުވެއެވެ.