ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރު ގަތުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނަރަލް ޓްރޭޑިންއަށް ސަރުކާރުން ފައިސާ ދޫކުރި މައްސަލައިގައި ފައިލް ކުރީ 8 މީހެއްގެ މައްސަލަަ ކަމަށާއި އަދި ބާކީ ތިބި 3 މީހުންގެ މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ބުނެފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އޭސީސީން ބުނީ، ވެންޓިލޭޓަރުތައް ގަތުމުގައި ދައުލަތަށް ބޮޑު ގެއްލުމެއް ލިބިފައިވާ މައްސަލައިގައި މިހާތަނަށް 8 މީހެއްގެ މައްސަލަަ ފައިލްކޮށްފައި ވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ޕްރޮސެކިއުޓާ ޖެނެރަލް ފާހަގަ ކުރެއްވި ފަންނީ ކަންތައްތަކެއް ހުރެގެން އިސްލާހު ކުރުމަށް ފަހު ހުށަހަޅަން އެދިފައި ވަނީ ފައިލް ނުކޮށް އޮތް 3 މީހެއްގެ މައްސަލަ ކަމަށެވެ. އެ މައްސަލަތައް މިހާރު އިތުރަށް ބަލައި ޕީޖީން އެދިފައިވާ ކަންކަން އިސްލާހު ކުރުމުގެ ކަންކަން ކުރިއަށްދާ ކަމަށް އޭސީސީން ބުނެއެވެ. އަދި އެކަން ފުރިހަމަ ކުރުމަށް ފަހު ޕީޖީއަށް މައްސަލަ ހުށަހަޅާނެ ކަމަށް ވެސް އޭސީސީން ބުނެއެވެ.

ނަމަވެސް ފައިލް ނުކޮށް ބަލަމުން ދަނީ ކޮން ތިން މީހެއްގެ މައްސަލަ ކަމެއް އޭސީސީން ހާމައެއް ނުކުރެއެވެ. އަދި އޭސީސީން ތަހުގީގު ނިންމައި ފޮނުވިއިރު އޭގައި ހުރީ ކޮން ކަހަލަ މައްސަލަތަކެއް ކަމެއް އޭސީސީން އަދި ޕީޖީން ވެސް ހާމައެއް ނުކުރެއެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލަ ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީ އަށް ވެސް ގެންދިޔައެވެ. އޭސީސީން ދައުވާކުރި މީހުންގެ ތެރޭގައި އެ ކޮމިޓީގެ މެމްބަރުންތަކެއް ވެސް ހިމެނެއެވެ. އޭސީސީން ކުރިން ބުނެފައިވާ ގޮތުގައި ވެންޓިލޭޓަރުތަކުގެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ފޮނުވާފައި ވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިން ކަމުގެ ކުށުގެ ދައުވާ ކުރުމަށެވެ.

އެ މައްސަލައިގައި ދައުވާކުރަން އެދުނީ ވެންޓިލޭޓަރުތައް ހޯދަން ގާބިލު ކުންފުންޏެއްތޯ ނުބަލައި ހަވާލުކޮށް، އެއްބަސްވުމެއް ނެތި ކުންފުންޏަށް މަސައްކަތް ކުރިއަށް ގެންދިއުމަށް އެންގުމާއެކު މާލިއްޔަތު ގަވާއިދާ ހިލާފަށް އެޑްވާންސް ޕޭމަންޓްގެ ގޮތުގައި 30 މިލިއަން ރުފިޔާ ދީފައިވާތީ އެވެ. އެ ފައިސާ ދެއްކީ ދުބާއީގެ އެގްޒެކިއުޓާސް އިން 65 މެކޭނިކަލް ވެންޓިލޭޓަރާއި 10 ޕޯޓަބަލް ވެންޓިލޭޓަރު ނުލިބެނީސް އެ ލިބުނު ކަމަށް ސެޕް ސިސްޓަމުން 'ގުޑްސް ރިސީވްޑް' ކަމަށް ދައްކައިގެންނެވެ. އެކަމަކު އޭރު އެ ކުންފުންޏާ އެކު އެއްބަސްވުމުގައި ސޮއި ވެސް ނުކުރެއެވެ.

އެގްޒެކިއުޓާސްއާ ހަވާލުކުރި 75 ވެންޓިލޭޓަރުގެ ތެރެއިން މިހާތަނަށް ލިބުނީ 15 ވެންޓިލޭޓަރެވެ. އެ ވެންޓިލޭޓަރުތައް ނުލިބި ސަރުކާރުން ވަނީ އެ ކުންފުންޏާއެކު ހެދި އެއްބަސްވުން ބާތިލުކޮށް، އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅަން ނިންމާފައެވެ.

ވެންޓިލޭޓާރު މައްސަލައިގެ ތަހުގީގުގައި ހުރި ފަންނީ މައްސަލަތައް ހައްލުކޮށް އަލުން ހުށަހަޅަން އެދިފައިވާ އިރު، މިހާތަނަށް ވެންޓިލޭޓަރު ހޯދުމުގެ މައްސަލާގައި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއެކު 11 މީހެއްގެ މައްޗަށް ދައުވާކޮށްދޭން އެދި ތިން ފަހަރު އޭސީސީން ވަނީ ޕީޖީއަށް މައްސަލަ ހުށަހަޅާފައެވެ. ނަމަވެސް އެއިން ކޮންމެ ފަހަރަކު މައްސަލައިގައި ދައުވާކޮށް ނުދީ ވަނީ މައްސަލަ އަނބުރާ ފޮނުވާލާފައެވެ. އެހެންކަމުން އެ މައްސަލަ ފައިލް ކޮށްފައިވާ ކަމަށް އޭސީސީން ވަނީ މިދިޔަ އޮގަސްޓް މަހު ބުނެފައެވެ.